ހއ. މުރައިދޫ އާއެކު އިތުރު ރަށެއްގައި އައު މިސްކިތެއް އިމާރާތްކުރަން ހަވާލުކޮށްފިއެވެ.
މުރައިދޫ އާއި ގއ. ގެމަނަފުށީގައިި އައު މިސްކިތް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މިކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އީވޯސަން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ ހުސައިން ވަހީދެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަ ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ބިނާކުރެވޭ މިސްކިތްތަކަކީ އެރަށްރަށުގެ ރައްޔިތުން ވަރަށް ބޮޑު އުންމީދެއް އެ ބިނާތަކާމެދު އޮންނަ ބިނާތަކެއް ކަމަށެވެ. އެހެންވެ އެއްބަސްވުމުގައިވާ ގޮތަށް މަޝްރޫއުގެ މަސައްކަތް ނިންމައި މިނިސްޓްރީއާއި ހަވާލުކުރެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
މީގެ އިތުރުން މިފަދަ މަސައްކަތްތަކުގައި މިނިސްޓްރީގެ ފަރާތުން ދެއްވަންޖެހޭ އެއްބާރުލުން އަބަދު ވެސް ދެއްވާނެކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.
މި އެއްބަސްވުމުގެ ދަށުން މުރައިދޫގައި އިމާރާތްކުރާ މިސްކިތަށް 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާއިރު، ގެމަނަފުށީ މިސްކިތަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މި ދެ މިސްކިތަކީ ވެސް 300 މީހުންގެ ޖާގައިގެ ދެ މިސްކިތެވެ.
ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ މި ދެ މަޝްރޫއު ނިންމުމަށް ދީފައިވަނީ 365 ދުވަހުގެ މުއްދަތަކެވެ.
މިއީ އަންހެންނާއި ފިރިހެނުންނަށް ވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ ދެ މިސްކިތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!