" އަހަރެން އަދި ދުވަހަކުވެސް ރިސޯޓަކަށް ނުދަން! އަހަންނަށް އެ ރިސޯޓް ދައްކާލަންވީނު"
ޝަހާނާ ކުޑަކުއްޖަކު ފަދައިން ބުނެލިއެވެ. ބޭރަށް ނިކުންނަން ދޮރު ހުޅުވައިލަމުން ހާރޫން ފަހަތް ބަލައިލިއެވެ.
" މިހާރު ވަރަށް ބިޒީ ދުވަސްވަރެއް! އެހެން ފަހަރަކުން ޔަޝްމީއާއެކު ދާނީ"
ހާރޫންގެ ޖުމްލައިން ޝަހާނާގެ މޫނުމަތީގައިވާ އުޖާލާކަން ފަނޑުވެގެން ދިޔައެވެ. ޔަޝްމީގެ ނަންވެސް ހާރޫންގެ ދުލުން ބުނާއަޑު އަހަން އޭނާއަށް އުނދަގޫވި ކަހަލައެވެ. އެވަގުތު އޭނާ ހުރީ، ޔަޝްމީ އަންނާނެ ދުވަހެއްވެސް އެނގެން ބޭނުންވެފައެވެ. އެހެންކަމުން ހާރޫން ދިޔުމުގެ ކުރިން އޭނާ އެކަން ސާފު ކުރުމަށްޓަކައި އަވަސް އަވަހަށް ސޯފާއިން ތެދުވަމުން ބުނެލިއެވެ.
" ޔަޝްމީ އަންނަނީ ކޮން ދުވަހަކުންތަ؟"
އޭރު ހާރޫން ދޮރުން ބޭރުވެއްޖެއެވެ.
" ބިޒީކަން ފިލީމަ ބަލައި ދާނަން"
އިތުރަށް މަޑުނުކޮށް ހާރޫން ލިފްޓާ ދިމާލަށް ހިނގައިގަތީ ދޮރު ލައްޕާލަމުންނެވެ. އެއާއެކު ހިތްހަމަ ނުޖެހިފައި ހުރެ ޝަހާނާ ސޯފާއަށް ޖެހިގަތެވެ.
ޝަހާނާ ރަނގަޅު މޫޑެއްގައި ހުރެ ވާހަކަ ދެއްކުމުން ހާރޫން ހިތްހަމަ ޖެހުނެވެ. ކުރިން ވީ ކަންތަކާއިމެދު ޝަހާނާ ރުޅި އައިސްފައި ހުރުމުން ހާރޫންއަށްވެސް ހުރެވެނީ ވަރަށް ކަންބޮޑުވެފައެވެ. އެއީ ނުވާކަމެއް ފަދައިން ހާރޫންގެ ހިތުން އެކަންތައް ފިލުވާލަން އޭނާ ބޭނުންވެއެވެ. ނަމަވެސް ޝަހާނާ ފެންނަ ކޮންމެ ފަހަރަކު އޭނާ އެކަން ހަނދާންކޮށްދޭން އުޅޭ ކަހަލައެވެ. އެހެންކަމުން ހާރޫންއަށް ހުރެވެނީ ވަރަށް ބޮޑަށް އެކަމާ ނުރުހިފައެވެ.
***
މިއަދަކީ އޮފީހުގައި ވަރަށްވެސް ލުއި ދުވަހެކެވެ. އެހެންކަމުން އޮފީހުގައި އިންނަ ހިތް ނުވެގެން ޖާވިދް ބޭރަށް ނިކުމެލީ ޝަހާނާއަށް ގުޅާލާށެވެ.
" އަހަރެން ހާދަ ވަރަކަށް ގުޅަމޭ! ޝަހާ ފޯނެއް ނުނަގަމެއްނު"
ޝަހާނާ ފޯނު ނެގުމާއެކު ޖާވިދް ބުންޏެވެ. އެހިނދު ޝަހާނާގެ ރުންކުރު ރާގުގަނޑު ޖާވިދަށް އިއްވާލިއެވެ.
" އަހަންނަކީ އަބަދު ފޯނު ހިފައިގެން އުޅޭ މީހެއް ނޫނެއްނު! ޖާވިދް އަބަދުވެސް ހުންނާނީ ކޮންމެވެސް ޝަކުވާއެއް ކުރަން ބޭނުންވެފަ"
ޝަހާނާގެ ޖުމްލައިން ޖާވިދަށް އިސްޖަހާލެވުނެވެ. އަދި އަޑުއިވޭ ހަމައިގައި މީހަކު ހުރިތޯ، ވަށައިގެން ނަޒަރު ހިންގައިލެވުނެވެ.
