ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާކަން އެނގުނީ އެމްއެމްޕީއާރުސީއަށް ދެއްކި ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރިކަން އެނގުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ކޯޓުގައި ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން ހިންގި އެ މުއާމަލާތުގެ މައްސަލާގައި އެމަނިކުފާނުގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ.އޭގެ ތެރެއިން ކްރިކް ރިޒާއަށް ކުރާ ދައުވާ އަނބުރާ އިއްޔެ ގެނެސްފައިވެ އެވެ.

Ad
rt

ކްރިމިނަލް ކޯޓުގައި ފުރަތަމަ ހެކިބަސް ދިނީ ބޮންޑެ އެވެ. ބޮންޑެއަކީ އެ ރަށް ކުއްޔަށް ދޫކުރަން ނިންމި ދުބާއީ ކުންފުނީގެ ފަރާތުން ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ ފަރާތެކެވެ.

ހެކިބަސް ދެއްވަމުން ބޮންޑެ ވިދާޅުވީ އެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގައި ނޫޅުއްވާތީ އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ ޓުއަރިޒަމް ވިޔަފާރިއާއި ޓުއާ އޮޕަރޭޓް ވިޔަފާރީގެ މުއާމަލާތްތަކުގައި ކަމަށެވެ. އައިބީއާރު ނަމުގައި ކުންފުންޏެއް ހަދައިގެން މަސައްކަތް ކުރައްވަމުން ގެންދެވިއިރު، ދުބާއީގެ ކްލެސިކް އައިލެންޑް ހޯލްޑިންގެ ފަރާތުން އެ ދުވަސްވަރު ފުއްގިރި މުއާމަލާތްތަކުގައި މަސައްކަތްކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ފައިސާ ޖަމާކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ބަދަލުގައި އެސްއޯއެފްގެ އެކައުންޓަކަށް ކަން ފަހުން އެނގުނެވެ. އެހެންކަމުން އޭގައި މައްސަލަތަކެއް އުޅޭ ކަމަށް ޝައްކު ކުރެވުމުން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅުއްވާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ފުއްގިރި ކުއްޔަށް ހިފި ކުންފުނިން ނަހަމަ ގޮތުގައި ފައިސާތަކެއް ދިންކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

އެ މައްސަލާގައި އަދިވެސް ހެކިބަސް ނެގުން ކުރިއަށް ގެންދާނެ އެވެ.