" ރަނގަޅު އިސްތިރިއެއް ހަދަންވީތަ؟"
ނާއިފް އެހެން ބުނުމުން ޝަހާނާގެ މޫނުމައްޗަށް ވެރިވި އުފާވެރިކަންފެނި އެއީ އޭނާވެސް އެދޭ ގޮތްކަން ނާއިފްއަށް އެނގުނެވެ.
" އެނގޭތަ އެކަން ކުރާ މީހެއް؟"
ހީވާ ގޮތުން ޝަހާނާވެސް ހުރީ އެގޮތް ބޭނުން ވެެފައެވެ. އެހެންކަމުން ނާއިފްގެ ވިސްނުން ހުރިގޮތް ބަލަން ޝަހާނާ ވަރަށް ޝައުޤުވެރިވިއެވެ.
" އަހަރެން މިހެން މިބުނެލީ މަޖަލަކަށް! އެހެން ނޫނަސް އެކަހަލަ ކަންތައްތައް ކުރާކަށް ނުވެސްވާނެ އެއްނު.. "
ހިނިގަނޑެއް ޖަހާލަމުން ނާއިފް އެހެން ބުނުމާއެކު ޝަހާނާގެ މޫނުމައްޗަށް ފޫހިކަން ވެރިވިއެވެ.
" ޝަހާއްތަ ކީއްވެގެންތަ އަސްލު އެހާ އަވަސް އަރުވާލައިގެން ތިއުޅެނީ؟"
ޝަހާނާގެ މޫނުމަތީގެ ހަރަކާތްތައް ނާއިފަށް ފާހަގަ ކުރެވިގެން އޭނާ ސުވާލުކުރީ ފިހާރަ ދޮރާ ދިމާލަށް ދަމުންނެވެ. ފަހަތުން ޝަހާނާ ހިނގައިގަތީ ހިތްހަމަ ނުޖެހޭ ގޮތަކަށް ނާއިފަށް ބަލަމުންނެވެ.
" އަހަރެން މިއުޅެނީ އަވަސް އަރުވާލައިގެންތަ؟ އަހަރެން ހީކުރީ ނާއިފް އަހަންނަށް މަލާމާތް ކުރުމުގެ ބަދަލުގައި ކުރާނީ ތަޢުރީފްކަމަށް. އަހަރެން މިހާ ހެޔޮއެދިގެން މިކަމަށް ހިތްވަރުދިނަސް ނާއިފް އެކަން ބަލައެއް ނުގަތްތާ! ދެން ހެޔޮ! ދެން އަހަރެންގެ އެއްވެސް އަތެއް ތިކަމަކަށް ނޯންނާނެ! އަހަންނަށް ހެޔޮ ނާއިފަށް ޔަޝްމީ ލިބުނަސް ނުލިބުނަސް.."
ރުޅި އައިސްހުރެ، ނާއިފްއަށް ވުރެ ކުރިން ދޮރުއަތްގަނޑުގައި ހިފީ ޝަހާނާއެވެ. އޭނާ އަވަސް އަވަހަށް ނިކުމެގެން ދިޔުމުން ހައިރާންވެފައި ނާއިފްއަށް ހުރެވުނީ ބާރުބާރަށް ހިނގާފައިދާ ޝަހާނާއަށް ބަލާށެވެ.
" މީނަގެ ކޮންމެވެސް އެހެން އެދުމެއްވެސް އޮންނާނެ! އެހެން ނޫން ނަމަ މިހާވަރަކުން ނޫޅޭނެ"
ފުންކޮށް ވިސްނާލަމުން ނާއިފަށް ބުނެވުނެވެ.
