ގައުމީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ބ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ތުޅާދޫއަށް ވަޑައިގެންފިއެވެ.

ތުޅާދުއަށް ގާސިމް ވަޑައިގެންނެވި ވަގުތު ބޯކޮށްވާރޭވެހުމުން ދިޔަނަމަވެސް ތުޅާދޫ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ގާސިމްއަށް އޮތްތާއީދު ހާމަކޮށްފައެވެ.

Ad
rt

ތުޅާދޫގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް މިސަރުކާރުން ތުޅާދޫގެ ރައްޔިތުންނަށް ދައުވަތުދީ ގާސިމް ވަޑައިގެންނެވި ގަޑީގައި އެރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވިޔަސް ގިނަ ރައްޔިތުން ބައިވެރިވީ ގާސިމަށް އިސްތިގްބާލުކޮށް މަރުހަބާ ދެންނެވުމުގައެވެ.

ގައުމީ ކެންޑީޑޭޓް ގާސިމްގެ އިސްތިގްބާލްގައި ނިކުމެތިބި ތުޅާދޫގެ ރައްޔިތުން ސަލާމް ކުރެއްވުމަށްފަހު ގާސިމްވަނީ ޖުމްހޫރީޕާޓީގެ ބޮޑުދިދަ ތުޅާދޫ ބަދަރު ސަރަހައްދުގައި ނަންގަވާ ދެއްވާފައެވެ.

ގައުމީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމްއަކީ ތުޅަދޫއަށް ނިސްބަތްވާ ބޭފުޅެކެވެ. ކުރީގެ ޓޫރިޒަމް އަލީ ވަހީދު ވިދާޅުވީ އަމީންއަކީ އިލްމީގޮތުންނާއި އަޚްލާގީ ގޮތުންވެސް ރަނިންމޭޓުންގެ ތެރެއިން ފެންނަން ހުރި އެންމެ ވަރުގަދަ ސަޙްސިއްޔަތު ކަމަށާއި ނައިބު ރައީސެއްގެ މަގާމްއަދާކުރުމަށް އެންމެ ގާބިލް ބޭފުޅާކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ މިއީ ބ އަތޮޅަށާއި ތުލާދުއަށް ލިބޭނެ އެންމެ ޝަރަފްވެރި ފުރުޞަތު ކަމަށާއި ތުޅާދޫގެ ދަރިއަކު ބ އަތޮޅުގެ ދަރިއަކު ރާއްޖޭގެ އެންމެ މަތީއޮފީސް ހިންގުމުގެ ޝަރަފްދެއްވަންވީ ވަގުތު ކަމަށެވެ. އަލީވަހީދުގެ މިވާހަކަތަކަށް ބާރުދެއްވާ ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

ތުޅާދޫގެ ރައްޔިތުންނާ މުހާތަބްކުރައްވާ އަލީ ވަހީދު ވިދާޅުވީ މިރާއްޖެ މިވަނީ ލޯން ރާއްޖެއަށް ބަދަލުވެފައި ކަމަށާއި ފޯނެއް ގަންނަން ބޭނުންވީމާ ޖެހެނީ ލޯނެއްނަގަންކަމަށާއި އަނބިމީހާއަށް އާމްދަނީ ލިބޭފަދަ މަސައްކަތަކަށް އިންވެސްޓްކޮށްދޭން ޖެހޭހިންދުވެސް ޖެހެނީ ލޯނެއް ނަގަންކަމަށެވެ. މިހާލަތަށް ވެއްޓުނީ އެއްލާރިން ދެލާރި ހަދަން އިނގޭ ވެރިޔަކާ ގައުމު ހަވާލުނުކުރުމުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ތުޅާދޫގެ ރައްޔިތުންނާއި މުހާތަބްކުރައްވާ ގައުމީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވީ މިހާ ވިއްސާރަ ދުވަހެއްގައި ވާރޭވެހުމުންދަނިކޮށް ރަތްކުލައިން ޖަރީވެގެން ތުޅާދޫ ރައްޔިތުންކީ ހޫނު މަރުޙަބާއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރެއްވިއެވެ. ގާސިމް ވިދާޅުވީ އިބްރާހިމް މުޙައްމަދު ޞާލިހަށް ވެރިކަން ހޯދާދިނީމާ އެމަނިކުފާނުވެސް ދިވެހި ރައްޔިތުންވެސް އުންމީދުކުރީ ވަރަށް އިޚުލާސްތެރި ވެރިކަމެއްކޮށްދޭނެ ކަމަށްކަމަށާއި އެހެންނަމަވެސް ރައްޔިތުންނަށް ޚިޔާނާތްތެރިވުމާއި ގައްދާރުވުމުގައި އެހެންވެރިންނަށްވުރެ ކުރީގައި ހުންނެވީ ޞާލިހު ކަމަށެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ ގައުމުގެ މިހާރުގެ ހާލަތާއި މިސަރުކާރުގެ އަމަލުތަކުގެ ސަބަބުން ލިބުނު ނިކަމެތިކަމުގެ ވާހަކަ ރައްޔިތުންނަށް އެނގިތިބެ ސެޕްޓެމްބަރ 9 ވަނަ ދުވަހު ނަގާ ވޯޓުގައި އެހެންގޮތަކަށް ނިންމާފިނަމަ އެކަމުގެ ސަބަބުން ގައުމަށް ލިބޭނެ ނިކަމެތިކަން ވަޒަންނުކުރެވޭނެ ކަމަށެވެ.

ތުޅާދޫގެ ރައްޔިތުންނާއި މުޙާތަބްކުރައްވާ ކުރީގެ ރައީސް ޑރ ވަހީދު ވިދާއަޅުވީ އެމަނިކުފާނު ގާސިމްއަށް ތާއީދު ކުރައްވާ ނިކުމެ ހުންނެވީ ގައުމުގެ ސިޔާދަތުގެއްލުމާއި އިޤްތިޞާދު ހީނަރުވެ ދަރަނިބޮޑުވަމުން ދިއުމާއެކު އެކަންކަމުން ގައުމު ސަލާމަތްކުރެއްވުމަށް ގާސިމް އިސްނަންގަވާކުރައްވާ މަސައްކަތުގައި ބައިވެރިވުމަށެވެ.

ވަހީދު ވިދާޅުވީ ގައުމުގެ ސިޔާދަތުގެއްލި، ވެރިކަން ކުރުމުގެ އަމިއްލަ ބާރުގެއްލި، ކަންކަން ނިންމުމާއި ގައުމު ހިންގުމުގައި ރައްޔިތުންގެ ބާރުގެއްލި ބޭރުބައެއްގެ މުށުތެރެއަށް ދިއުމުން ކޮންމެފަދަ ގުރުބާނީއެއްވެގެންވެސް އެކަމުން ސަލާމަތްވާންޖެހޭ ކަމަށެވެ.