ތައުލީމު ހޯދަނީ ތަހުޒީބު ދިރިއުޅުމެއް އުޅެވޭތޯ ބެލުމަށް ކަމަށާއި އެބަދަލު ނުގެނެވޭ ކަމުގައިވާނަމަ ތައުލީމުގެ ބޭނުމެއް ނެތްކަމަށް މަތީ ތައުލީމާއި ބެހޭ ވަޒީރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މެޕްސް ކޮލެޖުގެ ގްރެޖުއޭޝަން ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ތިމާގެ ސަބަބުން މުޖުތަމައަށް ހެޔޮ، ރަނގަޅު ބަދަލެއް ގެނައުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

Ad
rt

ދަސްވެނިވެގެން ނިކުންނައިރު ތިމާއާއި އެހެން މީހުންނާއި ތަފާތުވާންޖެހޭނެ ކަމަށާއި ތިމާ މަސައްކަތް ކުރާ މާހައުލުގައި ތިމާއަކީ މިހާރަށްވުރެ އިތުރަށް އިލްމު އުނގެނި ހުރިމީހެއްކަން އެހެންމީހުން ލައްވާ ބުނުވަން ޖެހޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"މުޖުތަމައަށް ނުކުމެ މަސައްކަތް ކުރާއިރު އަބަދުވެސް މަސައްކަތް ކުރަންވާނީ ތިމާގެ ސަބަބުން ކޮންމެވެސް ކަހަލަ ހެޔޮ ބަދަލެއް މުޖުތަމައަށް ގެނެވޭތޯ" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ތައުލީމު ހޯދަން ހޭދަކުރާ ދުވަސްތަކަކީ މުހިއްމު ދުވަސްތަކެއް ކަމަށާއި އެދުވަސްތައް މުހިއްމުވަނީ ތައުލީމާއި ހުނަރާއި ތައުލީމު ހޯދާ ދާއިރާއިން އެހެންމީހުންނާއި ގުޅިގެން ގާތްކަން އުފައްދަން ލިބޭ ދާއިރާއަށްވާތީ ކަމަށް ވެސް ވިދާޅުވިއެވެ.

ހަމަމިއާއެކު އެދުވަސްތަކަކީ ތިމާގެ ޕާސަނަލިޓީއާއި ކެރެކްޓަރ ބައްޓަންވެގެންދާނެ ދުވަސްތަކެއް ކަމަށާއި ތިމާއަށް ޒަމާންވީ ރައްޓެހިން ވެސް ހޯދަން ލިބޭ ދުވަސްތަކެއްކަން ފާހަގަ ކުރެއްވިއެވެ. އަދި ތިމާ ތައުލީމު ހާސިލުކުރާ ދާއިރާއިން އެހެންމީހުންނާއި ގުޅި ގާތްކަން ލިބޭ ފުރުސަތަކަށް ވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ އެއްގޮތަކަށްވުރެ ގިނަ ގޮތަކަށް ދަންނަވާނަމަ ކޮލެޖެއްގައި ތައުލީމު ހޯދަން މަސައްކަތް ކުރާ ދުވަސްވަރަށްވުރެ ވަކިން އުފާވެރި ދުވަސްތަކެއް ހަޔާތުގައި ނާންނާނެ ކަމަށެވެ.

ރާއްޖޭގައި މީހުން ބިނާކުރުމުގައި ޕްރައިވެޓް ސެކްޓަރއިން ކުރަމުންދާ މަސައްކަތްތަކުގެ އަގު ސަރުކާރުން ވަޒަންކުރާ ކަމަށާއި ރާއްޖެއަށް މީހުން ބޭނުންވެފައިވާ ދާއިރާތަކަށް މީހުން ބިނާކުރުމަކީ ސަރުކާރަށް އެކަނިކުރެވޭނެ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރުވެސް ރާއްޖޭގެ ކޮލެޖުތަކުން ސަރުކާރާއި އެކީ މަސައްކަތްކުރާ ކަމަށާއި ގައުމަށް ލިބެމުންދާ ރޯޝަނީ ދުވަސްތަކަކީ އެންމެން ގުޅިގެން ކުރަމުންގެންދާ މަސައްކަތުގެ ނަތީޖާ ކަމަށްވެސް ވިދާޅުވިއެވެ.