***
ގެއަށް އައި ގޮތަށް، ކޮޓަރިއަށް ވަދެ ޝަހާނާ އެނދުމަތީގައި އޮށޯވެލިއެވެ. މިހާރަކަށް އައިސް އޭނާއަކަށް ހަމަޖެހުމެއް ނުލިބެއެވެ. ހާރޫންގެ މުއްސަނދި ދިރިއުޅުން ފެނި، އެކަމަށް އޭނާގެ ހިތް އެދެނީއެވެ. މާލެ ދާހިތްވަނީއެވެ. ރަށުގައި އުޅޭހިތް ނުވަނީއެވެ. ޔަޝްމީ އުޅެމުންދާ ކަހަލަ ދިރިއުޅުމެއް އޭނާ ބޭނުންވަނީއެވެ. އަދި ޔަޝްމީގެ މަޤާމަށް ދަހިވެތިވެވެނީއެވެ.
" ކޮން ފިކުރެއްގައިތަ؟"
ދެލޯމަރާލައިގެން އޮތް ޝަހާނާ ސިހިގެން ދިޔައީ ޖާވިދް އައިސް ދާދި ގާތުގައި އޮށޯވެލުމުންނެވެ. އެއާއެކު ފުންމައިގެން ޝަހާނާ ތެދުވެ އެނދުގައި އިށީނދެލިއެވެ. އެއަށްފަހު ޖާވިދާ އޭނާ ވާހަކަ ދައްކަން ފެށީ ރުންކުރު ގޮތަކަށެވެ.
" އަހަރެން އެބަ ފިކުރު ކުރޭތަ؟ އަހަރެން ނުވޭދޯ ތަނެއްގައި ބުރަކަށި ޖައްސާލައިގެންވެސް؟ "
" އަނހަ! ހާދަ އަވަހަކަށް ތި ރުޅި އައީ؟ ޝަހާ މާލެއިން އައި ފަހުން ވަރަށް ބޮޑަށް ބަދަލުވެއްޖެ! އަހަރެން މި ހުންނަނީ މިހެންވެސް ނުބުނަން ވެގެން"
ޖާވިދްވެސް ތެދުވިއެވެ. އަދި ޝަހާނާއަށް ފުރަގަސްދީގެން އޭނާވެސް އެނދުގެ އަނެއް ފަރާތުގައި އިނެވެ.
" ކޮން ބަދަލެއް؟ ޖާވިދްގެ ހުރިހާކަމެއްވެސް މި ބަލަހައްޓަނީ މަށެއްނު"
ޝަހާނާ ފަހަތަށް އެނބުރި ބުނެލިއެވެ.
" އަހަންނަށް ޚިދުމަތް ކޮށްނުދޭ ވާހަކައެއް ނޫނޭ މިބުނީ! މިހާރަކަށް އައިސް އަހަންނާ ވާހަކަ ދައްކަނީ އަބަދުވެސް ރުޅި އައިސްގެން. ނިދަން އެނދަށް އަރާފައިވެސް އަހަންނަށް ފުރަގަސްދީގެން އޮންނަނީ.. އެއީ މީގެ ކުރިން ޝަހާ އުޅުނު ގޮތެއް ނޫނެއްނު. އަހަރެން ޝަހާގެ ގައިގައި އަތް ޖައްސާލަންވެސް ބޭނުން ނުވާހެން ހީވަނީ! "
ޖާވިދް އަސަރާއެކު ކިޔައިދިނެވެ. ނަމަވެސް ޖާވިދްގެ ވާހަކަތަކުން ޝަހާނާއަށް އެއްވެސް އަސަރެއް ނުކުރިއެވެ. އޭނާ ގާތަށް އައީ ހައްތަހާ ރުޅިއެވެ.
" އަހަރެން އަޑުއެހިން މާލެއިން ކޮންމެވެސް ކޯހެއް ހަދައިގެން އައި ޒޫނާ ތި އޮފީހަށް ވަތް ވާހަކަ! އަހަންނަށް ހީވަނީ ޖާވިދަށް ތި ކުރަނީ އެކަމުގެ އަސަރުހެން"
ޝަހާނާ އެހެން ބުނުމާއެކު ޖާވިދް ހައިރާންވެފައި ފަހަތް ބަލައިލުމަށްފަހު ހިތްހަމަ ނުޖެހޭ ރާގެއްގައި ވާހަކަ ދައްކަން ފެށިއެވެ.
