ދެ ދުނިޔޭގެ ހަޔާތް ފައިދާ ހުރި، ބޭނުންތެރި ހަރަކާތްތަކުން ހުސްވަގުތު ފަޅުފިލުވައިލުމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
"ތައުލީމާއި ތަރުބިއްޔަތުގެ މާތްކަން" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި ބުނީ އިސްލާމް ދީނަކީ އިލްމުގެ ދީން ކަމަށާއި އިސްލާމީ ރިސާލަތު ފެށުނީ ކިޔެވުމަށް ކުރެއްވި އަމުރުފުޅުން ކަމަށެވެ. އަދި މާތްﷲ ގެ މި އަމުރުފުޅާއި އެކު މާތް ނަބިއްޔާ އިސްލާމީ މުޖުތަމައުގައި ތައުލީމު ފެތުރުއްވުމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވައި، ޚުދު އެކަލޭގެފާނު އެކަމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
އޭގެ ނަތީޖާއަކަށްވީ ހޭލުންތެރި، އިލްމުވެރި، އުފެއްދުންތެރި އުންމަތެއް ބިނާވުން ކަމަށާއި މުސްލިމުންގެ ހިތްތަކުގައި ކީރިތި ރަސޫލާ އިންދަވައިދެއްވި އިލްމުގެ އޮށްތަކުން ފެޅި ގަސްތައް ބިޔަވެ، ޒަމާނާއި ހާލަތާއި ފައިހަމަވާގޮތަށް މީހުން ބިނާކުރާ އުފެއްދުންތެރި އުންމަތަކަށް އިސްލާމް އުންމަތްވުން ކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.
ފެށިގެން މިދިޔަ ދިރާސީ އަހަރު އިސްލާމް ދީނާއި ދުންޔަވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ލިބޭތޯ މަސައްކަތް ކުރުމަށް އަޒުމު ކަނޑައެޅުމަށް ދަރިވަރުންނަށް ގޮވައިލާ، ދެ ދުނިޔޭގެ ހަޔާތަށް ފައިދާހުރި ބޭނުންތެރި ހަރަކާތްތަކުން ހުސްވަގުތު ފިލުވައިލުމަށާއި ދުނިޔެ އާއި އާހިރަތް ބާއްޖަވެރި ކުރުމަށް ހިތްވަރާއެކު މަސައްކަތް ކުރުމަށް ވެސް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ހުތުބާގަިއ ބުނީ މި ފޮނި ނަތީޖާ ދަރިވަރުންނަށް ނެރެވޭނީ މަދުރަސާއާއެކު އެއްބާރުލައި، މަދުރަސާގެ ގަވާއިދުތަކަށް ބޯލަނބައި، މުދައްރިސުންނަށް ހައްގުވާ ގަދަރާއި އިހުތިރާމު ކޮށްގެން ކަމަށެވެ. އަދި އެމީހުންނަކީ ދުނިޔެއާއި އާހިރަތުގެ ހެޔޮމަގަށް އަލިކޮށްދޭ ވޮށްތަކެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
ހަމަމިއާއެކުު ދަރިވަރުންނަށް މައިބަފައިންނާއި ދައުލަތުން ކުރަމުންދާ ހޭދައާއި ތަނަވަސްކޮށްދީފައިވާ ފުރުސަތުގެ ބޭނުން ހިފުމަށާއި ދަރިވަރުން އުނގެނޭ އިލްމުގެ ނޫރުން ﷲގެ ރުހިވޮޑިގަތުމާއި މައިންބަފައިންގެ ގައުމަށް ކުރިއެރުން ހޯދައިދިނުމަށް ވެސް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އިސްލާމް ދީނާއި ވަތަނަށްޓަކައި ގުރުބާންވުމަށް ކެރޭ، ބަޔަކަށް ވުމަށް ހަށިތަކާއި ނަފުސުތައް ހާނުވައި ތައްޔާރު ކުރުމަށް ވެސް ހުތުބާގައި ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!