ދިވެހި ދައުލަތަށް ދިގު މުއްދަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުން މިއަދު ޒުވާން މުވައްޒަފުން ނަމޫނާ ލިބިގަންނަންޖެހޭކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެންވިދާޅުވީ ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ގޮތުން މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ތަރައްޤީގެ މަގުގައި ރާއްޖެއަށް މިއަދު އާދެވިފައިވާ ހިސާބަށް އާދެވުނީ، ދައުލަތަށް ދިގުމުއްދަތެއްގައި ޚިދުމަތްކުރެއްވި ޚިދުމަތްތެރިންގެ ޤުރުބާނީއާއި ދައުލަތް ހިންގުމުގައި އެ ބޭފުޅުންގެ ޒިންމާ އަދާކުރެއްވުމުގައި ބެހެއްޓެވި ފަރުވާތެރިކަމުގެ ސަބަބުންކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް ވިދާޅުވިގޮތުގައި ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުން، އެ ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެ ބޭފުޅުންނަކީ އެ ބޭފުޅުންގެ މަގާމުގެ ވާޖިބުތައް އަދާކުރެއްވުމުގައި، އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ވަރަށް ދިގު މުއްދަތެއް ހޭދަކުރެއްވި ބޭފުޅުންކަން ފާހަގަކުރެއްވިއެވެ.

އެބޭފުޅުންނަކީ، ރާއްޖޭގެ ޤައުމީ ތަރައްޤީގެ ޙަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅުން ކަމަށާއި، އެ ބޭފުޅުންގެ ޚިދުމަތުން މިއަދުގެ ޒުވާން މުވައްޒަފުން، ނަމޫނާ ލިބިގަންނަންޖެހޭ ކަމުގައި ރައީސް ޞާލިޙްގެ މިއަދުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ދައުލަތަށް ޚިދުމަތް ކުރުމަކީ އުފަލަކަށް ހެދުމަށް ޒުވާނުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

ރައީސް ޞާލިޙް ވަނީ ދައުލަތުގެ ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުން، އަދި ވަކިން ޚާއްޞަކޮށް ދިވެހި ޒުވާނުން ޤައުމީ ވާޖިބުތައް އަދާކުރެއްވުމުގައި، އިޚްލާޞްތެރިކަމާއެކު، ވަފާތެރިކަންމަތީ ދެމިތިއްބެވުމަށް އިލްތިމާސްކުރައްވާފައެވެ.