" އާނ މިހާރު މުޅިން ޝަކުވާ ކުރުމުގައި މިއުޅެން ޖެހެނީ! ޝަކުވާ ކުރާ ގޮތަށް ޝަހާވެސް އުޅެނީ! އަހަންނާމެދު އެއްވެސް ފަރުވާލެއް ނުބަހައްޓާ! "
މަޑުމަޑުން ޖާވިދް ވާހަކަ ދެއްކި ނަމަވެސް، ޝަހާނާގެ އަޑު އޭނާގެ ކަންފަތަށް އައީ ހޮނު ގުގުރިއެއް ފަދައިންނެވެ.
" ދެން އަހަރެން ޖާވިދަށް ސަމާލުކަންދޭން ގޮސް ރަށުގައި ހުންނަންވީތަ؟ އަހަރެން މިއައީ ބަލިވެގެން ބޭސްކުރާށޭ! މިތާ ހުރެގެން އިރުއިރުކޮޅުން އަހަރެން ކިހިނެއް ޖާވިދަށް ގުޅާނީ؟ ޖާވިދުގެ ވާހަކަ ހުންނަ ގޮތުން ހީވަނީ އަހަރެން ބޮޑު ކުށެއް ކޮށްގެން އުޅޭހެން.. ވަރަށް ފޫހިވޭ"
ޝަހާނާ ފޯނު ކަނޑާލީ އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. އޭރުވެސް އޭނާ ހުރީ އިންތިހާއަށް ރުޅި އައިސްފައެވެ. ނަމަވެސް ރުޅި އައުމުގެ ބަދަލުގައި ޝަހާނާގެ އެ ވާހަކަތަކުން ޖާވިދުގެ ހިތަށް މާބޮޑަށް އަސަރު ކުރުވިއެވެ. އިސްޖަހާލުމަށްފަހު ފޯނަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީއެވެ.
***
ހެނދުނުގެ ވަގުތެވެ. ފާއިޒާއަށް އޮތީ ނިދިފައެވެ. އޭނާގެ މަގަތުގައި ވާހަކަ ފޮތެއް ހިފައިގެން ޔަޝްމީ އިނެވެ. ވާހަކަ ކިޔަމުން ދިޔައިރުގައިވެސް، ވާނުވާއެއް ޔަޝްމީއަކަށް ނޭނގެއެވެ. އަތުގައި އޮތް ފޮތަށް ދެލޯ އަމާޒުވެފައި ވީ ނަމަވެސް، އޭނާގެ ސިކުނޑިވަނީ މާ ދުރަށް ދަތުރު ކޮށްފައެވެ. އެންމެ ފަހުން ފޮތް ލައްޕާލަންޖެހުނީވެސް އެކަމަށް ދެމުންދިޔަ ޝައުޤުވެރިކަން ގެއްލިފައި ވުމުންނެވެ. މަޑުމަޑުން އެނދުން ތެދުވަމުން އޭނާ ފާއިޒާއަށް ބަލައިލިއެވެ. އަރާމުގައި ނިދާފައި އޮތް ފާއިޒާގެ ބޮލުގައި ފިރުމާލުމަށްފަހު ޔަޝްމީ މަޑުމަޑުން އެ ކޮޓަރިން ނިކުމެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެއަށްފަހު މޭޒުމަތީގައި ފޮތް ބޭއްވުމަށްފަހު ތިރީގައި އަޅާފައި އޮތް އޭނާގެ ގޮދަނޑިއާ ދިމާލަށް ހިނގައިގަތެވެ. އަދި ބާލީސް ދޮށަށް އަތްކޮއްޕާލުމަށްފަހު ފޯނު ނެގިއެވެ.
" ހާރޫން އަހަންނަށް މެސެޖެއްވެސް ކޮށްނުލާ! އަހަރެން މަތިން ފޫހިވީ ކަންނޭނގެ! "
މޭމަތީގައި ފޯނު ބާއްވާލަމުން ޔަޝްމީއަށް ދެލޯ މަރާލެވުނެވެ.
" ދެން ކަލޭ މެސެޖް ކުރަންވީނު! ކަލޭގެ އިޙްސާސްތައް ކިޔައި ނުދެންޏާ ހާރޫންއަށް އެނގޭނެތަ؟ ހާރޫންއަކީ ހިއްސުތައް ސަލާމަތުން ހުރި ފިރެހެނެއް! ތިކަހަލަ ކިތަންމެ ކުއްޖެއް އޭނައަށް ލިބޭނެ! ކަލޭ ޖަހާހާ ސަކަރާތެއް ބަލަން ހާރޫން ހުންނާނެތަ؟ ލޯބިވަންޏާ ލޯބިވާ ވާހަކަ ބުނެބަލަ! ބޯމަތީގައި ކަޅުވިލާގަނޑެއް ފަދައިން ވަރި އޮތްކަމެއް ނޭނގޭތަ؟"
ސިހިފައި ޔަޝްމީއަށް ދެލޯ ހުޅުވާލެވުނެވެ. އޭރުވެސް އޭނާއަށް މާނޭވާ ލެވެއެވެ. އޭނާގެ ޟަމީރު ބޭނުންވާގޮތް މިފަހަރު ހިތަށްވެސް ފޯރައިފިއެވެ. އެހެންކަމުން ޔަޝްމީ އަނެއްކާވެސް ފޯނު ނެގިއެވެ. ފުން ވިސްނުމެއްގައި ހުރެ އޭނާ ހާރޫންއަށް ގުޅާލިއެވެ. ދެވަނަ ރިންގުން ހާރޫން ފޯނު ނެގުމަށްފަހު ހަލޯއޭ ބުންޏެވެ. ޖަވާބުގައި ހަލޯ ބުނެލާނެ ހިތްވަރުވެސް ޔަޝްމީއަކަށް ނުލިބުނެވެ. މަޑުމަޑުން ތެދުވެ ފާރުގައި ލެނގިލަމުން ޔަޝްމީ ދެލޯ މަރާލީ ދެވަނަ ފަހަރަށްވެސް ހާރޫންގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.
