ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހޭދަކުރައްވާ ހިތްދަތި ދުވަސްތަކަށް ނިމުން ގެނުވާނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކަމަށް ރައްޔިތުންގ މަޖިލީހުގެ ހއ. ދިއްދޫ ދާއިުރާގެ ކުރީގެ މެމްބަރު އަބްދުލްލަތީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

ދިއްދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ދިއްދޫގެ ރައްޔިތުންނާއި މުޅި ރާއްޖޭގެ ރައްޔިތުން ކުރަމުންދާ ހިތްދަތި އަދި މާޔޫސް ދުވަސްތަކަށް ނިމުން ގެނުވާނީ މުއިއްޒު ކަމަށެވެ.

Ad
rt

ރައީސް ޔާމީނަށް ތާއީދު ކުރައްވާ ދިވެހިންގެ އެތައް ސަތޭކަ ރައްޔިތުންގެ މާޔޫސްކަމާއި، ނިކަމެތިކަމަށް އާރޯކަން ގެނުވައި ރައީސް ޔާމީން ޖަލުން މިނިވަންކޮށް ދިވެހި ރައްޔިތުންނާއި ހަމައަށް ގެނެސް ދެއްވާނީ ވެސް މުއިއްޒު ކަމަށް ލަތީފް ވިދާޅުވިއެވެ.

ގައުމު އަމާން އައްސޭރިއަކަށް ގެންދިއުމަށް ކަމަރު ބަދެގެން ދިވެހި ރައްޔިތުން ތިބީ އެކަތިގަނޑެއްގެ ގޮތުގައި ތިބިކަން ފާހަގަކުރައްވާ ލަތީފް ވިދާޅުވީ ޖޫން ޖުލައިގެ ގަދަ ދުވަސްތަކަށްފަހު ދިވެހިން މިބައްދަލު ކުރާ އަމާން ދުވަސްތަކުގައި ރާއްޖެ އަމާން މިނިވަން އައްސޭރިއަކަށް ގެންދާނެ ވެރިއަކީ މުއިއްޒު ކަމަށެވެ.

މީގެ އިތުރުން ތިލަދުން މަތީގައި ފެށި ކޮޗިން ފެރީއާއި، އެނޫން ވެސް ކަންތައްތަކަށް ވީގޮތެއް ނޭގި ރައްޔިތުންނަށް އޮޅުވާލާފައިވާކަމަށް ވިދާޅުވެ، ރޭގެ ޖަލްސާގައި ވަނީ މި ސަރުކާރަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން މާލެއިން ބޭރުގައި ފުރަތަމަ ފެށީ ބޮޑު ތިލަދުންމަތިންނެވެ. އެގޮތުން ހއ. އަދި ހދ. އަތޮޅުގެ ރަށްތަކުގައި ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ.