ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ބަނދަރު ސަރަހައްދުން ވިޔަފާރި ކުރުމަށް ދޫކުރާ ބިންތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިގޮތުން އެ ރަށުގެ ބަނދަރު ސަރަޙައްދުން ވިޔަފާރި ކުރުމަށް 05 ބިމެއް 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކޮށްލުމަށް ހޯރަފުށީ ކައުންސިލުން ވަނީ ނިންމާފައެވެ.

Ad
rt

މި ބިންތަކުގެ ތެރޭގައި ހިމެނެނީ ހޯލްސޭލް / ރީޓޭލް (މިކްސްޑް ވިޔަފާރި ) ކުރުމަށް ދޫކުރާ 2267.9 އަކަފޫޓުގެ ބިމަކާއި، ސްޕަމާކެޓް (މިކްސްޑް ވިޔަފާރި) ކުރުމަށް ދޫކުރާ 2267.9 އަކަފޫޓުގެ ބިމަކާއި، ހާޑްވެއާ / ފަރުނީޗަރުގެ ވިޔަފާރި ކުރުމަށް ދޫކުރާ 2267.9 އަކަފޫޓުގެ ބިމަކާއި، ސްޕަމާކެޓް (މިކްސްޑް ވިޔަފާރި) ކުރުމަށް ދޫކުރާ 2038.7 އަކަފޫޓުގެ ބިމެއްގެ އިތުރުން ކެފޭ ރެސްޓޯރެންޓް ހިންގުމަށް ދޫކުރާ 2038.7 އަކަފޫޓުގެ ބިމެކެވެ. މި ބިންތަކުގެ ބީލަންފެށޭ އެންމެ ދަށް އަގަކީ 100 ލާރިއެވެ.

މި ބިންތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ ކައުންސިލުން ބީލަންފޮތް ބައްލަވައިގަތުމަށްފަހު، މި މަހުގެ 24 ވަނަ ދުވަހުގެ 13:00 އަށް ހޯރަފުށީ ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމަށް ވަޑައިގެން ބިޑް ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.

މި ބިންތަކާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފު ކުރެއްވަން ބޭނުންފުޅުވާ ފަރާތްތަކުން procurement@hoarafushi.gov.mv މެއިލް ކުރެއްވުމަށް ނުވަތަ 6500012 އަށް ގުޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.