" ޔަޝްމީ؟ "
ހާރޫން ގޮވާލިއެވެ. އެހިނދު ޔަޝްމީއަށް ހޫމްއޭ ބުނެލެވުނެވެ.
" އަހަރެން ހީކުރީ އޮޅިގެން ގުޅުނީ ކަމަށް! ވާހަކަ ނުދައްކާ ހުރީމަ..."
ހަމަޖެހިލަމުން ހާރޫން ބުނެލިއެވެ. ޔަޝްމީ އެއްޗެއް ނުބުނުމުން އަނެއްކާވެސް ވާހަކަ ދައްކަން ޖެހުނީ ހާރޫންއަށެވެ.
" ކިހިނެއްވީ ތި ގުޅާލީ؟ މިކަން ނިންމާލުން ލަސްވާތީތަ؟ މިހާރު ދެން އެކަމާ މިއުޅެނީ.. ކުއްލިއަކަށް މިކޮޅުން ބިޒީ ވެގެން ޔަޝްމީ ބަލައި ނުދެވިގެން މިއުޅެނީ! އަހަރެން ބުނީމެއްނު މާލޭ ކޯޓުންނޭ ނިންމާލާނީ! އަހަންނަށް އެނގޭ ރަށުގައި ކޯޓަށް ދާން ޔަޝްމީ ލަދުގަންނާނެކަން.. އެކަމަކު ޔަޝްމީއަށް އެކަމުގައި އެއްވެސް މައްސަލައެއް ނެތިއްޔާ މިހާރުވެސް ޔަޝްމީ ބޭނުންވާގޮތް ހެދިދާނެ"
ހާރޫން ވާހަކަ ދެއްކީ އާދައިގެ ގޮތަކަށެވެ. ނަމަވެސް އެ ވާހަކަތަކުން ޔަޝްމީގެ ހިތަށް ކުޅަދާނައެއް ނުވިއެވެ. ލޮލުން ކަރުނަ ފައިބަމުންދާ ވަރަކަށް ނޭފަތުން ފެންވެސް ފައިބަން ފަށައިފިއެވެ. އެހެންކަމުން ޔަޝްމީ ނޭފަތް ދަމާލާ އަޑު އިރުއިރުކޮޅުން ހާރޫންއަށް އިވެމުން ދިޔައެވެ.
" ކިހިނެއްވީ؟ ރޮނީތަ؟ "
ހާރޫން ސުވާލު ކުރިއެވެ. އެސުވާލުން ޔަޝްމީގެ އަޑު ފަޅައިގެން ދިޔައެވެ. ގިސްލަ ގިސްލާފައި އޭނާ ރޯއަޑު އަހަން ހާރޫންއަކަށްވެސް ކެތެއް ނުކުރެވުނެވެ.
" ޔަޝްމީ ޕްލީޒް! އަހަންނާ ދުރުގައި ހުރެގެން ތިހެން ރޯއަޑު އަހަން އަހަންނަށް ވަރަށް އުނދަގުވާނެ! ޕްލީޒް ހުއްޓާލާ! ރޯވަރުގެ އެއްޗެއް އަހަރެން ނުވެސް ބުނަމެއްނު! އަހަރެންގެ އުފާތައް ޤުރުބާންކޮށްފައި އަހަރެން ޔަޝްމީ މިނިވަން މިކުރަނީ ޔަޝްމީގެ އުފަލަށްޓަކައެއްނު.. ދެން ކީއްވެ ތިހާ ވަރަށް ރޯންވީ؟"
ހާރޫންއަށް ވާހަކަ ދެއްކުނީ ނުހަނު ބާރަށެވެ. އެހެންކަމުން ޔަޝްމީވެސް ހިތްވަރުކޮށްފައި މައިތިރިވެއްޖެއެވެ. ނަމަވެސް އޭރުވެސް މަޑުމަޑުން އޭނާ ގިސްލާކަން ހާރޫންއަށް އެނގެއެވެ.