" މިހާރު މިތަނަށް ޒޫނާ ތި ވެއްދީ ކީއްކުރަން؟ ޒޫނާއާ މިކަމަކާ ކޮން ބެހޭކަމެއް؟ "
" ކޮބާކޮބާ؟ ޒޫނާގެ ވާހަކަ ބުނީމަ އަސަރުތަކެއް ކޮށްފިތާ! މާލޭގައި ފަސް ހަ އަހަރު ދުވަހު ކިޔަވަން އުޅެފައި އައީމަ ކިހާ ރީތިވެފައި ކިހާ ފެޝަނަށް ލޯބި ކުރާނެ! އަހަރެމެން މި ތިބޭހެން ގެދަބުޅިގަނޑެއް ހެންނެއް ނޫނޭ އެމަންޖެމެން ތިބޭނީ! މޭކަޕްސެޓް ހުރިގޮތަށް މޫނުގައި ހާވައިގެންގޮސް އެ އިންނަނީ ޖާވިދްމެންގެ ކުރިމަތީގައި! ދެން އެ ރީތި މޫނަށް ބަލަބަލާފައި ގެއަށް އަންނައިރު މަގޭ މޫނުން ދާތިކިތިކި ފައިބާތަން ތި ފެންނަނީ! ނޫނީ ތެޔޮވެގެން އޮފް އަރާތަން ފެންނާނީ! ދެން ކިހިނެއް ގެއަށް އަންނަހިތްވާނީ! ރަނގަޅަށް ވިއްޔާ މިހާރު ހުންނާނީ ޒޫނާއަށް ހިތްކިޔާފައި"
ވާހަކަ ދައްކަމުން ޝަހާނާ އެނދުން ތެދުވެގެން ގޮސް ޖާވިދްގެ ކުރިމަތީގައި ހުއްޓުނެވެ. އެއާއެކު ޖާވިދްގާތަށް އިންތިހާއަށް ރުޅި އައެވެ.
" ވަޒީފާގެ ގޮތުން ދައްކަން ޖެހޭ ވާހަކައެއް ފިޔަވާ އެއްވެސް ވާހަކައެއް ޒޫނާއާ ނޯންނާނެ ދައްކާފައެއް.. އޮފީސް ނިންމާފައިވެސް އަހަރެން އަބަދު މި އުޅެނީ ގޭގައި. ފިރިމީހާގެ ކުރިމަތީގައި ތިކަހަލަ ޝަކުވާ ކުރަން ކެރޭނީވެސް ވަރަށް ގޮތެއްފޮތެއް ނެތީމަ! އަސްލު ހާދަ ދަށުދަރަޖައެއްގެ ވާހަކަތަކެކޭ ޝަހާ ތި ދެއްކީ! ކުޑަކޮށް ނަމަވެސް އަހަންނަށް އިތުބާރުކޮށްބަލަ!"
ޖާވިދްއަށް ވާހަކަވެސް ދެއްކުނީ ނުހަނު ބާރަށެވެ. އެހިނދު ތުންއަނބުރާލަމުން ޝަހާނާ ދެއަތް އުރާލީ ފަރުވާކުޑަ ގޮތަކަށެވެ.
" ޖާވިދެއްނު ދެންމެ ބުނީ އަހަރެން މާލެއިން އައިފަހުން ބަދަލު ވެއްޖެޔޭ! ނުސީދާކޮށް ތި ބުނަނީ އަހަރެން މާލޭގައި ގަނޑެއްގަތިއްޔޭ ދޯ!"
ޝަހާނާ ބުނެލި ޖުމްލަތަކަށް އެއްވެސް ސަމާލުކަމެއް ނުދީ ޖާވިދް ނިކުމެގެން ދިޔައީ އިތުރަށް ޒުވާބުކުރަން ބޭނުން ނުވާތީއެވެ. ޖާވިދް ދިޔުމުން ދެކޮނޑު އަރުވާލަމުން ޝަހާނާ އަނެއްކާވެސް އެނދުގައި އިށީނެވެ.
