މެސީގެ މޮޅު ކުޅުމާއިއެކު އިންޓަ މިއާމީން ލީގްސް ކަޕް ސެމީ ފައިނަލުން މޮޅުވެ، މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިއަދު ކުޅުނު ސެމީ ފައިނަލް މެޗުގައި އިންޓަ މިއާމީން ވަނީ 4-1 ގެ ނަތީޖާއިން މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ފިލަޑެލްފިއާ ބަލިކޮށްފައެވެ.
ލީގްސް ކަޕަކީ އެމެރިކާއާއި މެކްސިކޯގެ ޓީމްތައް ވާދަކުރާ މުބާރާތެކެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅެން ތާވަލު ކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ. ފައިނަލުގައި އިންޓަ މިއާމީ ނުކުންނާނީ އެމެރިކާ ލީގުގެ ނަޝްވިލްއާއި ދެކޮޅަށެވެ.
އިންޓަ މިއާމީއަށް ބަދަލުވެ އެ ޓީމުގައި މެސީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ސެމީ ފައިނަލް މެޗުގައި ވެސް ލަނޑުޖެހި މެސީ މިހާތަނަށް އިންޓަ މިއާމީއަށް ކުޅުނު ހަ މެޗުގައި ވަނީ ނުވަ ލަނޑު ޖަހާފައެވެ.
ސެމީ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އިންޓަ މިއާމީންނެވެ. ފުރަތަމަ ލަނޑު މެޗުގެ ތިންވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖޯސެފް މާޓިނޭޒްއެވެ. ދެވަނަ ލަނޑު 20 ވަނަ މިނެޓުގައި މާޓިނޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ މެސީއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖޯޑީ އަލަބާ ވަނީ ލަނޑުޖަހައި މިއާމީއަށް ތިން ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. މިއީ ބާސާ ދޫކޮށް މިއާމީއަށް ބަދަލުވި އަލަބާ އެ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
ފިލަޑެލްފިއާއިން މެޗުގައި ޖެހި ހަމައެކަނި ލަނޑު 73 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބެޑޯޔާއެވެ. އިންޓަ މިއާމީގެ ހަތަރުވަނަ ލަނޑު 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑޭވިޑް ރުއިޒްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!