" އަހަރެންގެ.... އުފަލަކީ ކޮބައިކަމެއް އަހަންނަކަށް ނޭނގެ؟ އަހަރެންގެ ދިރިއުޅުން މިހާ ޅައުމުރުގައި ރޫޅިގެން ދިޔުމަކީ އަހަންނަށް ލިބޭ އުފަލެއްތަ ހާރޫން؟"
ވަރަށް އުނދަގުލުން ޔަޝްމީ ވާހަކަ ދެއްކިއެވެ. ޔަޝްމީގެ ވާހަކަތަކުން ހާރޫންއަށް ދެލޯ މަރައިލެވުނެވެ. އެއްއަތުން ޖީބަށް އަތްޖަހާލައިގެން ހުރެ އަނެއް އަތުން އޭނާ ފޯނު ހިފަހައްޓައިގެން ހުރީ އޮފީހުގެ ކުޑަ ދޮރު ކައިރީގައެވެ.
" އަހަންނަށް މިހާރު އަހަރެންގެ އަމިއްލަ ނަފްސުވެސް އޮޅިއްޖެ! އަހަންނަކީ ކާކުކަން ޚުދު އަހަންނަކަށްވެސް ނޭނގެ! "
އަނެއްކާވެސް ޔަޝްމީ ބުނެލިއެވެ. ހިމޭން ވަގުތުކޮޅެއް ވެރިވުމަށްފަހު ހާރޫން ކުޑަކޮށް ކެއްސާލީ އަރުތެރެ ހިކެން ފެށުމުންނެވެ.
" ޔަޝްމީ! "
ހާރޫން މޫނު ހިއްލާލަމުން ގޮވާލިއެވެ.
" ގުޅުމެއް ނެތް، ލޯބި ނުލިބޭ.... އުފަލެއް ނެތް، ހަމަޖެހުމެއް ނުލިބޭ... ދިރިއުޅުމެއް އަލުން އާރާސްތު ކުރާނީ ކިހިނެއް؟ އަހަރެމެންގެ ދިރިއުޅުން އޮތީ ހިމޭންވެފައި! ހުއްޓިފައި! އެއްވެސް ދިރުމެއް ނެތް! އުޖާލާކަމެއް ނެތް! އާބާދުވާނެ ކަމުގެ ޔަޤީންކަމެއް ނެތް! ޔަޝްމީ... ޔަޝްމީ!"
ހާރޫންގެ އަޑު ޔަޝްމީގެ ކަންފަތަށް އިވެމުން ދިޔައީ ކެނޑިކެނޑިގެންނެވެ. އޭރުވެސް ޔަޝްމީއަށް ރޮވެނީއެވެ.
" ދާނެ މަންޒިލެއް ނޭނގި އަހަރެން ކިހިނެއް؟ އާހް!"
އިތުރަށް ވާހަކަ ދައްކާނެ ހިތްވަރު، ހާރޫންގެ ކިބަޔަކު ނެތެވެ. ހިންދިރުވާލުމަށްފަހު، ހާރޫން އައިސް މަޑުމަޑުން ގޮނޑީގައި އިށީނދެލިއެވެ.
" އަހަންނަށް އެނގިއްޖެ! ވިސްނިއްޖެ! މާ ބޮޑަށްވެސް ލަސްވަނީދޯ! ބުނެބަލަ! އެންމެ ވަގުތު ކޮޅަކަށްވެސް އަހަރެންގެ މީހެއްގެ ގޮތުގައި ހުންނަން ބޭނުން ނުވަނީތަ؟ އަހަރެންގެ އަނތްބަކަށް ވެގެން ހުންނަން ޔަޝްމީ ލަދުގަންނަނީދޯ! ނޫނީ ޔަޝްމީ ލޯބިވާ އިތުރު މީހަކު ހުންނަނީތަ؟ އަހަރެން އުއްމީދުކުރީ މިހާ ދުވަސްވީމަ ޔަޝްމީއަށް އަހަރެންދެކެ ލޯބި ވެވިދާނެކަމަށް.. އެކަމަކު .."
ހާރޫންގެ ވާހަކަތައް އަޑުއަހަން އިން ޔަޝްމީއަށް އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. ހާރޫންގެ ވާހަކަތަކަށް އޭނާއަށް އެއްބަސް ނުވެވުނު ނަމަވެސް އެ އަޑެއް ބޭރެއް ނުކުރެވުނެވެ. ދުލަކުން ހާމަ ކޮށެއް ނުދެވުނެވެ.
" ޔަޝްމީ ތިވަރަށް ރޮއްވާކަށް ބޭނުމެއް ނޫން! ހެޔޮނުވާނެ! ހުއްޓާލަބަލަ! އަހަރެން މިހާރުވެސް ޔަޝްމީ ދޫކޮށްލަފާނަން.. ވަރިކޮށްފާނަމޭ..."
