ރާއްޖެ އަށް ކުރިމަތިވެފައިވާ ދަރަނި ދަންތުރަ އިން ގައުމު ސަލާމަތްކޮށް ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރ. ދުވާފަރުގައި ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ މީގެ 10 ވަރަކަށް ދުވަސް ފަހުން، އަންނަ އިންތިހާބުގައި ރައްޔިތުންނަށް އޮތް ދެ ޗޮއިސްއަކީ ނަތީޖާ ނެރެދެވޭނެ ބަޔަކާ ހަވާލު ކުރުން ނުވަތަ ނަތީޖާ ނުނެރެވުނު ބަޔަކާ ވެރިކަން ހަވާލު ކުރުން ކަމަށެވެ.
މުއިއްޒު ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގެންފި ނަމަ، ރައްޔިތުން ގޮވަމުންދާ އެތައް ކަމެއްގައި އަތުކުރި އޮޅާލައިގެން ނުކުމެ، ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައި ދެއްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގެން ކުރައްވަން ޖެހިވަޑައިގަންނަވާ އެންމެ މުހިންމު އެއް މަސައްކަތަކީ "ދަރަނި ދަންތުރަ" އިން ރާއްޖެ ސަލާމަތްވުމުގެ މަސައްކަތް ފެއްޓެވުން ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީ އަށް އިގްތިސާދު ނަގައި ކޮޅަށް ޖަހަން އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ދަރަނި ދަންތުރަ އިން މި ގައުމު އިރާދަކުރެއްވިއްޔާ ސަލާމަތްކޮށްދޭނަން،" މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްގީ އަށް ކުރަން ޖެހޭ ކަންކަން ކުރަން ހުރި ކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ގައުމުގެ އިގްތިސާދު ނަގައި ކޮޅަށް ޖަހަން ޖެހޭ ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީ ވެރިކަމެއްގައި ރައްޔިތުން ފުދުންތެރި ބަޔަކަށް ހަދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުއިއްޒު ދެއްވި ޔަގީންކަމީ ރައްޔިތުންގެ އުންމީދުތަކުގައި އެންމެ ތަންކޮޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!