އިންޑިއާ އަކީ ދުނިޔޭގައި، އަންހެނުންނަށް އެންމެ ނުރައްކާ ގައުމުގެ ގޮތުގައި ސާވޭއަކުން ދައްކައިފިއެވެ. ތޯމަސް ރިއުޓާސް ފައުންޑޭޝަން އިން ޝާއިއު ކުރި ސާވޭގެ ރިޕޯޓަކުން ދެއްކިގޮތުގައި އިންޑިއާއަކީ އަންހެނުނަށް އެންމެ ގިނައިން ޖިންސީ އަނިޔާ ކުރާ ގައުމެވެ. އަދި ހިއުމަން ޓްރެފިކިންގެ އިތުރުން ގަދަބާރުން ކައިވެނި ކުރުމާއި، ކުޑަކުދިންނާ ކައިވެނިކުރުމާއި، ޖިންސީ އެދުން ފުއްދުމަށްޓަކައި އަންހެނުނާއި އަންހެކުދިން އަޅުވެތިކޮށްގެން ގެންގުޅޭ ގައުމެއްގެ ގޮތުގައިވެސް ފާހަގަކޮށްފައިވެއެވެ.
މި ސާވޭ އަކީ އަންހެނުންގެ މައްސަލަތައް ބަލާ އަދި އެކަމަށް ވަކާލާތު ކުރާ 550 އެކްސްޕާޓުން ކޮށްފައިވާ ސާވޭ އެކެވެ.
މީގެ ހަތް އަހަރު ކުރިން މި ސާވޭގެ އިންޑިއާ އޮތީ ހަތަރުވަނާގައެވެ. އެހެންނަމަވެސް ސީރިޔާ އަދި އިސްރާއިލް ފަދަ ގައުމުތަކަށްވުރެ އިންޑިއާ މިހާރު އޮތީ ކުރީގައެވެ. މީގެ އިތުރުން އިންޑިއާ ފާހަގަ ކުރެވިފައި އޮންނަނީ ސަގާފީ ޓްރެޑިޝަން ތަކުގެ ސަބަބުންވެސް އަންހެނުން ވަރަށް ބޮޑަށް ތަފާތުކޮށް އެކަހެރި ކުރާ ގައުމެއްގެ ގޮތުގައެވެ.
މިފަދަ މައްސަލަތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނަނީ އިންޑިއާ މި ލިސްޓުގެ އެންމެ ކުރީގައި އޮތީ، އެގައުމުގެ ސަރުކާރުން އަންހެނުންގެ ހައްގުތައް ހިމާޔާތްކުރުމަށް މާ އެދެވޭ މަސައްކަތެއް ނުކުރާތީ ކަމަށެވެ.
ކަރްނަޓަކާ ދެކުނު ސްޓޭޓެއްގެ އޮފިޝަލަކު ވިދާޅުވީ، އަންހެނުނަށް އިންޑިއާއިން އިހްތިރާމް ނުކުރާކަމަށާއި އެމީހުންގެ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތް ނުކުރެވޭތީ، އަންހެނުންނަށް ކުރާ އަނިޔާ އާއި ޖިންސީ ގޯނާ ދަނީ ދުވަހެއް ދުވަހަށް އިތުރުވަމުން ކަމަށެވެ.
މި ސާވޭއިން އިންޑިއާއަކީ އެންމެ ނުރައްކާތެރި ގައުމުގެ ގޮތުގައި ފާހަގަކޮށްފަވީ ނަމަވެސް އިންޑިއާއިން މިކަން ދޮގު ކުރެއެވެ. އެގޮތުން އިންޑިއާގެ ނޭޝަނަލް ކޮމިޝަން ފޮރ ވިމެންގެ ޗެއާޕާސަން ރޭކާ ޝަރްމާ ވިދާޅުވީ، މި ސާވޭގެ ނަތީޖާ ގަބޫލު ނުކުރާ ކަމަށާއި ސަބަބަކީ މި ސާވޭގައި ބޭނުންކޮށްފައިވާ ސާމްޕަލް ސައިޒަކީ މާކުޑަ އަދަދެއްކަމަށެވެ. އޭބާ ވިދާޅުވީ، އިންޑިއާގެ ފަހަތުގައި ލިސްޓުކޮށްފައިވާ ބައެއް ގައުމުތަކަކީ އަންހެނުން ވާހަކަދެއްކުމުގެ ހައްގު ވެސް ނެތް ގައުމުތަކެއް ކަމަށެވެ. އެހެންކަމުން މި ލިސްޓުގެ އެއްވަނާގައި އިންޑިއާ ހިމެނިގެން ނުވާނެ ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.
އެހެންނަމަވެސް އެރިޕޯޓުގައި ބުނެފައިވަނީ2007 ވަނަ އަހަރާއި2016 އަހަރާ ދެމެދު އަންހެނުންނަށް ކުރާ އަނިޔާ 80 އިންސައްތަ އިތުރުވެގެން ދިޔަ ކަމަށެވެ، އަދި ކޮންމެ ގަޑި އިރެއްގެ ތެރޭގައި ރޭޕްގެ 4 ކޭސް ރިޕޯޓް ކޮށްފައި ކަމަށެވެ. މީގެއިތުރުން އިންޑިއާ އަކީ އެންމެ ގިނައިން ކުޑަކުދިން ކައިވެނި ކުރެވޭ ގައުމުވެސްމެއެވެ. އެގޮތުން ގިނަ އަންހެންކުދިން 18 އަހަރު ވުމުގެ ކުރިން ކައިވެނި ކުރުވައެވެ. އިންޑިއާގެ ސަރުކާރުން ވެސް މި އަހަރު ބުނެފައިވަނީ ޖިންސީ އަނިޔާގެ ސަބަބުން 63 މިލިއަން އަންހެނުން ގެއްލިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!