***
މިއަދުވެސް މެންދުރުފަހު ޔަޝްމީ ނިކުތީ ގޭގެ ބިއްދޮށު ފަރާތަށެވެ. އެއީ އާއްމުކޮށް މީހުން ނޫޅޭ ސަރަޙައްދެއްކަމުން އެތަނުގައި އިންނަން ޔަޝްމީ ނުހަނު ހިތްހަމަ ޖެހެއެވެ. ފޯނު ހިފައިގެން އޭނާ އައީ ނޫސްތައް ބަލާލާށެވެ. ނަމަވެސް އޭނާއަށް ކުއްލި ހައިރާންކަމެއް ލިބުނީ ހާރޫންގެ ކޯލް އައުމުންނެވެ.
" ހާރޫން؟ ހާދަ އަވަހަކަށް މާލެއައީ؟"
ޔަޝްމީއަށް ބުނެލެވުނެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު އޭނާ ފޯނުނެގިއެވެ.
" ދަތުރު ކުރުކޮށްލާފައި މާލެ މިއައީ ބައްޕަ ބަލިވެގެން! "
އެއާއިއެކު ޔަޝްމީވެސް ކަންބޮޑުވިއެވެ. އޭރު ދުރުން އަންނަ ޝަހާނާވެސް ޔަޝްމީއަށް ފެނުނެވެ.
" ބައްޕައަށް ކިހިނެއްވީ؟"
ޔަޝްމީ އަަވަސް އަވަހަށް އަހާލިއެވެ.
" ހޮސްޕިޓަލްގައި އެޑްމިޓްކުރީ އޮކްސިޖަން ދަށްވާތީވެ! އަހަރެން އަދި މިހުރީ އެއަރޕޯޓްގައި."
ހާރޫން ވާހަކަ ދެއްކީ ނުހަނު އަވަހަށެވެ. އޭރު ޔަޝްމީގެ މޫނުމަތީގައިވާ ކަންބޮޑުވުންފެނި، ޝަހާނާވެސް ހުރީ ހައިރާންވެފައި ޔަޝްމީއަށް ބަލާށެވެ.
" އިންޝާﷲ ހާރޫންގެ ބައްޕަ އަދި ރަނގަޅުވާނެ! "
ގުޅައިގެން އުޅެނީ ހާރޫންކަން އެނގުމުން ޝަހާނާގެ މޫނުމަތިން އުޖާލާވެގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް ޔަޝްމީގެ ގައިގައި ކޮއްޓާލުމަށްފަހު އަތުގެ ޚަރަކާތުން އޭނާ މާލެދާން ބޭނުންވާ ވާހަކަ ބުނާށޭ ބުންޏެވެ. ޝަހާނާ އެހެން ބުނަމުންދާތީ ޔަޝްމީގެ ހިތް ނުތަނަވަސްވެގެން ދިޔައެވެ. ނަމަވެސް އެވާހަކަ ބުނަން އޭނާ ފަސްޖެހުނެވެ.
" ބުނެބަލަދެން.."
ވައި އަޑުން ޝަހާނާ އަނެއްކާވެސް ބުނެލިއެވެ. އެވަގުތު ޔަޝްމީއަށް ހިންދިރުވާލެވުނީ ލަދުންނެވެ. ޙަޤީޤަތުގައި މިވަގުތު ހާރޫންގާތު އެއްވެސް އެހީއަކަށް އެދޭކަށް އޭނާ ބޭނުމެއް ނޫނެވެ. ހާރޫންއާ ދެމީހުން ވަކިވާން ނިންމާފައިވަނިކޮށް، އެފަދަ ކަމަކަށް ބުނަންވެސް ޔަޝްމީ ޖެހިލުންވެއެވެ. ނަމަވެސް ޝަހާނާގެ މޫނުމަތީގެ ކުލަވަރު ހުރިގޮތުންނާއި އޭނާ އެވަރަށް އާދޭސްކުރާތީ ޔަޝްމީއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ.
