ސޮނެވާ ނަމޫނާ އާއި ނ. އަތޮޅުގެ 6 ރަށެއްގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ގުޅިގެން "އަލުން ބަލުން" ރީސޭލް މާކެޓް ހުކުރު ދުވަހު ބާއްވައިފިއެވެ.
ނ. އަތޮޅުގައި ފުރަތަމަ ފަހަރަށް ބޭއްވުނު މި މާކެޓް ފަށާފައިވަނީ މި ޕްރޮގްރާމްގައި ބައިވެރިވާ 6 ރަށް ކަމުގައިވާ މަގޫދޫ، ޅޮހި، ކުޑަފަރި، މާފަރު ލަންދޫ އަދި ހޮޅުދޫގައި އެއްފަހަރާއެވެ.
ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވީ މި މާކެޓަކީ އެ އަތޮޅުގައި ދެމެހެއްޓެނެވި ގޮތެއްގައި ބޭއްވިގެންދާ އިވެންޓަކަށް ހެދުމަށް ސޮނެވާ ނަމޫނާ އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އުންމީދަކީ މި އިވެންޓް ކައުންސިލް މެންބަރުންނާއި ކޮމިޓީގެ މެންބަރުން ބަދަލުވިޔަސް ކުރިއަށް ދިޔުން ކަމަށެވެ.
މީގެ އިތުރުން މި ޕްރޮގްރާމާއެކު ކުނި މެނޭޖްކުރުމަށް ދާއިމީ ކުރިއެރުމެއް ލިބި ވަށާޖެހޭ އިޤްތިޞާދެއް ބިނާ ކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކުޑަފަރީ ގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް މިލްހާނާ އިބްރާހީމް ވިދާޅުވީ އަމާޒަކީ އެ އަތޮޅުގެ ތެރޭގައި ތަކެތި އަލުންބޭނުންކުރުމާ މެދު އާންމުންގެ ވިސްނުން މުޅިން އެއްކޮށް ބަދަލުކޮށްލުން ކަމަށެވެ. އަދި މި މާކެޓްގެ ސަބަބުން މި ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ގުޅާލެވި ކޮމިޓީތަކުގެ މެދުގައި ބަދަހި ގުޅުމެއް އުފެދިއްޖެކަމަށެވެ.
ނ. އަތޮޅަށް އަލުން ބަލުން ރީސޭލް މާކެޓް ގެނެވިގެންދާތީ އުފާކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސޮނެވާ ނަމުނާގެ ފަރާތުން ޚަދީޖާ ހާމިދު ވިދާޅުވީ މި މާކެޓު ނ. އަތޮޅަށް ފުޅާވެގެން ދިޔުމުން އުފާކުރައްވާ ކަމަށާއި މިއާއެކު އަލުން ތަކެތި ބޭނުންކުރުމުގެ ޘަޤާފަތެއް ޤާއިމްކުރެވި ކުނި ގޮނޑުތަކަށް އުކާލާ ކުނި މަދުކުރެވޭނެ ކަމަށެވެ. އަދި މި މާކެޓް ހަގީގަތަކަށް ހެދުމަށް މި 6 ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ނ. އަތޮޅު ކައުންސިލުން ކުރަމުންގެންދާ ބުރަ މަސައްކަތް ފާހަގަކުރައްވާ ކަމަށެވެ.
ހަމަމިއާއެކު ކުނި މެނޭޖްކުރުމާއި ދެމެހެއްޓެނިވި ވެއްޓެއް ގާއިމުކުރުމުގެ މަސައްކަތަށް ރަނގަޅު ބަދަލެއް ގެނެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެންކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
އަލުން ބަލުން ރީސޭލް މާކެޓަކީ ސޮނެވާ ނަމޫނާއާއި ބ. އަތޮޅުގެ 7 ރަށެއްގެ ބައިވެރިވުމާއެކު އޮކްޓޫބަރު 2022 ގައި ފެށުނު މާކެޓެކެވެ.
