ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދިޔަ ނުދީ، މަޖިލިސް ހުއްޓުވާފައި އޮތީ ސަރުކާރުން ކަމަށާއި، އެހެންކަމުން ރައްޔިތުންގެ އަޑު އިއްވުމުގެ ފުރުސަތު ބަންދުވެފައިވާތީ އެ ފުރުސަތު ލިބެންޖެހޭކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ އެއް ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މަޖިލިހީގެ ރައީސްގެ އިތުބާރުގެ މައްސަލަ ހުށަހަޅައި، ގޮތެއް ނުނިމި އުޅެނިކޮށް މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުގެ މައްސަލަ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕީޖީ ގްރޫޕުން ވަނީ މަޖިލީހަށް ވައްދާފައެވެ. އެއާއެކު މަޖިލީހުގައި މަރުތަޅުއެޅި މަޖިލިސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ޝިޔާމް މިއަދު މަޖިލީހުގެ އިދާރާގައި ހުންނަވައި ''ތިލަދުން'' އަށް ވިދާޅުވީ، ސަރުކާރުން މަޖިލިސް ހިފަހައްޓައި، ތަޅުއަޅުވައި ކުރިއަށް ގެންދަން ފުރުސަތު ނުދެއްވާ ކަމަށެވެ. އެހެން ދަނަންވަންޖެހުނީ މަޖިލިސްގެ މެޖޯރިޓީ ސަރުކާރަށް އޮވެފައި، މަޖިލިސްގެ މެޖޯރިޓީ މެންބަރުންގެ ކޮންޓްރޯލް ރައީސް ޞާލިޙްގެ އަތްޕުޅުގައި އޮތްކަމަށް އެމަނިކުފާނު ވިދާޅުވެފައިވާތީ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މަޖިލިސް ރައީސާއި، ނައިބު ރައީސްގެ އިތުބާރުގެ މައްސަލަ އެކުއެކީގައި މަޖިލިސްއަށް ވެއްދުމުން މަޖިލިސް ހުއްޓޭނެކަން މަޖިލީހުގެ ޤަވާއިދުން އެނގެން އޮންނަކަމަށެވެ. އަދި އެއް މައްސަލައަށް ފަހު އަނެއް މައްސަލަ ކުރިއަށް ގެންދަވަން އުޅުއްވިނަމަ އެ މައްސަލަ ނުނުކުތީސް ކަމަށް ވެސް ވިދާޅުވިއެވެ.
ޝިޔާމް ތުހުމަތު ކުރައްވާގޮތުގައި އެކަމަކީ ސަރުކާރުން ގަސްދުގައި، މަޖިލިސް ހުއްޓުމަކަށް ގެނެސް، މެންބަރުންނަށް ރައްޔިތުންގެ އަޑު އިއްވަން ހުރަސް އެޅުމަށް ކުރެއްވި ކަމެކެވެ. އަދި އެކަން ކުރެއްވީ ރައީސް ޔާމީނަށް އިންސާފު ހޯދަން މަޖިލިސްތެރެއިން އިދިކޮޅު މެންބަރުން ކުރައްވާ މަސައްކަތް ހުއްޓުވައި، ސަރުކާރުން ހިންގާ ނޭދެވޭ ކަންކަމުގެ ވާހަކަ މަޖިލިސްގައި އެ މެންބަރުން ދައްކަވާނެތީއާއި، އެކަންކަން މަޖިލިސް ކޮމެޓީތައް މެދުވެރިކޮށް ބަލަން އުޅޭނެތީ އެކަންކަން ވިޔަ ނުދޭންކަމަށް ޝިޔާމް ވިދާޅުވިއެވެ.
''ރައީސް ޔާމީންގެ މައްސަލައަށް ސަރުކާރުން ދަނީ ނުފޫޒު ފޯރުވަމުން، މަޖިލިސްތެރޭން އެކަން ހުއްޓުވަން ސަރުކާރު ޖަވާބު ދާރީކުރުވުމުގެ ފުރުސަތު ބަންދު ކުރަން ކުރާކަމެއްމީ، އަނެއްކޮޅުން މި މީހުން މިކުރާ ކަންކަމުގެ ވާހަކަ އަޅުގަނޑުމެން ރައްޔިތުންނަށް ކިޔައިދޭނެތީ ކުރާކަމެއްމީ، އެކަންކަން ބަލަން މަޖިލިސް ކޮމެޓީތަކަށް ވައްދާނެތީ އުފުރުސަތުނުދޭން ކުރާކަމެއްމީ، އަޅުގަނޑުމެން ރައްޔިތުން އިންތިޚާބުކޮށްފައި ތިބި މަންދޫބުންނަށް ރައްޔިތުންގެ އަޑު އިއްވުމުގެ ފުރުސަތު ލިބެންވާނެ'' ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، މަޖިލިސް ހުއްޓިފައިވާތީ އެކަމަށް ހައްލެއް ހޯއްދަވައިދެއްވުންއެދި މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދާ ވެސް މިއަދު އިދިކޮޅު ޕީޖީން ވަނީ ބައްދަލުކޮށްފައެވެ. އަދި އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރައްވާކަމަށް ނަޝީދު ވިދާޅުވި ނަމަވެސް އެކަމަށް އެކަށޭނަ މަސައްކަތް ކުރެވޭތަން ނުފެންނަކަމަށް ނަޝީދަށް ދެންނެވި ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
މަޖިލިސް ކުރިއަށް ނުދާތީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕީޖީ ގްރޫޕުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް އިހުތިޖާޖު ކުރުމަށް މިއަދު މަޖިލީހަށް ވަޑައިގެންފައެވެ. ނަމަވެސް މަޖިލިސްގެ ޖަލްސާކުރާ މާލަން ތަޅުލާފައި ހުރުމުން އެ މެންބަރުންނަށް ތަޅުމަށް ވަދެވިފައެއް ނުވެއެވެ. މަޖިލިސްގެ އާންމު އުސޫލު އޮންނަ ގޮތުންނަމަ މަޖިލިސްގެ ޖަލްސާއެއް ނެތްނަމަ ޖަލްސާކުރާ މާލަން ހުންނަނީ ތަޅުލާފައެވެ. މިއަދަކީ މަޖިލިސްގެ ޖަލްސާއެއް ތާވަލުކޮށްފައި އޮތް ދުވަހެއް ނޫނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!