މިއަހަރުގެ ސެޕްޓެމްބަރ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މާލެއިން ރަށްރަށަށްދާ ފުލުހުން ފުރަން ފަށައިފިއެވެ.
އެގޮތުން މާލެއިން ފުރަންފަށާފައިވަނީ އުތުރުގެ އަތޮޅުތަކުގެ ރަށްރަށަށްދާ ފުލުހުން އިއްޔެ ފުރާފައިވާއިރު، ދެކުނުގެ އަތޮޅުތަކުގެ ރަށްރަށަށް ދާ ފުލުހުން މިއަދުގެ އެކި ވަގުތުތަކުގައި ފުރާނެއެވެ.
ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފުލުހުން ހަރަކާތްތެރި ވަމުންދާނެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެފައިވަނީ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، އިތުރު ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި އެ ރަށަކަށް ފޮނުވުމަށް ފުލުހުންގެ ޓީމެއް ކޮންމެ ރީޖަނެއްގައި ވެސް ގާއިމުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެ އިދާރާ އިން ވިދާޅުވީ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނީ ފުލުހުންގެ ގާނޫނުން ފުލުހުންނަށް މަތިކޮށްފައިވާ ތަމްރީނުތަކާ އެކުގައި ކަމަށާއި އިންތިބާއި ގުޅޭގޮތުން ދޭންޖެހޭ އެހެނިހެން މައުލޫމާތު ވެސް ފުލުހުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ކަށަވަރުކޮށް ބެލެހެއްޓުމަށް ފުލުހުން ދުރާލައި ތައްޔާރީތައް ވެފައިވާއިރު، އިންތިހާބާއި ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރުއެވެ. ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!