ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރޭ ގްރޫޕް ބީގައި ސްޕެއިންއާއި ޖޯޖިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ސްޕެއިނުން ކާމިޔާބު ކޮށްފިއެވެ. ރޭ މެޗު ސްޕެއިނުން ކާމިޔާބު ކުރީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ޔޫރޯ ކޮލިފައިން މެޗުތަކަށް ސްޕެއިނުން އެކުލަވާލި ޓީމުން ބާސެލޯނާއަށް ކުޅެމުން އަންނަ އުމުރުން 16 އަހަރުގެ ލެމީން ޔަމާލަށް ފުރުޞަތު ދިނުމާއިއެކު އޭނާ ވެފައި ވަނީ ސްޕެއިންގެ ސީނިއާ ސްކޮޑުން ޖާގަ ހޯދި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

Ad
rt

ރޭ މެޗުގައި ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ޔަމާލް ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފައެވެ. އަދި މެޗުގައި ސްޕެއިނުން ކާމިޔާބުކުރި ހަތްވަނަ ލަނޑު ވެސް ޖެހީ އޭނާއެވެ. މިވަގުތު އޭނާގެ އުމުރަކީ 16 އަހަރާއި 57 ދުވަހެވެ. އޭނާއަކީ ސްޕެއިން ސީނިއާ ޓީމަށް އެންމެ ހަގު އުމުރުގައި ކުޅެ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. މީގެ ކުރިން ސްޕެއިން ގައުމީ ޓީމަށް އެންމެ ހަގު އުމުރުގައި ކުޅުމުގެ ރެކޯޑް އޮތީ ބާސާގެ މެދުތެރެއަށް ކުޅެމުން އަންނަ ގަވީ އަތުގައެވެ. އޭނާގެ އުމުރުން 17 އަހަރުގައި ވަނީ ސްޕެއިންގެ ސީނިއާ ޓީމަށް ކުޅެފައެވެ.

ޔަމާލްއަކީ މިހާރު ބާސާގެ ސީނިއާ ޓީމްގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިއެކެވެ. ބާސާއިން ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ކޯޗް ޒަވީ ވަނީ ޔަމާލްއަށް ފުރުޞަތު ދީފައެވެ. މިދިޔަ މަހު ބާސާއިން 4-3 ގެ ނަތީޖާއިން ވިލަރެއާލް ބަލިކުރި މެޗުގައި ޔަމާލް ވަނީ ދެ އެސިސްޓްހަދައި އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފައެވެ. އޭނާއަކީ ބާސާ ސީނިއާ ޓީމަށް ވެސް މެޗެއް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއެވެ.

ރޭ މެޗުގައި ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި ސްޕެއިނުން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މޮރާޓާ ހެޓްރިކް ހެދިއިރު ދެން ލަނޑު ޖަހާފައި ވަނީ އޯލްމޯގެ އިތުރުން ޔަމާލްއާއި ވިލިއަމްސްއެވެ. ސްޕެއިނުން ކާމިޔާބުކުރި ދެވަނަ ލަނޑަކީ ޖޯޖިއާގެ ޑިފެންޑަރެއްގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މި މޮޅާއިއެކު ސްޕެއިންއަށް ވަނީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ލިބިފައެވެ. ސްޕެއިން މިވަގުތު އޮތީ ގްރޫޕް ބީގެ ދެވަނާގައެވެ. އެއްވަނާގައި އޮތީ ކުޅުނު ފަސް މެޗުން ފަނަރަ ޕޮއިންޓް ހޯދި ސްކޮޓްލެންޑެވެ. ތިންވަނާގައި އޮތް ނޯވޭއަށް ހަތަރު މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ހަތަރު ވަނާގައި އޮތް ޖޯޖިއާއަށް ވެސް ހަތަރު މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ.