މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރަން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން ދިވެހޮސަރުކާރުގެ ގެޒެޓުގައި އާންމުކުރައްވާފައިވާ މައުލޫމާތުގައި ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަގޯތި ދޫކުރުމަށް ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކާ ގޯތި ހަވާލުކުރުން 27 އޯގަސްޓް 2023 އިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. އަދި އެ ހަރަކާތް ކުރިއަށް ދާނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކަމަށެވެ.

Ad
rt

އެ މިނިސްޓްރީން ވިދާޅުވީ ގޯއްޗާ ހަވާލުވުމަށާއި ގޯއްތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގޯތި ލިބޭ ފޯމުގައި ހިމެނޭ ގޯތި ލިބޭ ފަރާތްތަކުން ހާޟިރުވާނެ ދުވަހާއި ގަޑި އެ މިނިސްޓްރީން އަންގަމުން ގެންދާނެ ކަމަށެވެ.

ގޯތި ލިބޭ ފޯމުގައި ހިމެނޭ ގޯތި ލިބޭ ފަރާތަކުން ގޯއްޗާއި ހަވާލުވުމަށާއި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބަދަލުގައި އެހެން ފަރާތެއް އައްޔަނުކުރާނަމަ "ގެދޮރުވެރިން ޕޯޓަލް" ގައި އެޓޭޗްކޮށްފައިވާ ޕަވަރ އޮފް އެޓާނީ ފުރިހަމަކުރެއްވުމަށްފަހު ނޮޓޮރައިޒްކޮށް، ގޯއްޗާއި ހަވާލުވުމަށާއި ގޯތި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފޮނުވާ ފަރާތާއި ހަވާލުކުރުމަށް ވެސް ވަނީ އެދިފައެވެ.

ހައުސިން މިނިސްޓްރީން އިތުރަށް ވިދާޅުވީ ގޯއްޗާއި ހަވާލުވުމަށާއި ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ވަޑައިގަންނަވާ ފަރާތްތަކުން ގޯތި ލިބޭ ފަރާތްތަކުގެ އައިޑީ ކާޑުގެ ކޮޕީ، އަދި ބަދަލުގައި ސޮއި ކުރަން ވަޑައިގަންނަވާ ފަރާތެއްނަމަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އައްޔަނުކޮށްފައިވާ ޕަވަރ އޮފް އެޓާނީގެ އަސްލާއި، އައި.ޑީ ކާޑުގެ ކޮޕީ ގެންނަންވާނެ ކަމަށެވެ.

މީގެ އިތުރުން ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގެ ނަމޫނާ އާއި ޕަވަރ އޮފް އެޓާނީ 27 އޯގަސްޓް 2023 އިން ފެށިގެން "ގެދޮރުވެރިން ޕޯޓަލް" އިން ފެންނަން ހުންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.