ވެމްކޯގެ ވެބްސައިޓް ދިވެހި ބަހުން ލިޔެފައި ނުހުންނާތީ ހައި ކޯޓުގެ ޝަރީއަތެއްގައި ފަނޑިޔާރުން ސުވާލު ކުރިމަތިކޮށް, އެއީ ގާނޫނާ ހިލާފަށް ކުރާ ކަމެއް ކަމަށް ވިދާޅުވެއްޖެ އެވެ.
ވެމްކޯގެ މައުލޫމާތުތަކެއް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި މައްސަލައެއް ވެމްކޯއިން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ސުވާލު އުފެއްދެވީ ވެމްކޯގެ މަސައްކަތުގެ ދާއިރާއާއާ ގުޅޭގޮތުންނެވެ.
ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވީ ވެމްކޯގެ ވެބްސައިޓްގައި ދިވެހި ބަހުން މައުލޫމާތު ލިޔެފައި ނުހުންނަނީތޯ ކީއްވެގެންތޯ ވިދާޅުވެ އެވެ.
ބެންޗުން ވިދާޅުވީ އެއީ ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނާ ހިލާފަށް ކުރާ ކަމެއް ކަމަށެވެ. އަދި ހުރިހާ ފަރާތަކުން ވެސް ގާނޫނަށް އަމަލު ކުރަން ޖެހޭނެ ކަމަށާއި އަދި ދިވެހި ބަހުން ވެބްސައިޓްތައް ފެންނަން ހުންނަންވާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި އޮންނާނެ ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނު ކިޔާ ގާނޫނެއް. ތި ބޭފުޅުން މިހާރު ވެސް ގާނޫނުތަކާ ހިލާފަށް ނޫންތޯ ވެބްސަައިޓްތައް ހަދައިގެން ތި އުޅެނީ. ގާނޫނެއް އޮތިއްޔާ އެއަށް އަމަލު ކުރަންޖެހޭނެ." ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވި އެވެ.
އެކަމާ ގުޅޭގޮތުން ވެމްކޯގެ ވަކީލުން ވަކި އެއްޗެއް ނުބުނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!