ގެއްލިގެން އެދިޔައީ ދައުލަތާއި މުޅި ޤައުމުގެ ޚިދުމަތްތެރިއެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަލްމަރްޙޫމް ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ)ގެ ޢާއިލާއާ ބައްދަލުކުރައްވައި އެ މަރްޙޫމްގެ އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް އައު ކުރައްވައި ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ 54 އަހަރުގެ ދިގު މުއްދަތަކަށް މަރްޙޫމް ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ) ދަޢުލަތަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ހަނދާންތައް އައުކުރައްވާފައެވެ.

އެގޮތުން ގެއްލިގެން އެދިޔައީ ދައުލަތާއި މުޅި ގައުމުގެ ޚިދުމަތްތެރިއެއް ކަމުގައި ވިދާޅުވެ، ސަރުކާރާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި މަރްޙޫމްގެ ޢާއިލާއަށް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވަނީ އަލްމަރްޙޫމް ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ)ގެ ހަނދާނުގައި ރައީސް އޮފީހުގައި ހުޅުވި ތަޢުޒިޔާގެ ދަފުތަރުގައި ސޮއިކުރައްވާފައެވެ.

މި ދަފްތަރުގައި އެންމެ ފުރަތަމަ ސޮއިކުރެއްވީ ރައީސްއެވެ. އެއަށްފަހު ނައިބު ރައީސްއެވެ.

ތަޢުޒިޔާގެ ދަފުތަރުގައި ރައީސް ލިޔުއްވި ބަޔާނުގައި ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ)ގެ އަވަހާރަވުމަކީ މުޅި ޤައުމަށް ލިބުނު ހިތާމައެއްކަން ފާހަގަކުރައްވައި ވަނީ މަރްޙޫމްގެ 54 އަހަރުގެ ގައުމީ ޚިދުމަތުގައި ފާހަގަކުރެވިގެން ދަނީ ކޮންމެ ކަމެއްގައި ވެސް ދިވެހި ދައުލަތާއި ރައްޔިތުންގެ މަސްލަޙަތަށް އިސްކަންދެއްވި ބޭފުޅެއްގެ ގޮތުގައިކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ގައުމީ ހަޔާތުގަޔާއި ބަރުލަމާނީ ހަޔާތުގައި އަދާކުރައްވާފައިވާ ޚިދުމަތްތެރި ދައުރަށް އެނަނިކުފާނު ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި މަރްޙޫމް ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ)ގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވައި ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރުކުރެއްވުމަށް ދުޢާ ދަންނަވާފައި ވެސް ވެއެވެ.

އަލްމަރްޙޫމް ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ) ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި، ޖޫން 12 ން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފައެވެ.

މަރްޙޫމް ފަސްދާނުލެވުނީ ރަސްމީ ޢިއްޒަތުގައި ގަލޮޅު ސަހަރާގައެވެ.

މި ބައްދަލުކުރެއްވުމުގައި އެ މަރްޙޫމްގެ ޢާއިލާއިން ވަނީ މަރްޙޫމް ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ)ގެ ޚިދުމަތުގެ އަގުވަޒަންކުރައްވައި ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.