އިންގްލެންޑްގެ ވެރިރަށް ލަންޑަންގައި ބާއްވާ ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ފަސްވަނަ ފަރަށް ސާބިއާގެ ނޮވަކް ޖޮކޮވިޗް ޖާގަ ހޯދައިފިއެވެ.

ހުކުރު ދުވަހު ކުޅުނު މުބާރާތުގެ ސެމީ ފައިނަލް މެޗުގައި އުމުރުން 36 އަހަރުގެ، ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި އޮތް ޖޮކޮވިޗް ބައްދަލު ކޮށްފައި ވަނީ ދުނިޔޭގެ ރޭންކިންގެ އަށް ވަނައިގައި އޮތް އިޓަލީގެ ޔަނިކް ސިނާއާއެވެ. މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށް ޖޮކޮވިޗް ވަނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ. މެޗުގެ ސެޓްތައް ޖޮކޮވިޗް ކާމިޔާބު ކޮށްފައި ވަނީ 6-3، 6-4، 7-7(7-4) އިންނެވެ.

Ad
rt

ހުކުރު ދުވަހު ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ދުނިޔޭގެ ރޭންކިންގެ އެއްވަނާގައި އޮތް ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއި ރޭންކިންގެ ތިން ވަނަ، ރަޝިއާގެ ޑެނީލް މެޑްވެޑެވްއެވެ. މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށް ފައިނަލުން ޖާގަ ހޯދީ އަލްކަރާޒް އެވެ. އޭނާ ސެޓްތައް ކާމިޔާބު ކޮށްފައި ވަނީ 6-3، 6-3، 6-3 އިންނެވެ.

ވިމްބެލްޑެން ޓެނިސް މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައި ވަނީ ސްވިޒަލޭންޑްގެ ޓެނިސް ލެޖެންޑް ރޮޖާ ފެޑެރާއެވެ. އޭނާ ވަނީ މި މުބާރާތް އަށްފަހަރު ކާމިޔާބު ކޮށްފައެވެ. ޖޮކޮވިޗް މި މުބާރާތް މިހާތަނަށް ހަތް ފަހަރު ކާމިޔާބު ކޮށްފައިވާއިރު މި އަހަރުގެ މުބާރާތް ކާމިޔާބު ކޮށްގެން ފެޑެރާގެ ރެކޯޑާއި އަރާ ހަމަކުރެވޭނެއެވެ.

މިހާތަނަށް 23 ގްރޭންޑްސްލޭމް މުބާރާތް ކާމިޔާބުކޮށް އެންމެ ގިނަ ގްރޭންޑްސްލޭމް މުބާރާތް ކާމިޔާބު ކުރި ކުޅުންތެރިޔާގެ ރެކޯޑް ޖޮކޮވިޗް އަތުގައި އޮތްއިރު މާދަމާ ކުޅޭ ވިމްބެލްޑެން ފައިނަލް ކާމިޔާބު ކޮށްގެން މި އަދަދު އިތުރު ކުރުމުގެ ފުރުޞަތު އޭނާއަށް އެބައޮތެވެ.