" ހާރޫން.. އަހަރެން.... އަހަރެން ވާހަކައެއް ބުނަން ބޭނުން.. ވަރަށް ބޮޑު ކަމަކު އެދެން ވެގެން"
ޔަޝްމީ އެހެން ބުނުމާއިއެކު ހާރޫން ޝައުޤުވެރިކަމާއިއެކު ބުނާށޭ ބުންޏެވެ. އެހިނދު ޔަޝްމީއަށް ބަލައިލެވުނީ ޝަހާނާގެ މޫނަށެވެ.
" ދައްތަ ކުޑަކޮށް ބަލިވެގެން މާލެދާން ޖެހިގެން.. ދޮންބެއަށް ނުދެވޭނެތީވެ ތިގޭގައި ހުރެވޭތޯ އަހާލީ"
ޖުމްލަ ދޫކޮށްލުމަށްފަހު ޔަޝްމީ އިސްޖަހާލިއެވެ. އެހިނދު ހާރޫންގެ އަޑު އިވުނެވެ.
" ޝަހާނާއާއެކު ޔަޝްމީވެސް އަންނަންތަ؟ "
ހާރޫންކޮށްލި ސުވާލުން ޔަޝްމީގެ ހިތް އިތުރަށް ނުތަނަވަސްވިއެވެ.
" މަންމަ އުޅެނީ ބަލިވެ.. އެހެންވެ އަހަންނަކަށް ނުދެވޭނެ! ދައްތަ އެކަނި ދާނީ.. އެހެން ނޫނަސް އަހަރެން ދިޔުމުގެ އެއްވެސް މާނައެއް ނެތެއްނު މިހާރު"
ޔަޝްމީ ބުންޏެވެ. އޭރުވެސް ޝަހާނާ ހުރީ ހާރޫންގެ ޖަވާބުގެ އިންތިޒާރުގައި ކެތްމަދުވެފައެވެ.
" ޝަހާނާ އެކަނިތަ ދެން އަންނަނީ؟ "
ހާރޫންއަށް ހައިރާންވެފައި އަހާލެވުނެވެ. ޔަޝްމީ ހޫމްއޭ ބުނެލުމުން، ހާރޫން ފުން ނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ.
" އެންމެ ރަނގަޅު! ޔަޝްމީގެ އެދުމެއްތާދޯ! އެހެންވީމަ ބުނޭ އަންނާށޭ! ޝަހާނާ އޭރު އައިސް ހުރި ކޮޓަރީގައި އޭނައަށް ހުރެވޭނެ! ދެން އެއީ ޔަޝްމީގެ ފަހަރި ވީމަ އަހަންނަށް ވީވަރަކުން އޭނައަށް އެހީތެރިކަން ފޯރުކޮށްދޭނަން.. އެކަމަކު ހިތަށް އަރަނީ ތިވާހަކަ ބުނަން އަހަންނަށް ޖާވިދް ނުގުޅީ ކީއްވެ ބާވައޭ؟"
ހާރޫން ވާހަކަ ދެއްކީ އާދައިގެ ރާގަކަށެވެ. އޭނާގެ ސުވާލުން ޔަޝްމީއަށް އަނެއްކާވެސް ޝަހާނާގެ މޫނަށް ބަލައިލެވުނެވެ.
" ފަހަރެއްގައި ފަހުން ގުޅާނެ ކަންނޭނގެއެއްނު"
ޔަޝްމީ ބުންޏެވެ.
" ދެން މިހާރު މި އަރަނީ ކާރަށް...ބައްޕަ ހޮސްޕިޓަލުން ދޫކޮށްލީމަ އަހަރެން އެއްކަލަ ކަންތަކާ އުޅޭނަން"
ހާރޫން ބުނެލިއެވެ. އެހިނދު ޔަޝްމީގެ ހިތް ތެޅިގަތީ އާދަޔާ ޚިލާފަށް ބާރަށެވެ.
