މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ވެރިކަމެއްގައި ގެންގުޅޭނީ އެއްވެސް ރައްޔިތަކު ތަފާތުކުރުމެއް ނެތި ހުރިހާ ސަރަހައްދަކުން ގޯތި ދެވޭނެ ފަދަ ސިޔާސަތެއް ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކަމުގައި ވެސް ހުންނެވި ނާޒިމް މިހެން ވިދާޅުވީ ރޭ "ސަންގު ޓީވީ" އިން ގެނެސްދިން ހަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ، މާލޭ މީހުންނަށް ބޯހިޔާވަހިކަން ދިނުމަކީ އަސާސީ ހައްގެއް ކަމަށާއި، އެކަން ކުރެވެންވާނީ އިންސާފުން ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
’’ގާތް ތިމާގެ މީހުންނަށް ކޮށްދޭކަމަކަށް މިކަން ވެގެންނުވާނެ، އަޅުގަނޑު ގަބޫލު ކުރަނީ ބޯހިޔާވަހިކަން ލިބެންވާނީ އެންމެ އެކަމަށް ބޭނުންވާ ނިކަމެތި މީހުންނަށް’’ ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްއެންޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އެކުލަވާލީ ވަރަށް ދިރާސާކޮށް ވިސްނުމަށްފަހުގައި ކަމަށެވެ. އަދި ވެރިކަމަށް ކުރިމަތިލެއްވީ ބޯހިޔާވަހިކަމުގެ ދާއިރާގެ މަސައްކަތްތެރިއެއްގެ ގޮތުގައި އެކަމުގެ ތަޖުރިބާލިބިހުރެ، އެކަމުން ރައްޔިތުންނަށް ދިމާވެފައިވާ މި ހައްސާސް މައްސަލައަށް ހައްލެއް ހޯދާދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
’’އަޅުގަނޑު ސިޔާސަތަކަށް ވާނީ ރައްޖޭގެ ހުރިހާ ސަރަހައްދަކުން ރައްޔިތުންނަށް ތަފާތު ކުރުމެއްނެތި ގޯތި ދެވެންޖޭނެ، އެ އަޅުގަނޑު ޤަބޫލުކުރާ ގޮތަކީ’’ ނާޒިމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!