ޕައިލެޓުކަން ކިޔަވުމަށް 479 ދަރިވަރަކަށް ލޯނު ދޫކުރަން ނިންމާފައިވާ ކަމަށް މަތީތައުލީމާއިި ބެހޭ ވަޒީރު ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.
ޑރ. ހަސަން މިހެން ވިދާޅުވީ ސްޓޫޑެންޓް ލޯންއާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ މިއާއެކު ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް އާދަޔާ ހިލާފު ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.
މީގެ އިތުރުން އެމްބީބީއެސް އަށް 133 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށާއި ޕޯސްޓް ގްރެޖުއޭޑް މެޑިސިން ކިޔެވުމަށް 51 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މުޅިން އަލަށް މި އަހަރު ޑިޕްލޮމާ ފެންވަރުގެ ފުރުސަތުތަކަށް ވެސް ލޯނު ފުރުސަތު ހުޅުވާލާފައިވާނެކަން ފާހަގަކުރައްވައި ވަޒީރު ވަނީ ކުރިން ލޯނު ނަގާފައިވީނަމަވެސް ދަރިވަރުންގެ އިހުތިޔާރުން ބޭރުން ދިމާވި ސަބަބުތަކާހުރެ ކިޔެވުން ފުރިހަމަ ކުރެވިފައި ނުވާނަމަ، އަލުން ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ.
ސްޓޫޑަންޓް ލޯނަށް ކުރިމަތިލި ފަރާތްތަކުގެ ވަގުތީ ނަތީޖާ އެ މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށާއި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މޭ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 1 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ދާއިމީ ނަތީޖާ ލިސްޓް މި މޭ މަހުގެ 22 ވަނަ ދުވަހު ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ލޯނު ލިބޭތާ 18 މަސްދުވަހުގެ ތެރޭގައި ލޯނުގެ ބޭނުން ހިފައި ތައުލީމު ހޯދުމަށް މަސައްކަތް ފަށަން ވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ސްޓޫޑެންޓް ލޯނަށް ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދިނުމުގެ ސަބަބުން ސަރުކާރަށް މާލީ ބުރައެއް އުފުލަން ނުޖެހޭނެ ކަމަށާއި މިގޮތަށް މިކަން ނިންމަވާފައިވަނީ ފިނޭންސް މިނިސްޓްރީއާ ވެސް މަޝްވަރާކުރައްވައިގެން ކަމަށެވެ.
ވަޒީރު މިހެން ވިދާޅުވެފައިވާއިރު، ސްޓޫޑެންޓް ލޯނަށް މިއަހަރު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯނުގެ ޝަރުތު ފުރިހަމަވި ހުރިހައި ދަރިވަރުންނަށް ލޯން ދޫކުރުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ނިންމަވާފައެވެ. މިކަން ހާމަކުރައްވާފައިވަނީ ރައީސް އޮފީހުގެ ތަރުޖަމާނު މިޢުވާން މުޙައްމަދު ރޭ ކުރެއްވި ޓްވީޓެއްގައެވެ.
ސަރުކާރުން މިފަހަރު ސްޓޫޑެންޓް ލޯނުގެ ގޮތުގައި 720 ފުރުޞު ހުޅުވާލާފައިވާއިރު، މިފުރުސަތަށް 1507 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ.
މަތީ ތަޢުލީމާއި ތަމްރީނުގެ ލޯނަށް ކުރިމަތިލުމުގެ ފުރުޞަތު، 2019 ވަނަ އަހަރުން ފެށިގެން މިހައިތަނަށް 6 ފަހަރަކު ސަރުކާރުން ހުޅުވާލާފައިވާއިރު، އެ 6 ފުރުޞަތުގައި ކުރިމަތިލި، 1986 ދަރިވަރަކަށް މިހާރު ވަނީ ލޯނުގެ އެހީ ދީފައެވެ. އަދި މި 1986 ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ކިޔެވުން މިހާރު ނިންމާފައިވާއިރު، އަދި މިހާރު ވެސް 831 ދަރިވަރުން އެކި ޕްރޮގްރާމްތައް ފުރިހަމަކުރަމުން ގެންދާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!