" ކޮން..؟ ކަމެއް؟"
" ހަނދާން ނެތުނީތަ؟ އަހަރެން ބުނީމެއްނު ބޭރުން އައިސް މި ކަންތައް ނިންމާލާނަމޭ! "
ހާރޫން އެހެން ބުނުމުން ޔަޝްމީ އަވަހަށް ފޯނު ކަނޑާލިއެވެ. އެއާއިއެކު ހާރޫންއަށް ހިނިތުންވެލެވުނެވެ. ނަމަވެސް އިތުރަށް ގުޅާކަށް ނަހަދައެވެ. އޭނާ މިސްރާބުޖެހީ ހޮސްޕިޓަލާ ދިމާލަށެވެ.
ޝަހާނާގެ ކުރިމަތީގައި ހާރޫންއާ އެފަދަ އެއްވެސް ވާހަކައެއް ދައްކާކަށް ޔަޝްމީ ބޭނުމެއް ނޫނެވެ. އޭނާ ފޯނު ކަނޑާލީ އެހެންވެއެވެ. ޔަޝްމީ ފޯނު ބޭއްވުމާއެކު ޝަހާނާ އަވަސް އަވަހަށް ޔަޝްމީއާ ދާދި ގާތުގައި އިށީނެވެ.
" ކީކޯ؟ ކީކޭތަ އޭނަ ބުނީ؟"
" އޯކޭޔޯ! ދާށޯ ބުނީ! "
ޔަޝްމީ އިސްޖަހާލަމުން ބުންޏެވެ. އެއާއިއެކު އުފާވެރި ހިނިތުންވުމަކުން ޝަހާނާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.
***
" އަހަރެންގާތު އަހައިވެސްނުލައި މިހާރު ހާރޫންގާތުވެސް އެހީ؟ "
ޖާވިދް ހިތްހަމަ ނުޖެހުނެވެ.
" އަހަންނެއް ނޫނޭ އެހީ! ޔަޝްމީ އެހީ.. އަހަރެންގެ މި އަތަށް ވެފައި އޮތްވަރު ޖާވިދަށް އެކަނި ނުފެންނަނީ.. ޔަޝްމީވެސް އަބަދާއަބަދު އެކިޔަނީ ޑޮކްޓަރަށް ދައްކާށޭ.. އަތުން ފެށިގެން މުޅި ގަޔަށް މި އެއްޗެހިތައް ފެތުރިގަތީމަ ހަމަ އަހަންނަށްދޯ ހަޑިވާނީވެސް ތަދުވާނީވެސް.. އޭރުން ޖާވިދްވެސް އަހަރެންދެކެ ފޫހިވާނެ"
ޖާވިދް އެންމެ ޖުމްލައެއް ބުނެލާއިރަށް ޝަހާނާ ފަސް ހަ ޖުމްލަ ބުނެލައެވެ. އެކަމާ ޖާވިދް ނުހަނު ހިތްހަމަވެސް ނުޖެހެއެވެ.
" ދެން އަހަރެން މި އަހާލީ ހާރޫންގާތު މިހާރު އެހީހެއްޔޭ! އެހެން އަހާލި ކަމަށްޓަކައި އަހަރެން ޝަހާދެކެ ފޫހިވެގެން ވަރިކުރާ ހިސާބަށްވެސް ވާހަކަ ދުއްވާލީ! ދެން ތިވަރުވާކަށް ނުވާނެދޯ! އަހަރެން ކީކޭ ބުނާނީދެން.. ބޯ ހަލާކުވެއްޖެ"
ޖާވިދް ދެފަރާތަށް ބޯ ހޫރާލަމުން އެނދު ހުރަކަށް އޮށޯވެލިއެވެ. އޭރު ޝަހާނާ ހުރީ ކޮޅަށެވެ. އޮށޯވެ އޮތް ޖާވިދަށް ބަލަހައްޓައިގެން އޭނާ ހުރީ ރުޅިގަދަވެއެވެ.
