ރާއްޖެއަށް ގަނޑުކޮށް ފެންވަރު ރަނގަޅު ބޭސް ހޯދުމަށް ޔޫއެންޑީޕީއާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދުއެވެ.

Ad
rt

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. ޔޫއެންޑީޕީ ގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ ޔޫއެންޑީޕީގެ މަންދޫބު އެންރީކޯ ގަވޭލިއާ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ޔޫއެންޑީޕީގެ ގްލޯބަލް ހެލްތު ޕްރޮކިޔުމެންޓު ހިދުމަތް މެދުވެރިކޮށް، ފެންވަރު ރަނގަޅު ބޭސް، ގަނޑުކޮށް ރާއްޖެ ގެނެވޭނެ ކަމަށެވެ. މީގެ ސަބަބުން ބޭސް އެތެރެކުރުމަށް ކުރަން ޖެހޭ ހޭދަ ކުޑަވެ، ފެންވަރު ރަނގަޅު ބޭހާއި ސިއްހީ ސާމާނު އެތެރެކުރުމަށް މަގު ފަހިވާނެ ކަމަށް ވެސް ބުނެއެވެ.

މި އެއްބަސްވުމުގެ ދަށުން ބޭސް އެތެރެކުރާނީ އެސްޓީއޯ އިން ކަމަށް ވެސް ފިނޭންސުން ބުނެއެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ އާންމު ސިއްހަތުގެ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތަށް ވެސް މިއީ ބާރަކަށް ވާނެ ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އެންމެންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދޭން ކުރާ މަސައްކަތަށް ވެސް މުހިއްމު ފިޔަވަޅަކަށް ވެސް ވާނެ ކަމަށެވެ.

މީގެ އިތުރުން މި އެއްބަސްވުމަކީ އާސަންދަ ސްކީމު މެދުނުކެނޑި ކުރިއަށް ގެންގޮސް، އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ރަނގަޅު ސިއްހަތާއި ދުޅަހެޔޮކަމުގެ ލަނޑުދަނޑި ހާސިލް ކުުރުމަށް ސަކުރާކުން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.