ހާރޫން އެހެން ބުނުމާއެކު ޔަޝްމީ ވަގުތުން ފޯނު ކަނޑާލިއެވެ. އަދި ބަންޑުން ވެއްޓިގަނެ އޮވެ، ރޮމުން ދިޔައެވެ. ހާރޫން ދެތިން ފަހަރު ޔަޝްމީގެ ފޯނަށް ގުޅުމުންވެސް ފޯނު ނަގަން ޔަޝްމީ ބޭނުމެއް ނުވިއެވެ. އޭނާގެ ހިތުގެ ޙާލު ހާރޫންއަށް އިއްވާނެ ހިތްވަރު ނުލިބުނުކަމީ އޭނާގެ ފިނޑިކަމޭ އަމިއްލައަށް އިޙްސާސްވާން ފެށިއެވެ. އިރުކޮޅަކު ޔަޝްމީ އެހެން އޮތުމަށްފަހު ފުންމައިގެން ތެދުވެ ބޭރަށް ނިކުތެވެ. އޭރު ޖާވިދް އޮފީހަށް ދާން ނިކުންނަނީއެވެ.
" ދޮންބޭ! "
ޖާވިދް ފެނުމުން ޔަޝްމީ އިތުރަށް ދެރަވެއްޖެއެވެ. އެއާއިއެކު ހާސްވެފައި ހުރެ ޖާވިދް އައިސް ޔަޝްމީގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.
" ކިހިނެއްވީ ކޮއްކޮ؟ "
ޖާވިދްވެސް ވާހަކަ ދެއްކީ މަޑުމަޑުންނެވެ. އެހިނދު ޔަޝްމީ އިސްޖަހާލިއެވެ. އަދި އިރުކޮޅަކު ގިސްލާން ހުރުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
" ހާރޫން... ހާރޫން އަހަރެން ވަރިކުރަނީ.. އަހަރެން ދޫކޮށްލަނީ..."
ޔަޝްމީގެ ޖުމްލައިން ޖާވިދްއަށް ލިބުނީ ކުއްލި ޝޮކެކެވެ. އޭނާއަށް ލިބުނު ހައިރާންކަމެއްގެ ސަބަބުން ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.
***
ގެއަށްވަތް ގޮތަށް ހާރޫން ގޮސް ސޯފާއަށް ވެއްޓިގަތެވެ. އޭރު ގަޑިން ރޭގަނޑު ބާރަވެސް ޖަހައިފިއެވެ. ޔަޝްމީއާ ވާހަކަ ދެކެވުނު ފަހުން އޭނާއަކަށް ރަނގަޅަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ހާރޫންގެ ޚިޔާލުތައް މުޅިންވެސް ހުރީ ޔަޝްމީއާ ގުޅިފައެވެ. އޭނާއަށްޓަކައި ޔަޝްމީގެ ހިތުގައި އެއްވެސް ލޯތްބެއް ނެތްކަން ހާރޫން ޤަބޫލުކުރިއެވެ. ކުޑަ ސިކުންތު ކޮޅަކަށްވެސް ހާރޫންއާއެކު އުޅެން ޔަޝްމީ ބޭނުން ނުވާކަމުގައި ހާރޫންއަށް ވިސްނުނެވެ. އަދި ޔަޝްމީ ރޮއްވާ ބަލި ކުރަން އޭނާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ.
ބޮލުގައި ރިއްސާވަރުން ހާރޫންގެ ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. ހަށިގަނޑަށް ވެރިވެފައިވާ ވަރުބަލިކަން އިންތިހާއެވެ. އޭނާ ސޯފާގައި އޮށޯވެލީ ނިތްކުރިމަތީގައި އަތް ބާއްވާލައިގެންނެވެ. އޭރުވެސް ލޮލުގެ ހިމަ ކޮޅުން ފެންތައް ފައިބަމުން ދިޔައެވެ.
" ހާރޫން؟ ކިހިނެއްވީ؟ "
ޝަހާނާގެ އަޑު އިވުނު ނަމަވެސް ހާރޫން އެދިމާލަކަށް ނުބަލައެވެ. ދެލޯ މަރައިގެން އޮތީއެވެ.
" މިގަޑީގައި ބޭރުގައި ކީއްވެ؟ "
މިފަހަރު ޝަހާނާގެ އަޑު އޭނާއަށް އިވުނީ ދާދި ކައިރިންނެވެ. އެހެންކަމުން ބޮލުން އަތް ނެގުމަށްފަހު އޭނާ ބަލައިލިއެވެ. އޭރު ޝަހާނާ އިނީ ސޯފާ ކައިރީ ކުޑަކަކޫމައްޗަށް ތިރިވެއެވެ. ޝަހާނާގެ މޫނުމަތިން އިންތިހާ ދަރަޖައަށް ހާސްކަން ފެންނަން ހުއްޓެވެ.
" ބޮލުގައި ރިއްސާތީ! ރެސްޓް ކޮށްލީމަ ރަނގަޅުވެދާނެ"
އެހެން ބުނުމަށްފަހު ހާރޫން އަނެއްކާވެސް ނިތްކުރިމައްޗަށް އަތްލައިގެން އޮވެ ދެލޯ މަރާލިއެވެ. އެއާއިއެކު ޝަހާނާ ފުންމައިގެން ތެދުވިއެވެ. ބާރުބާރަށް ހިނގާފައި ގޮސް ކޮޓަރިއަށްވަނުމަށްފަހު އެހާމެ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އޭނާ ކޮޓަރިން ނިކުމެއްޖެއެވެ.
