ޗައިނާގެ ޝީ ޖިންޕިން އަކީ 'ހުދުމުހުތާރު ވެރިއެއް' ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ބައިޑަން ވިދާޅުވީ ޗައިނާއިން އެމެރިކާގެ މައްޗަށް ފޮނުވި ޖާސޫސީ ފުއްޕާހަންތައް ވައްޓާލިކަން ޝީ ޖިންޕިންއަށް އެނގިވަޑައިނުގަންނަވާ ކަަމަށާއި އެއީ"ހުދުމުހުތާރު ވެރިންނަށް ލަދުވެތި ކަމެއް" ކަމަށެވެ.

Ad
rt

ކެލިފޯނިއާގައި ބޭއްވި ފަންޑް ރެއިޒާއެއްގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ ފެބްރުއަރީ މަހު އެމެރިކާގެ މަތިން ޗައިނާގެ ޖާސޫސީ ބެލޫން ވައްޓާލުމުން ޝީ ލަދުގަތް ކަމަށެވެ.

"އަހަރެން އެ ބެލޫން ވައްޓާލި އިރު ޝީ ޖިންޕިންގް ވަރަށް ދެރަވި. ސަބަބަކީ ޖާސޫސީ ސާމާނު ފުރިފައިވާ ދެ ފޮށި އެ ހުރިކަން އޭނާއަށް ނޭނގުނު،" ބައިޑަން ބުންޏެވެ.

"އެއީ ހުދުމުހުތާރު ވެރިންނަށް ލިބުނު ވަރަށް ބޮޑު ލަދުވެތިކަމެއް. " ބައިޑަން އިތުރަށް ބުންޏެވެ.

ޗައިނާއިން ވަނީ ބައިޑެންގެ އެ ވާހަކަ ކުށްވެރިކޮަށްފަ އެވެ.

ބައިޑެން މިގޮތަށް ވާހަކަ ދެއްކެވީ އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމާލިތާ އެއް ދުވަސް ފަހުންނެވެ.

ޖާސޫސީ ބެލޫން ހާދިސާއާއި ޓައިވާންގައި އެމެރިކާގެ ހަރަކާތްތައް އިތުރުވުމަކީ އެމެރިކާއާއި ޗައިނާގެ ގުޅުން ގޯސްވުމަށް މެދުވެރިވާ ސަބަބެކެވެ.

މަދުން ނޫނީ ނުފެންނަ ބްލިންކެންގެ ޗައިނާ ދަތުރު ނިމުނުއިރު ބްލިންކެން އާއި ޝީ ވެސް ވަނީ ހުރިހާ ގޮތަކުން ވެސް މަސްރަހު ފިނިކުރަން އިސް ފެންވަރުގައި މަޝްވަރާކޮށްފަ އެވެ.

ޗައިނާގައި ބްލިންކެން ކުރި މަސައްކަތަށް ރައްދު ދެއްވަމުން ބައިޑަން ހޯމަ ދުވަހު ވިދާޅުވީ ދެ ގައުމުގެ މެދުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި ބްލިންކެން މަސައްކަތް ކުރީ "ނަރަކައެއްގެ ތެރޭގައި" ކަމަށެވެ.