އާއްމުންނަށް ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ "އީޓުކުރި" މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޝައުނާ ވިދާޅުވީ ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ޑިޖިޓަލް އެކި އެކި ވަސީލަތްތަކުގެ ބޭނުން ހިފައި، އާއްމުންނަށް ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ހާއްސަ ސިޔާސަތެއް ކަމަށެވެ.
އެގޮތުން މިކަން ހަގީގަތަކަށް ހެދުމަށް ފާއިތުވި މުއްދަތުގައި ކުރެވުނު މަސައްކަތްތަކާއެކު ކުރިއެރުންތަކަށް ބައްލަވައިލައްވަމުން ވަނީ އީ-ފާސް އެޕް ތަޢާރަފްކޮށް ރައްޔިތުންނަށް ރައްކާތެރިކަމާއެކު ލޮގްއިން ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
ޑިޖިޓަލް އައިޓެންޓިޓީ ނިޒާމުގެ މޯބައިލް އެޕްލިކޭޝަންގެ އާލީ ރިލީޒް މިއަހަރުގެ މެއި މަހު ތަޢާރަފުކޮށްފައިވާކަން ފާހަގަކުރައްވައި ވިދާޅުވީ 31،000 މީހުން މިހާރު މި މޯބައިލް އެޕް ޑައުންލޯޑްކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ހިދުމަތްތަކަށް އެއްތަނަކުން އެދުމަށް ފަސޭހަ ނިޒާމެއް ގާއިމުކުރުމުގެގޮތުން "ވަންގަވް" ޕްލެޓްފޯމު ތައާރަފްކޮށް ބޭނުންކުރަން ފަށާފައިވާކަން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން މިފަދަ ޑިޖިޓަލް ލުއިފަސޭހަތަކާއެކު އާއްމުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރިކޮށްދީ، ސައިބަރ ސްޕޭސްގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ވެސް މުހިންމުކަމެއްކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!