މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރިޔާސީ ޓިކެޓް ރޮގްސިވް ކޯލިޝަންގެ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެއް ނައިބު ރައީސް ގޮތުގައި މިއަދާއި ހަމައަށް ހުންނެވި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ދޭން މިއަދު ނިންމައިފިއެވެ.

އިދިކޮޅު ލީޑަރު، ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ކެންޑިޑެސީގެ މައްސަލައާއި ގުޅިގެން ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއްގައި އިދިކޮޅު ކޯލިޝަނުން އެހެން ކެންޑިޑޭޓެއް ނެރެން ނިންމައި، އެ ކެންޑިޑޭޓް ނެރޭނީ އެ ކޯލިޝަންގެ ބައިވެރިޔާ ޕީއެންސީން ކަމަށް މިއަދު ވަނީ ނިންމާފައެވެ.

Ad
rt

ޕީއެންސީން ރިޔާސީ ކެންޑިޑޭޓެއް ނެރެން ނިންމިތާ ކުޑަ ހިނދުކޮޅެއްތެރޭ މާލޭ މޭޔަރު ޑރ. މުޢިއްޒު ވަނީ އެ ޕާޓީ އަށް ސޮއިކޮށްފައެވެ. ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ހުށަހެޅޭނީ އެ ޕާޓީގެ މެންބަރަކަށެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލާން ފުރުސަތު ދިނީ މިއަދު 14:00 އާއި ހަމައަށެވެ. އެ ފުރުސަތުގައި މުޢިއްޒުގެ އިތުރުން އިދިކޮޅު ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަރީފް އެ ޓިކެޓަށް ކުރިމަތިލިއެވެ.

ކެންޑިޑޭޓެއް ކަނޑައެޅުމުގެ ޕީއެންސީގެ މަޝްވަރާ މަޖިލިސް ފެށީ މިއަދު 16:00 ގައެވެ. އެ ބައްދަލުވުމުގައި މުޢިއްޒު ޓިކެޓް ކަށަވަރު ކުރެއްވީ 2 ވޯޓުގެ ފަރަގަކުން ކުރި ހޯއްދަވައިގެންނެވެ. މިގޮތުން މުޢިއްޒަށް 25 ވޯޓު ލިބުނު އިރު އާދަމް އަށް 23 ވޯޓު ލިބުނެވެ.

ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ ވޯޓަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ، ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް އޮންނާނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުން ކަމަށެވެ.