ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ނަސްރާއި އަލް ޝަބާބް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު އަލް ނަސްރުން ކާމިޔާބު ކޮށްފިއެވެ.
ލީގުގައި އަލް ނަސްރުން މިހާތަނަށް ވަނީ ހަތަރު މެޗު ކުޅެފައެވެ. ފުރަތަމަ ދެ މެޗުން އެ ޓީމް ބަލިވި ނަމަވެސް ފަހު ދެ މެޗު ވަނީ ތަފާތު ބޮޑުކޮށް ކާމިޔާބު ކޮށް ޕޮއިންޓް ތާވަލުގެ ހަވަނައަށް ކުރިއަށް ޖެހިލާފައެވެ. އަލް ނަސްރަށް ހަތަރު މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ. މިވަގުތު އެއްވަނާގައި އޮތީ އަލް އިއްތިފާޤެވެ. އެ ޓީމަށް ހަތަރު މެޗުން ވަނީ 12 ޕޮއިންޓް ލިބިފައެވެ.
ރޭ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު އޭނާ ވަނީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު ވެސް ރޮނާލްޑޯ ޖަހާފައި ވަނީ 38 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލް ނަސްރުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެ ޓީމަށް ތިންވަނަ ލަނޑު 40 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރޮނާލްޑޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މާނޭއެވެ.
އަލް ނަސްރުގެ މެޗުގެ 63 ވަނަ މިނެޓުގައި ވެސް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެ ޕެނަލްޓީ ޖެހީ އެޓީމްގެ މިޑްފީލްޑަރ އަބްދުއްރަހްމާން އަބދުﷲ ގަރީބެވެ. އޭނާއަށް އެ ޕެނަލްޓީ ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
އަލް ނަސްރަށް ހަތަރުވަނަ ލަނޑު 80 ވަނަ މިނެޓުގައި ޖަހައިދިނީ ސުލްތާން އަލް ގަންނާމްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!