މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ދެކުނުގެ ފަސް އަތޮޅެއްގެ 19 ރަށަކަށް ކުރައްވާ ދަތުރެއް އިއްޔެ ފައްޓަވައިފިއެވެ.

ނާޒިމް އިއްޔެ ފުރަތަމަ ވަޑައިގަތީ ލ. އަތޮޅު ފޮނަދޫ އަށެވެ. ފޮނަދޫ އަށް ފަހު އެ އަތޮޅުގެ މާވަށް، ކުނަހަންދޫ އަދި ގަމަށް ވަނީ ވަޑައިގެންފައެވެ. ނާޒިމް ރޭ ގަމުގައި މަޑުކުރެއްވިއިރު، ގަމުގައި ވަނީ ކެމްޕޭން ޖަލްސާއެއް ބާއްވާފައެވެ.

Ad
rt

މިއަދުގެ ފުރަތަމަ މަންޒިލެއް ގޮތުގައި ނާޒިމް ވަޑައިގަތީ ލ. ދަނބިދޫ އަށެވެ. އެ ރަށަށްފަހު ދެން ވަޑައިގަންނަވާނީ ތ. އަތޮޅުގެ ރަށްތަކަށެވެ. މިގޮތުން މިއަދު މެންދުރުކުރި 11:30 ހާއިރު ތ. ގުރައިދޫ އަށް ވަޑައިގަންނަވާނެއެވެ. އެއަށްފަހު ތިމަރަފުއްޓާއި ވޭމަންޑޫ އަށް ވަޑައިގަންނަވާނެއެވެ. ނާޒިމްގެ މިރޭގެ ކެމްޕޭން ޖަލްސާ އޮންނާނީ ތިމަރަފުށީގައެވެ.

އަންގާރަ ދުވަހު ނާޒިމް ވަޑައިގަންނަވާނީ ތ. ހިރިލަންދޫ، ކަނޑޫދޫ އަދި ދ. ކުޑަހުވަދޫ އަށެވެ. ބުދަ ދުވަހު ވަޑައިގަންނަވާނީ މ އަތޮޅުގެ ދިއްގަރު، މުލި، މަޑުއްވަރި އަދި މުލަކަށެވެ. ބުރާސްފަތި ދުވަހު ވަޑައިގަންނީ ދ. އަތޮޅުގެ މީދޫ، ބިލެތްދޫ އަދި ނިލަންދޫ އަށެވެ. ދަތުރުގެ އެންމެފަހު ދުވަހު، އަންނަ ހުކުރުގައި ނާޒިމް ވަޑައިގަންނަވާނީ ފ. ފީ އަށްޔަށެވެ.

މި ދަތުރުގައި މި ރަށްތަކުގެ ކެމްޕޭން ހަރަކާތްތެރިންނާ، ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމާއި، ދޮރުން ދޮރަށް ހިނގުމާއި، ޖަގަހަތައް ހުޅުވުމާއި އަދި ޖަގަހަ ޖަލްސާތައް ވެސް ނާޒިމް ކުރިއަށް ގެންދަވާނެއެވެ.

ނާޒިމް ކެމްޕޭން ކުރިއަށް ގެންދަވަނީ ''އުޖާލާ ޒަމާން'' ޝިއާރުގެ ދަށުންނެވެ.