މިއަހަރުގެ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑޑޭޓުންގެ ތެރެއިން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތާއީދު ކުރައްވަނީ އެމަނިކުފާނުގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫނަށް ކަމަށް ވިދާޅުވެއްޖެވެ.
މައުމޫން މިހެން ވިދާޅުވީ ޓްވިޓާގައި އާންމުކުރެއްވި ވީޑިއޯއެއްގައެވެ.
އެ ވީޑިއޯގައި މައުމޫން ވިދާޅުވީ ކެންޑިޑޭޓް ނަމްބަރު 6 ފާރިސް އަށް ތާއީދު ކުރައްވަން ނިންމެވީ އެއީ އެމަނިކުފާނުގެ އުފަން ދަރިއަކަށްވީތީ ނޫން ކަމަށާއި ފާރިސް އަށް ތާއީދު ކުރައްވަން ނިންމެވީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ އުންސުރުތައް ގަބޫލު ކުރާތީ ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު މީގެކުރިން ވެސް ސިޔާސީގޮތުން ކުރެއްވި މަސައްކަތްތަކުގައި ފާރިސް އެހީތެރިވެދީފައިވާ ކަމަށާއި ހުރިހައި ކަމެއްގައި ވެސް އުޅެދީފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އޭނާއަކީ ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގާބިިލިއްޔަތު ހުރި މީހެއް ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
ޓްވިޓާގައި އާންމުކުރެއްވި ވީޑިއޯ ގައި މައުމޫން އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު، ފާރިސް ވަނީ އެކަން ސާބިތުކޮށްދީފައި ކަމަށާއި ގައުމަށް ފައިދާހުރި ކަންކަމުގައި ވާހަކަދައްކާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފާރިސް އަށް އަދަބުތަކާ ވެސް ކުރިމަތިލާން ޖެހިފައިވާކަން މައުމޫން ވަނީ ފާހަގަކުރައްވާފައެވެ.
މައުމޫން އިތުރަށް ވިދާޅުވީ ކަން އެހެން ހުރިނަމަވެސް އޭނާގެ ހިތްވަރަކަށް ބަދަލެއް ނާންނަކަމަށާއި ހުންނެވީ ސާބިތުކަން މަތީގައި ކަމަށެވެ. އެހެންވީމާ ކުރިއަށް އޮތްތާނގައި ރާއްޖޭގެ ރައީސްގެ މަގާމަށް އިންތިހާބު ވެއްޖެނަމަ، ހަމައެފަދަ ސާބިތުކަމާ އެކުގައި ހުންނަވާނެކަން ޔަގީން ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ފާރިސް އަކީ އަމިއްލަ ފައިދާއަށްޓަކައި ގައުމު ވިއްކާލާނެ މީހެއް ނޫން ކަމަށާއި އަދި ދޮގު ހަދައި، މަކަރު ހަދައި، އޮޅުވާލާނެ މީހެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. އަދި އޭނާ ވަނީ އަބަދު ވެސް ތެދުވެރި، އިހުލާސްތެރިއަކަށް ކަމަށާއި އެކަން ޔަގީން ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
އެހެންވެ މައުމޫން ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓް ނަމްބަރު 6 އަހްމަދު ފާރިސް މައުމޫނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. އެހެންހައްދަވައިދެއްވައިފިނަމަ، ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދޭ ރައީސްއަކަށް ފާރިސް ވާނެ ކަމަށް ވެސް މައުމޫނު ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!