ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލި ދާއިރާގެ ޤާސިމް އިބްރާޙީމްގެ ރަނިން މޭޓަކަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހީމް މިއަދު ހަމަޖައްސައިފިއެވެ.
ކުރިން ޓްރާންޕޯޓް މިނިސްޓަރުކަމާއި ސަރުކާރުގެ އެކި މަގާމްތައް ފުރުއްވާފައި އަމީން އަކީ ދިވެހި އަދަބިއްޔާތަށް ވެސް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ވޭލްސް ޓްރިނިޓީ އެންޑް ސެއިންޓް ޑޭވިޑް (ޔޫޑަބްލިޔުޓީއެސްޑީ) އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ އަމީން އަކީ ޤާސިމްގެ އުތުރު ކެމްޕޭން މެނޭޖަރެވެ.
އަމީން އަކީ ފެށުނީއްސުރެ ޖޭޕީގައި ޤާސިމާއެކު މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ.
ގާސިމްގެ ރަނިން މޭޓަކަށް އަމީން ހަމަޖައްސަވާފައިވާއިރު، އޭނާގެ ކެމްޕޭން އެޖެންޓަކަށް ހަމަޖައްސާފައި ވަނީ ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު އެވެ. އަދި ދެކުނު ކެމްޕޭން މެނޭޖަރަކީ ޤާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދެވެ.
ޤާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމަވާފައިވާއިރު ދާދިފަހުން ވަނީ ސިޔާސީ ދާއިރާގެ މަޝްހޫރު ބައެއް ބޭފުޅުން ވެސް ޖޭޕީއާއި ގުޅިފައެވެ. އޭގެ ތެރޭގައި ކުރީ މަޖިލިސް ރައީސް ކަމާއި، ދައުލަތާއި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ މުހައްމަދު ޝިހާބާއި، މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ފަދަ ބޭފުޅުން ހިމެނެއެވެ. މީގެ އިތުރުން ކުރީގެ ވަޒީރު މަހްމޫދު ޝައުގީ އާއި ކުރީގެ ފަނޑިޔާރު އަހްމަދު ހައިލަމް ވެސް ވަނީ ޖޭޕީއާ ގުޅިވަޑައިގެންފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޤާސިމްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަންސް (އީސީ) އަށް ހުށަހަޅަން ނިންމާފައި ވަނީ މާދަމާ ހެނދުނުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!