" މިއީ އަހަރެން އަބަދުވެސް ގެންގުޅޭ ބާމެއް.. ބޮލުގައި ރިހުން ވަރަށް އަވަހަށް ރަނގަޅުވެދާނެ.. މީގެ އާވިން ވަރަށް ފަސޭހައިން ނިދެންވެސް ނިދޭނެ"
ޝަހާނާގެ އަޑަށް އަނެއްކާވެސް އޭނާއަށް ބަލައިލާން ހާރޫންއަށް މަޖުބޫރުވިއެވެ. ކުރިމަތީގައި ހުރި ޝަހާނާ ފެނުމާއެކު ވަރަށް އުނދަގުލުން ހާރޫން ތެދުވިއެވެ.
" އަހަރެން ކޮޓަރިއަށް ގޮސް އުނގުޅާލާނަން.. ތި ފުޅި ދީ އަހަރެންގެ އަތަށް"
އެހެން ބުނުމަށްފަހު ޝަހާނާ ދިއްކޮށްލި ފުޅި ހިފައިގެން ހާރޫން ހިނގައިގަތް ވަގުތު އޭނާގެ ބޮލަށް އެނބުރުން އަރާ ގޮތް ވުމުން ކުޑަކޮށް އަރި އަޅާލާ ކަހަލަ ގޮތެއް ވިއެވެ. ދަނޑިވަޅުގެ ބޭނުން ހިފައި ޝަހާނާ ހާރޫންގެ މެދުހަށީގައި ފަހަތުން ހިފެހެއްޓިއެވެ. އަދި އަވަސް އަވަހަށް ހާރޫންގެ އަރިކަށީގައި ތަތްވެގަންނަމުން ބުންޏެވެ.
" އެކަނި ނުދެވޭނެއެއްނު! އަހަންނާއެކު ހިނގާ! "
ޝަހާނާ އެހެން ބުނެލި އިރުވެސް ހާރޫން އެނބުރުން އަރައެވެ. އެހެންކަމުން ސަޕޯޓަކަށް ޝަހާނާގެ ކޮނޑުގައި އަތް ޖައްސާލައިގެން ހުރެ އޭނާ ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތެވެ. އެހިނދު އެސްފިޔަތަކަށް ބަރުވެ އޭނާގެ ދެލޯ މެރިއްޖެއެވެ. ގައިގައި ހުރި ބާރެއް ލުމަށްފަހު ޝަހާނާ ،ހާރޫންގެ ދެފައިގައި ހިފައި އެނދަށް އެރުވިއެވެ. އަދި އޭނާގެ ބޫޓު ނައްޓާލުމަށްފަހު ތިރިއަށް ވައްޓާލިއެވެ. އޭރުވެސް ޝަހާނާގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ ހާރޫންގެ މޫނަށެވެ. މަސްތީ ހިނިތުންވުމެއްގައި ހުރެ، ޝަހާނާގޮސް އެނދު ބިއްދޮށަށް އެރިއެވެ. އަދި މަޑުމަޑުން ހާރޫންގެ މޫނަށް ބަލަހައްޓައިގެން އިނީ ދާދި ގާތުގައެވެ. ތުރުތުރު އަޅާ އަތަކުން އޭނާ ހާރޫންގެ ނިތްކުރީގައި ފިރުމާލުމާއެކު ހާރޫން ކުޑަކޮށް ތެޅިލިއެވެ. ޝަހާނާ އަވަސް އަވަހަށް އަތް ނަގާ ކުޑަކޮށް ދުރަށް ޖެހިލިއެވެ. ނަމަވެސް މާކަ ގިނަ އިރަކު އޭނާއަކަށް ދުރަކު ނީނދެވުނެވެ. އަނެއްކާވެސް ހާރޫންއާ ގާތްވެލިއެވެ. ހާރޫންގެ ބިޔަ ހަށިގަނޑަށް ބަލަހައްޓައިގެން އިންނަން އޭނާއަށް އުނދަގޫވިއެވެ. އެހެންކަމުން ހާރޫން ލައިފައިވާ ގަމީހުގެ ގޮށްތައް އޭނާ ލަސްލަހުން ނައްޓުވަމުން ދިޔައެވެ. އެއަށްފަހު އޭނާ ހާރޫންއާ ދާދި ގާތުގައި އޮށޯވެލިއެވެ. އަދި ހާރޫންގެ ތަނަވަސް މޭމަތީގައި މަޑުމަޑުން ފިރުމާލިއެވެ. އެހިނދު ހާރޫން ކުއްލިއަކަށް އަރިއަކަށް ފުރޮޅިލުމަށްފަހު ޝަހާނާގެ ގަޔަށް އެއްފައި އެއްލިއެވެ. ހާރޫންގެ ވަރުގަދަ ހަށިގަނޑާއިއެކު އޭނާ ހައްޔަރުވުމުން ޝަހާނާއަށް ލިބުނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެކެވެ. ގުޑިވެސް ނުލައި އެހެން އޮއްވައި ކުއްލިއަކަށް ހާރޫންގެ އަތުން ޝަހާނާގެ ގައިގައި ފިރުމަމުންދާކަން އޭނާއަށް އިޙްސާސް ކުރެވުނެވެ. ދެލޯ ބޮޑުކޮށްގެން އޮތް ޝަހާނާއަށް އިތުރަށް ހާރޫންއާ ގާތް ވެލެވުނެވެ. ހަމަ އެވަގުތެވެ. ހާރޫންއަށް ދެލޯ ހުޅުވާލެވުމާއެކު ސިހިފައި ދުރަށް ޖެހިލިއެވެ.