" އަހަރެން ޑޮކްޓަރަށް ދައްކަން މާލެދާ ވާހަކަ ބުނީމަ ޖާވިދަށްވެސް އަޅެ ވަރުތަކެއް އެބަވޭތަ؟ މީހާ ބޯ ހަލާކުވާން ޖެހޭތަ؟ އަހަރެން ފޮނުވީމަ ވީނު.. ޑޮކްޓަރަށް ދައްކާފައި އަހަރެން އަންނާނަން ވިއްޔަ! ޖާވިދް ޝުކުރު ކޮށްބަލަ އަހަރެން އެކަނިމާއެކަނި މިހެން އުޅޭކަމަށްޓަކައިވެސް"
ޝަހާނާގެ ވާހަކަ ހުސްނުވާނެކަން ޖާވިދަށް މިހާރު އެނގެއެވެ. އެހެންކަމުން އަބަދުވެސް އޭނާ ކަންތައްކުރާ ފަދައިން މިއަދުވެސް އެއްޗެއް ނުބުނެ އޮތީއެވެ. އަދި ޝަހާނާ މާލެ ނުފޮނުވިއްޔާ އިތުރަށް ކަންތައް ގޯސްވާނެކަން އެނގި އޭނާ މާލެ ފޮނުވަން ޖާވިދް ނިންމިއެވެ،
****
ލޯގަނޑު ކުރިމަތީގައި ހުރެގެން ޝަހާނާ ފަރިވަމުން ދިޔައެވެ. އޭރު އޭނާގެ މޫނުމަތީގައިވެސްވަނީ އުޖާލާކަމެވެ. އޭނާގެ ރީތިކަމަށް ޚުދު އޭނާވެސް ފަޚްރުވެރިވެއެވެ.
" އަހަންނަށް އެނގޭ ހާރޫން މިހާރު ހުންނާނީ ޔަޝްމީ ބަލައި އަންނަ ހިތުން ކެތްމަދުވެފައިކަން! އެކަމަކު.. އަހަރެން މާލެ ދާންދެން މަޑުކޮށްލާ ހާރޫން.. އަހަންނަށް ޔަޤީން ހާރޫންގެ ނިންމުން ބަދަލުވާނެކަން.. "
ލޯގަނޑުން މޫނަށް ބަލަން ހުރެ، އެއްބުމަ ހިއްލައިލަމުން ޝަހާނާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.
" ދެން އާދޭ އަވަހަށް"
ކުއްލިއަކަށް ކޮޓަރި ދޮރު ހުޅުވާލައިފައި ޖާވިދް ގޮވާލި އަޑަށް ޝަހާނާ ދިޔައީ އެއްލިގެންނެވެ.
" ފެރީ ލޯންޗް މިހާރު ވަރަށް ކައިރި ވެއްޖޭ! އޭތި ނުކުރާނެ މަޑެއް..ގަޑިއަށް ނައްޓާލާނެ! އަވަސް ކުރޭ"
ރުންކުރު ގޮތަކަށް ޖާވިދް ބުނެލީ ތައްޔާރުވާން ވަތް ގޮތަށް ގަޑިއެއްގެ އިރު ވީ އިރުވެސް ޝަހާނާ ނުނިމުނީތީއެވެ. ޖާވިދް މިއަދު ކޮންމެ ރާގަކަށް ވާހަކަ ދެއްކި ނަމަވެސް ޝަހާނާގެ މޫނުމަތީގައިވާ އުޖާލާކަމަށް ބަދަލެއް ނާންނަ ކަހަލައެވެ. ހެވިފައިހުރެ އޭނާ އަވަސް އަވަހަށް ހިނގައިގަތެވެ.
" ދެވުނީމަ އަހަންނަށް ގުޅައްޗޭ! "
ޖާވިދް ބުންޏެވެ. އެއާއެކު ޝަހާނާ ބޯ ޖަހާލިއެވެ.
" ހާރޫންގެ އެކައުންޓަށް އަހަރެން ލާރި ފޮނުވާނަން.. ފުއްދާލެވޭތޯ ބަލައްޗޭ! "
ޖާވިދް އަނެއްކާވެސް ބުނެލިއެވެ. އޭރު ޝަހާނާވެސް ދިޔައީ ޖާވިދާ އެއްވަރަށް ބާރަށް ހިނގަމުންނެވެ.
