ކުރީގެ ރައީސް ޔާމިންގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. ވަހީދު ޕީޕީއެމްއިން އިސްތިއުފާ ދެއްވައިފިއެވެ.
އެކަން ހާމަކުރައްވާ އެމަނިކުފާނު ވަނީ ޓްވީޓެއް ވެސް ކުރައްވާފައެވެ.
އެ ޓުވީޓާއެކު އެއްކުރައްވާފައިވާ (އެޓޭޗުކޮށްފައިވާ) ބަޔާނެއްގައި ވަނީ މީގެ 10 އަހަރު ކުރިން ޕީޕީއެމްއާއި ގުޅިވަޑައިގެންނެވީ އެމަނިކުފާނުގެ ވެރިކަމުގައި ގާއިމް ކުރެއްވި ހަމަޖެހުމާއި އަދި ތަރައްގީ ދެމެހެއްޓުމަށްޓަކާ ކަމަށެވެ.
އެ ޕްލޭންތައް މިހާތަނަށް ވެސް ދެމެހެއްޓިފައިވާތަން ފެންނަމުން ދާތީ އުފާ ކުރައްވާ ކަމަށެވެ.
މިހައިތަނަށް ވެސް ދެމެހެއްޓި، ރާއްޖޭގެ އިގްތިސާދާއި އަދި ޑިމިކްރަސީ ކުރިއަރަމުންދާތަން ފެންނަމުން ދާތީ އުފާ ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި ޕީޕީއެމްއިން އިސްތިއުފާ ދެއްވާފައިވަނީ ވަރަށް ބޮޑަށް ވިސްނެވުމަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރަައްޔިތުންގެ ކުރިއެރުމާއި، ގައުމުގެ ކުރިއެރުމަށް އެމަނިކުފާނުގެ ތަޖުރިބާ ހިއްސާ ކުރައްވަން ބޭނުފުޅުވަނީ ހަމަޖެހުމާއި، އިޚްލާސްތެރިކަމާއި، ތެދުވެރިކަން އޮތް ތަނެއްގައި ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރާއްޖޭގެ ރައްތުންނަށް އަބަދު ވެސް އެމަނިކުފާނު ހިތުގެ ލޯބި އޮންނާނެ ކަމަށާއި އެމަނިކުފާނު އަބަދު ވެސް މަސައްކަތް ކުރައްވާނީ ގައުމުގެ ކުރިއެރުމަަށް ކަމަށެވެ. އަދި މިނިވިންކަން ދެމެހެއްޓުމަށާއި، އިގްތިސާދީ އިޖުތިމާއީ ކުރިއެރުމަށް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!