ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު އަވަށްޓެރި އިންޑިއާ އަށް މިއަދު ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ހާރިޖީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ މިއީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި މިއަދުގެ ވަގުތެއްގައި ޝާހިދު ފުރާވަޑައިގަންނަވާނެ ކަމަށެވެ.

Ad
rt

އޮފިޝަލް ވިދާޅުވީ ޝާހިދުގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށާއި ނިއުދިއްލީ އަށް ކުރައްވާ މި ދަތުރުގެ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 11 އަދި 12 ގައި ކަމަށެވެ.

މި ދަތުރުގައި ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި ބެހޭ ގޮތުން ދެގައުމުގެ ހާރިޖީ ވަޒީރުންގެ މެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާިއރު، ރާއްޖޭގައި މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާއި ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދާނެ މަޝްރޫއުތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން އިންޑިއާގެ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލު ކުރެއްވުމަށް ވެސް ނިންމާފައިވާއިރު، މި ދަތުރުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް ހާރިޖީ ވުޒާރާ އިން ވިދާޅުވެއެވެ.

މީގެ އިތުރަށް އިންޑިއަން ކައުންސިލް ފޯ ވޯލްޑް އެފެއާޒްގައި ބާއްވާ 43 ވަނަ ސަޕްރޫ ހައުސް ލެކްޗާ (އެސްއެޗްއެލް) ޝާހިދު ވާހަކަ ދައްކެވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހާރިޖީ އޮފީހުން ވިދާޅުވެއެވެ.

ޝާހިދު، އިންޑިއާ އަށް ވަޑައިގަންނަވާއިރު، ޝާހިދު ވަނީ ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު މިދިޔަ މާޗު މަހުގެ 4 ވަނަ ދުވަހު ވެސް ވަނީ ބައްދަލުކުރައްވާފައެވެ.