" ޝަ..ޝަ...ޝަހާނާ؟ ޝަހާނާ؟ މިތާ ކީއްކުރަނީ؟"
ގަދަކަމުން ދެލޯ ހުޅުވާ ކަހަލަ ގޮތަށް ހާރޫން ޝަހާނާއަށް ބަލަހައްޓައިގެން އޮވެ އެނދުން ފޭބިއެވެ. އެއާއިއެކު ބިރުން އޮވެ ޝަހާނާވެސް ފުންމައިގެން ތެދުވެ އެނދުން ފައިބައިފިއެވެ.
" ހާރޫން އެއްނު ގަދަކަމުން އަހަރެން ވެއްދީ؟"
ޝަހާނާ ހާރޫންއަށް ފުރަގަސް ދެމުން ބާރު ބާރަށް ބުންޏެވެ. އެހިނދު ހާރޫންގާތަށް އިންތިހާއަށް ރުޅިއައެވެ. ނަމަވެސް ބޮލުގައި ރިއްސާވަރުން އޭނާއަށް އަޑުހަރުކޮށް ވާހަކަ ދައްކާކަށް ނުކެރުނެވެ. އޭނާ އަނެއްކާވެސް އެނދުގައި އިށީނީއެވެ.
" އަހަރެން ކޮންއިރަކު ޝަހާނާ މިތަނަށް ވެއްދީ؟ ޕްލީޒް.. ނިކުމޭ މިތަނުން.. ޕްލީޒް"
ހާރޫން ބޭނުންވީ ޝަހާނާ އެކޮޓަރިން ނެރޭށެވެ. ނަމަވެސް ލަދުގަނެފައި ހުރި ޝަހާނާ ނިކުންނާކަށް ގަސްތެެއް ނުކުރިއެވެ. އޭނާ ބޭނުންވީ ހާރޫންގެ ހަމްދަރުދީ ހޯދާށެވެ
" ކުރީ ދުވަހު ވީ ކަންތަކުން އަހަރެން ހާރޫންދެކެ ވަރަށް ލަދުން މި ހުންނަނީ! އެކަމަކު މިރޭ ހާރޫން ބަލިވެ އަހަރެން އުޅުނީ ބާމް ފުޅި ދޭންވެގެން. އެކަމަކު.. ހާރޫން އެނބުރުން އަރައިގެން ވެއްޓެން އުޅުނީމަ އަހަރެން ހިފެހެއްޓީ.. އެކަމަކު ހާރޫންއަށް އަހަރެންގެ ގައިން ދުލެއް ނުކުރެވުނު.. ހާރޫން އެނދުގައި އޮށޯތީ އަހަންނާއެކު! އަހަރެންވެސް ވަރަށް މަސައްކަތްކުރިން ދުރަށް ދާން! އަހަރެން ވަރަށް ލަދުގަނެއްޖެ ހާރޫން.. އެކަމަކު މީގަ އަހަރެންގެ ކުށަކީ ކޮބާ؟ އަހަންނަކީ ނިކަމެއްޗަކަށް ވީމަތަ އަހަންނާމެދު މިހާ ބޭއިންސާފުކޮށް ކަންތައް މިވަނީ؟ މިރޭވެސް ހާރޫންއަށް ކުށްވެރިވާނީ އަހަރެން.. އެކަމަކު އަހަރެން މިކަމުގައި ކުރާނީ ކިއް؟ ތިހާ ވަރުގަދަ މީހެއްގެ ގައިދަށުން އަހަރެން ކިހިނެއް ސަލާމަތްވާނީ ހާރޫން؟ "
ޝަހާނާ މަޑުމަޑުން ބުންޏެވެ. އެހިނދު ކަންތައްވީވެސް އޭނާ ބޭނުންވާ ގޮތަށެވެ. ހާރޫންގެ ހިތް އޭނާއަށްޓަކައި ރަޙުމުން ފުރުނެވެ.
