ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތް ކުރި މީހުންގެ ތެރެއިން އެންމެ ކުރީސަފުގައި ހުންނެވި ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރ ޤާސިމް އިބްރާހީމް ކަމަށްކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ މައި ޕާޓީ ޕީޕީއެމް އިން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގެން މި އޮގަސްޓު މަހުގެ 12 ވަނަ ދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި ވަހީދު ވަނީ އެމަނިކުފާނު އެރަށަށް ވަޑައިގަތީ ގިނަ ދުވަސްތަކަށް ފަހުގައިކަން ފާހަގަ ކުރައްވާފައެވެ. އަދި އެ ރަށަށް ވަރަށް ބޮޑު ތަރައްގީ އައިސްފައިވާ ކަމަށާއި، އެތަރައްގީގެ ފަހަތުގައި ހުންނެވީ ޖޭޕީގެ ލީޑަރުކަން ވަހީދު ފާހަގަ ކުރެއްވިއެވެ:
ވަހީދު ވިދާޅުވީ، ގާސިމަކީ ގައުމަށް ވެސް ވަރަށް ޚިދުމަތްތެރި ބޭފުޅުއް ކަމަށެވެ.
‘’މީގެ ކުރިން ތިޔަ ބޭފުޅުންނަށް ނޭނގޭ ބައެއް ވާހަކަ އަޅުގަނޑު ދަންނަވާލާނަން، ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތް ކުރި މީހުންގެ ތެރެއިން އެންމެ ކުރީސަފުގައި ހުންނެވި ބޭފުޅަކީ ގާސިމް’’ ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ، ރާއްޖެ އަށް ޑިމޮކްރަސީ ގެނައީ ވަކި މީހެއްގެ، ވަކި ޕާޓީއެއްގެ މަސައްކަތުން ކަމަށް ބުނާ ބުނުމަކީ އެއްގޮތަކަށް ވެސް ހަގީގަތެއް ނޫންކަމަށެވެ. އެއަށްފަހު ވަހީދު ވަނީ ރާއްޖެ ޑިމޮކްރަސީ އަށް ކުރި ދަތުރު ކުރުކޮށް ވިދާޅުވެފައެވެ.
މި ޖަލްސާގައި ވަހީދު ދެއްކެވި ވާހަކަފުޅުގައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށް ސަޕޯޓް ދިނުމަށް އެމަނިކުފާނުގެ ކުރީގެ ޕާޓީ، ޕީޕީއެމްގެ މެންބަރުންނަށް ގޮވައިލައްވާފައެވެ.
މީގެ އިތުރުން ގާސިމްގެ އަރިހުގައި ހުންނަވައިގެން އޭނާއަށް އެހީތެރިކަމެއް ފޯރުކޮށްދެއްވަން ލިބިވަޑައިގެންފައިވާތީ އެކަމާ ވަރަށް ހިތްހަމަ ޖެހިވަޑައިގަންނަވާކަން ހާމަކުރައްވައި ވަނީ ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވަހީދުގެ ސިޔާސީ މުސްތަގުބަލާ ގުޅޭގޮތުން ތަފާތު އެކި ވާހަކަތައް ފެތުރިގެން ދިޔަކަން ފާހަގަ ކުރައްވާފައެވެ.
އެ ވާހަކަތަކަށް އިޝާރާތް ކުރައްވައި ވިދާޅުވީ އޭރު ހުންނެވީ ބޮޑު ޕާޓީއެއްގައި ކަމަށާއި އެހެންނަމަވެސް އެ ޕާޓީގައި ޑިމޮކްރަސީ ނެތުމުގެ ސަބަބުން އެއްވެސް މީހަކު ރިޔާސީ އިންތިހާބަށް ނުކުތުމުގެ ފުރުސަތު ދީފައި ނުވާ ކަމަށެވެ.
ޑރ. ވަހީދު ވިދާޅުވީ މަގުމަތި ވި ވާހަކަ ނުދައްކަވާނެ ކަމަށާއި ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކުލަވެސް، ކެންޑިޑޭޓެއް ވެސް ނެތް ކަމަށެވެ. އަދި އެމަނިކުފާނު މަގުމަތިވެވަޑައިގެންފި ނަމަ ޕީޕީއެމްގެ 40،000 މެންބަރުން ވެސް މަގުމަތިވެއްޖެ ކަމަށް ވެސް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސްޕެޝަލް އެޑްވައިޒަރުކަން ކުރެއްވި ވަހީދު، 10 އަހަރަށް ފަހު ޕީޕީއެމުން ވަކިވެވަޑައިގަތީ، މި ހިނގާ އޮގަސްޓު މަހުގެ 11 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ޕީޕީއެމުން ވަކިވެވަޑައިގަތްކަން ހާމަކުރައްވައި ވަހީދު ވިދާޅުވެފައިވަނީ ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ދެމެހެއްޓުމާއި އިންތިހާބަށް ކުރިމަތިލުމުގެ ފަހު ދުވަހާ ދެމެދު ޕީޕީއެމުން ކެންޑިޑޭޓެއް ނެރުމުގެ ފުރުސަތު އޮތް ކަމަށެވެ.
އެހެންނަމަވެސް ޕީޕީއެމްގެ ލީޑާޝިޕުން އެކަމަށް އެއްވެސް މަސައްކަތެއް ނުކޮށް ކުޑަ ޕާޓީއަކުން ކެންޑިޑޭޓެއް ނެރުމަކީ އެ ޕާޓީން ވީ ހިޔާނާތެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމް އިން ރިޔާސީ ރޭހަށް ނެރުމަށް ނިންމާފައިވަނީ ކުރީގެ ރައީސް ޔާމީނެވެ. އެހެންނަަމަވެސް އެމަނިކުފާނުގެ ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ކަމަށްވާތީ އާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ އެއް ދެއްކުމަށް ހުކުމް ކޮށްފައިވާތީ، ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގަވާފައެވެ.
އެހެންކަމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވެސް ނިންމާފައިވަނީ ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށެވެ.
މިކަމުގެ ސަބަބުން ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމަށް ފުރުސަތު ގެއްލުމުން، ޔާމީންގެ ދެވަނަ ޕާޓީ ކަމަށްވާ ޕީއެންސީން ފަހު ވަގުތު ނެރެފައި ވަނީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!