" ހޫމް.. އަހަރެން މިފަހަރު ވިޔަފާރިއެއް ނުކުރާނަމޭ! އެކަމާ ހާސްނުވޭ! "
ޝަހާނާ އުފާވެރި ރާގެއްގައި ބުނެލިއެވެ. އެހިނދު ޖާވިދް ފުން ނަޒަރަކުން ޝަހާނާގެ މޫނަށް ބަލައިލިއެވެ.
***
ފާއިޒާގެ ކޮޓަރިން ޔަޝްމީ ނިކުތީ ފާއިޒާއަށް ސައި ދީފައެވެ. އޭރު ޖާވިދްވެސް ބްރޭކަށް އައިސް އޮފީހަށް ދާން ނިކުންނަނީއެވެ.
" ލޯންޗްގައިދޯ ދިޔައީ! މިހާރު ދެވިދާނެ ކަންނޭނގެދޯ! "
ޔަޝްމީ އެހެން ބުނުމާއެކު ޖާވިދް ހުއްޓި ޔަޝްމީއަށް ބަލައިލިއެވެ. އަދި ގަމީސް ރީތިކޮށްލަމުން ވާހަކަ ދައްކަން ފެށިއެވެ.
" އަދި ނުގުޅަން. ދެން އޮފީހަށް ގޮސް ގުޅާލާނީ! ހާރޫން ބުނީ މީހަކު ފޮނުވާނަމޭ ޖެޓީއަށް"
އެހެން ބުނުމަށްފަހު ޖާވިދް ގަޑި ބަލައިލަމުން ނިކުމެއްޖެއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޔަޝްމީ ގެއިން ނިކުތެވެ. އޭނާވެސް މާލެދާން ބޭނުމެވެ. ހާރޫން ދެކިލާހިތްވެއެވެ. ނަމަވެސް އެއީ ވަގުތީ އުފަލެއްކަން ޔަޝްމީ ހިތުގެ އަޑިން ޤަބޫލުކުރެއެވެ. މާގިނަ ދުވަހަކު ހާރޫން އޭނާގެ މީހެއްގެ ގޮތަކު ނުހުންނާނެކަން އަބަދުވެސް ހިތް ބުނަމުންދެއެވެ. އެކަމާ ޔަޝްމީ ހިތުގައި ޖެހި ނުހަނު ދެރަވެސްވެއެވެ. ނަމަވެސް އޭނާގެ އިޙްސާސްތައް ހާމަ ކުރާނެ ބާރު ދުލަކަށް ނުލިބެއެވެ. އަދި އެ ހިތްވަރެއްވެސް ނެތެވެ.
***
ޝަހާނާ ގެއަށް ވަނުމާއެކު ޑްރައިވަރ އެނބުރި ގޮއްސިއެވެ. ދޮރު ލައްޕާލުމަށްފަހު ޝަހާނާއަށް މުޅި ގެއަށް ނަޒަރު ހިންގާލެވުނީ ހިނިތުންވެފައިވާ މޫނަކައިގެންނެވެ. އޭރު އޭނާގެ ހިތްވެސްވަނީ ވަރަށް އަވަސް ވެފައެވެ. ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ސޯފާއަށް ވައްޓާލުމަށްފަހު އޭނާ މަޑުމަޑުން ހިނގާފައިގޮސް ހާރޫންގެ ކޮޓަރި ތަޅުގައި ހިފާލިއެވެ. ހާރޫން ގޭގައި ނެތްކަން ޑްރައިވަރގެ ފަރާތުން ޝަހާނާއަށް އޮތީ އެނގިފައެވެ. އެހެންކަމުން ޖެހިލުމެއްނެތި އޭނާ އެ ކޮޓަރިއަށް ވަނެވެ. އޭނާ ގޮސް އެނދުމަތީގައި އިށީނދެ ބާލީސް ނަގާ ބައްދާލިއެވެ. އަދި ދެލޯ މަރާލުމަށްފަހު ބާލީހުގައި މޫނު ޖައްސާލިއެވެ.
( ނުނިމޭ )
މިވާހަކަ ގެނެސްދެނީ ކޮންމެ އާދިއްތަ ދުވަހަކުން ބުރާސްފަތި ދުވަހަށެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!