" އަހަންނަށް މަޢާފްކުރޭ ޝަހާނާ! އަހަންނާހެދި ޝަހާނާއަށް ވަރަށް ގިނަ އުނދަގޫތަކެއް ކުރިމަތިވެއްޖެކަން އެނގޭ! އަދި ވެގެން ނުވާނެ އެތައް ކަމެއް ވެއްޖެކަންވެސް އެނގޭ! އެކަމަކު... ގަސްތަކު ނޫން.."
ހާރޫން އެހެން ބުނުމާއެކު ޝަހާނާ މަޑުމަޑުން ހާރޫންއާ ދިމާލަށް ހިނގައިގަތެވެ.
" ގަސްތަކާ ނުލައި ހާރޫންއަށް ކުރެވޭ ކަންތައްތަކުން ތި ކުޅެވެނީ އަހަރެންގެ އިޙްސާސްތަކާއިކަން އެނގޭތަ؟ މިހެން ބުނާކަށް ބޭނުމެއްވެސް ނޫން.. އެކަމަކު އަހަރެންގެ ހިތް ދޫވެގެން މިދަނީ ހަމަ ހާރޫންގެ ސަބަބުން... ހާރޫންގެ ސަބަބުން! އަހަންނާ ދުރަށްދޭ ހާރޫން.."
ޝަހާނާ އެހެން ބުނެ ހާރޫންއަށް ފުރަގަސް ދިނެވެ. ހައިރާންކަމާއި ނުތަނަވަސްކަން ލިބެމުންދާ ހާރޫންގެ ހިތަށްވަނީ ބިރުވެރިކަން ވެރިވެފައެވެ.
" އަހަރެންގެ ދިރިއުޅުން ރޫޅިއްޖެއްޔާ އަހަންނަށް އެހީވާނީ ކާކު؟ ޒިންމާ ނަގަންޖެހޭނީ ކާކު؟ "
މޫނުމަތީގެ ޝުޢޫރުތައް ބަދަލުކޮށްލަމުން ދެރަވާ ކަމަށް ހަދާފައި ޝަހާނާ އެހެން ބުނެ ބޭރަށް ދުއްވައިގަތެވެ. އެހިނދު ހާރޫންއަށް ހިންދިރުވާލެވުނެވެ. ބޮޑު އިލްޒާމެއް ބޮލުގައި އެޅުވުނީތީ ހާރޫން ބިރުގަންނަން ފެށިއެވެ. ހިތަށް އުނދަގޫވީ ވަރުން އޭނާ ގޮސް ކުޑަޮދޮރު ކައިރީ ހުއްޓި ބޭރަށް ނަޒަރު ހިންގާލިއެވެ. ކުރިމަތިވާން އުޅެނީ ކޮންފަދަ ކަންތައްގަނޑެއް ބާވައޭ ހިތަށް އެރިއެވެ. އިރުކޮޅަކު އެހެން ހުއްޓާ އަނެއްކާވެސް ކޮޓަރީގެ ދޮރު ހުޅުވިކަން އޭނާއަށް އެނގުނެވެ. ޝަހާނާ މިފަހަރު ދައްކާނީ ކޮން ވާހަކައެއް ބާވައޭ ހިތަށް އެރުމާއެކު އުދާސްވެފައި ހުރެ އޭނާ އެނބުރިލީ އަވަސް އަވަހަށެވެ. އެހިނދު ކޮނޑުގައި ދަބަހެއް އަޅުވައިގެން ހުރި ޔަޝްމީ ފެނި އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހާރޫންއަށް ދެތިން ފިޔަވަޅު ކުރިއަށް އެޅުނެވެ. އަދި ދެލޯ ބޮޑުވެ ހައިރާންވެވިފައި ހުއްޓާ ބާރުބާރަށް ދުވެފައި އައިސް ޔަޝްމީ އޭނާގެ ގައިގައި ޖެހިގަތެވެ. އެއާއިއެކު ހާރޫންއަށް ޔަޝްމީގެ ގައިގައި ބައްދާލެވުނީ ޔަޝްމީ ފެނުމުން ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ.
ވަގުތަކީ ޝަހާނާ އައިސް ދޮރުމަތީގައި ހުއްޓުނު ވަގުތެވެ. ހާރޫންގެ އަތުގެ ހިމާޔަތުގެ ދަށުގައި ހުރި ޔަޝްމީ ފެނުމާއެކު ޝަހާނާގެ ދެލޯވެސް ބޮޑުވެގެން ދިޔައެވެ. އޭނާއަށްވެސް ލިބުނީ ކުއްލި ހައިރާން ކަމެކެވެ.
" ޔަޝްމީ؟"
މަޑުމަޑުން ޝަހާނާގެ ތުންފަތް ހަރަކާތް ކޮށްލިއެވެ.
( ނުނިމޭ )
މިވާހަކަ ގެނެސްދެނީ ކޮންމެ އާދިއްތަ ދުވަހަކުން ބުރާސްފަތި ދުވަހަށެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!