މި މާކެޓްގެ މައިގަނޑު އަމާޒަކީ ރަށްރަށުގައި ތަކެތި އަލުން ބޭނުންކުރާ މިންވަރު އިތުރުކުރުމާއި، އަލުން ބޭނުންކުރުމުގެ ޘަޤާފަތެއް ޤާއިމުކުރުމާއެކު، ތިމާވެށި ރައްކާކުރުމުގައި މުހިންމު ރޯލެއް ކުޅޭ ބައެއްގެ ގޮތުގައި އަންހެނުން ބާރުވެރިކުރުމެވެ.
މި މަސައްކަތުގެ ދަށުން، އުކާލަން ހަމަޖެހިފައިވާ ތަކެތީގެ ތެރެއިން އަލުން ބޭނުންކުރެވޭ ޒާތުގެ މުދާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން ހޯދައި، އެތަކެތި ސާފުކުރަން ޖެހިއްޖެ ނަމަ ސާފުކޮށް މަރާމާތުކޮށް، މި ޕްރޮގްރާމްގައި ބައިވެރިވާ އަވަށްޓެރި ރަށްރަށަށް ވިއްކަން ފޮނުވައެވެ.
އެއް ރަށެއްގައި އެއްކުރެވޭ ތަކެތި އެހެން ރަށަކަށް ވިއްކުމަށް ފޮނުވުމުން ކުދި ކުދި ރަށްތަކުގައި ކުރިން ބޭނުންކުރެވިފައިވާ ތަކެތި ވިއްކުމަށް ހުންނަ ގޮންޖެހުންތަކުން އަރައިގަނެވޭނެއެވެ. އަލުން ބަލުން މާކެޓުން މިހާތަނަށް ވަނީ 20,000 ރުފިޔާ ސާފު ފައިދާ ގޮތުގައި ހޯދާ، 500 އައިޓަމް އަލުން ބޭނުންކޮށް ކުނީގެ ގޮތުގައި އުކާލުމުން ސަލާމަތް ކޮށްފައެވެ.
މި މާކެޓްގައި ބައިވެރިވާ ރަށްތަކަށް އެތަކެއް ފައިދާތައް ލިބިގެންދާނެއެވެ. އެ ގޮތުން، އަލުން ތަކެތި ބޭނުންކުރުމުގެ ސަބަބުން ރަށްރަށުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކަށް އުކާލަން ނުވަތަ އަންދާލަން ގެންދާ ކުނީގެ އަދަދު މަދު ވެގެންދާނެއެވެ.
މީގެ އިތުރުން، މި ޕްރޮގްރާމްގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ބޭނުންވާ އެކި ލީޑަޝިޕް ހުނަރުތައް ލިބި ބާރުވެރިވާނެއެވެ. އަދި ރަށްތަކުގެ ތެރޭގައި ތަކެތި އަލުން ބޭނުންކުރުމާއި ބޭނުންކުރާ މިންވަރު މަދު ކުރުމާމެދު ހޭލުންތެރިކަން އިތުރުވާނެއެވެ.
ނ. އަތޮޅުގެ އަލުން ބަލުން ރީސޭލް މާކެޓަކީ ބ. އަތޮޅުން ހޯދި ރަނގަޅު ނަތީޖާތައް ނަކަލުކޮށް، ތިމާވެއްޓާ ރައްޓެހި އާދަތައް އަށަގެނުވުމާއެކު މުދާ އަލުން ބޭނުންކުރުމުގެ ޘަގާފަތެއް އުފެއްދުމަށް ހިންގޭ މާކެޓެކެވެ.
މި މާކެޓް އިންތިޒާމު ކުރެވިގެންދަނީ ނ. އަތޮޅު ކައުންސިލްގެ އިތުރުން މި 6 ރަށު ކައުންސިލްގެ އެއްބާރުލުމާއެކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!