އިޓާލިއަން ލީގުގައި ރޭ އޭސީ މިލާން ކުޅުން މެޗުން އެ ޓީމް މޮޅުވިއިރު، ރޯމާ ބަލިވެއްޖެއެވެ.
ރޭ މިލާންގެ އަމިއްލަ ދަނޑުގައި ޓޮރީނޯއާއި ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ވަނީ 4-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ.
މެޗުގެ ފުރަތަމަ ލަނޑު 33 ވަނަ މިނެޓުގައި ޖަހައިދިނީ ޕުލިސިކްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ލޮފްޓަސް-ޗީކް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. މިލާނުން ލީޑު ނެގިތާ ތިންމިނެޓް ފަހުން ޓޮރީނޯއިން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ސަމިއުލޭ ރިކީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޖަހައިދިނީ ޝޫރސްއެވެ.
މިލާނުން މެޗުގައި ދެވަނަ ފަހަރަށް ލީޑުނެގީ ފުރަތަމަ ހާފު ނިމުމަކާއި ގާތްވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ޖިރޫޑް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭވ ތިއޯ ހެނާންޑޭޒް ވަނީ ލަނޑުޖަހައި މިލާނަށް ލީޑު ފުޅާ ކޮށްދީފައެވެ. މެޗުގައި މިލާނުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑަކީ ވެސް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ. މި ލަނޑު ޖަހައިދިނީ ވެސް ޖިރޫޑެވެ.
ލީގުގައި ފުރަތަމަ ކުޅުނު މެޗުން އެއްވަރުވެފައި ވަނިކޮށް ރޯމާއިން ރޭ ލީގުގައި ކުޅުނު ދެވަނަ މެޗުން ބަލިވެއްޖެއެވެ. ރޭ ރަށުން ބޭރުގައި ރޯމާ ވަނީ ވެރޯނާ އަތުން 2-1 ގެ ނަތީޖާއިން ބަލިވެފައެވެ.
މި މެޗުގެ ފުރަތަމަ ހާފު ވެރޯނާއިން ނިންމާލީ ދެ ލަނޑުގެ ލީޑަކާއި އެކުގައެވެ. އެ ޓީމަށް ލަނޑުތައް ޖަހައިދިނީ ޑޫޑާއާއި އެންގޮންގޭއެވެ. ރޯމާއަށް ލަނޑުޖަހައިދިނީ ހޮސެމް އޯއާއެވެ.
މިލާނުން ވަނީ މިހާތަނަށް ލީގުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފައެވެ. އެ ޓީމް އޮތީ ހަ ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައެވެ. ރޯމާއަށް ދެ މެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. އެ ޓީމް މިވަގުތު އޮތީ ތާވަލުގެ 13 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!