އިޓާލިއަން ލީގުގެ އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑަންގެ ތަޖުރިބާކާރު ފޯވާޑް ޒަލްޓަން އިބްރަހިމޮވިޗް މި ސީޒަން ނިމުމުން، މިލާން ދޫކޮށްލަން ނިންމައިފިއެވެ.

އުމުރުން 41 އަހަރުގެ އިބްރަހިމޮވިޗް މިލާނާއިއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. ލީގުގައި މި ސީޒަންގައި މިލާނުން ކުޅޭ ފަހު މެޗު އޮންނާނީ މިރެއެވެ. އެ މެޗުގައި މިލާން ބައްދަލުކުރާނީ ވެރޯނާއާއެވެ. މިލާނުން ރާވާފައިވަނީ އެ މެޗުގައި އިބްރަހިމޮވިޗަށް ޝުކުރު އަދާކޮށް އަލްވަދާއި ކިޔުމަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށެވެ.

Ad
rt

އިބްރަހިމޮވިޗް ވަނީ ދެ ފަހަރެއްގެ މަތިން މިލާނަށް ކުޅެފައެވެ. ފުރަތަމަ ކުޅުނުއިރު 2011 ވަނަ އަހަރު އިޓާލިއަން ލީގު މިލާނާއިއެކު އޭނާ ކާމިޔާބުކުރިއެވެ. އެއަށްފަހު 2019 ވަނަ އަހަރު މިލާނާއި ގުޅި މިދިޔަ ސީޒަންގައި އިޓާލިއަން ލީގު މިލާނާއިއެކު ކާމިޔާބު ކުރިއެވެ.

މި ސީޒަންގެ ނިޔަލަށް އިބްރަހިމޮވިޗްގެ ކޮންޓްރެކްޓް ހަމަވުމުން އެ ކޮންޓްރެކްޓް އައު ނުކުރަން މިލާނުން ނިންމާފައި ވަނީ ފަހަކަށް އައިސް އޭނާއަށް އަނިޔާގެ މައްސަލަތައް ވަރަށް ބޮޑަށް ކުރިމަތިވެ އެކަށީގެންވާ ގޮތެއްގައި ކުޅެވޭގޮތް ނުވުމާއި ވެސް އެކުގައެވެ. މި ސީޒަންގައި ޖުމްލަ އޭނާ މިލާނަށް ކުޅެދީފައި ވަނީ ވެސް ހަތަރު މެޗެވެ. އޭގެ ތެރެއިން ތިން މެޗު ފެށީ ބެންޗުންނެވެ.

އިބްރަހިމޮވިޗް ވަނީ އޭނާގެ ކެރިއަރުގައި މަލްމޯ، އަޔަކްސް، ޔުވެންޓަސް، ބާސެލޯނާ، އިންޓަ މިލާން، މެންޗެސްޓާ ޔުނައިޓެޑް، ޕީއެސްޖީ އަދި އެލްއޭ ގެލެކްސީ އަށް ކުޅެފަ އެވެ.