މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި "ސެކްސް އެޑިއުކޭޝަން" ތަޢާރަފް ކުރާނެ ކަމަށް އެ ޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކްލަބް ހައުސްގައި ކުރިއަށް ގެންދާ "ނާޒިމް ބުނީ ކީކޭ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގައި އެންމެބޮޑަށް ދިމާވެފައިވާ މައްސަލައަކީ ކުޑަކުދިންނާ ބެހުމުގެ މައްސަލަ ކަމަށެވެ. އަދި އެފަދަ ވާހަކަ ދެއްކުމަކީ ވަރަށް ލަދުވެތި ކަމެއްގެ ގޮތުގައި ދެކެމުން އަންނަ ކަމަށެވެ.

Ad
rt

ކުއްޖާގެ ލަދުވެތި ގުނަވަންތަކަކީ ކޮބައިކަމާއި ލަދުވެތި ކަންކަމަކީ ކޮބައިކަން ސްކޫލުތަކާއި ބެލެނިވެރިން ވެސް ނުބުނެދެވޭކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އެމްއެންޕީގެ ސަރުކާރެއްގައި އަންހެންކުދިންނަށް ވެސް ފިރިހެން ކުދިންނަށް ވެސް އަތް ނުލެވޭނެ ތަންތަން ނޫނީ ނުކުރެވޭނެ ކަންކަން ކިޔައިދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އޭގެ ރަނގަޅުގޮތާއި ގޯސްގޮތް ބުނެދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑަކީ މަޖިލީހުގެ ޖެންޑާ ކޮމެޓީގަ މަސައްކަތް ކުރި މީހެއް. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ބައިވަރު މައްސަލަތައް އެނގޭތޯ. ގާތްގަޑަކަށް ރާއްޖޭގެ ނިސްބަތުން ގިނަ ގޭގޭގަ މިހުންނަނީ މި މައްސަލަގަނޑު ދިމާވެފަ. ކޮންމެސް ކުއްޖެއްގެ ގައިގަ އަތްލައިގެން." ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ އެކަން ފޮރުވަން ވެސް މަޖުބޫރުވާ ކަމަށާއި މި ސަކަރާތެއް މި ޖަހަނީ އެ ގެއެއްގެ އެންމެބޮޑުކޮށް ހުންނަ "އިންކަމް" ލިބޭ މީހާ ކަމަށެވެ. އެހެންވެ، މުޅި ގެ ނަފްސާނީ ވާ ކަމަށެވެ. އަދި އޭނަ ބަންދުކޮށްފިއްޔާ މުޅި ގެ ހާލުގަ ޖެހުނީ ކަމަށް ވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ސްމާތު ފޯނުން ކުރެވޭ ގޯސްކަންތައް ވެސް ކިޔައިދޭން ޖެހޭ ކަމަށާއި ކުދިން ތަރުބިއްޔަތު ކުރާނީ ހަމައެކަނި ފޮތުން ބަލައިގެން ކިޔައިދޭ އެއްޗެއްގެ ގޮތުގައި ނޫން ކަމަށެވެ. އޭރުން ގޯސްކަމެއް އެކުއްޖަކު ކުރާނީ އެކަން އެނގިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.