މި ސަރުކާރުން ރައްޔިތުން އަތުން 3.58 ބިލިއަން ރުފިޔާގެ މަސް މިހާތަނަށް ގަނެފައިވާކަމަށާއި، މަހުގެ އަގަށް ރަނގަޅު ހެޔޮ ބަދަލެއް ލަސްތަކެއްނުވެ ގެނެވޭނެކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމަނިކުފާނު އިއްޔެ ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ފީއަލީ އަށް ވަޑައިގެން އެރަށުގައި މި ސަރުކާރުން އިމާރާތްކުރި ފެނަކަ އާ އިންޖީނުގެއާ އޮފީސް އިމާރާތް އަދި އައިސްޕްލާންޓް ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

މިއަދު މެންދުރުފަހު ފީއަލީ ބަނދަރުސަރަހައްދުގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި ދެއްކެވިވާހަކަފުޅުގައި ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައުމަށްފަހުގައި، މަސްވެރިންނަށްޓަކައި ބޮޑު ބަދަލުތަކެއް ގެންނަން ފައްޓަވާފައިވާ ކަމަށެވެ.

އެތައް ދުވަހެއް ވެގެންދިޔައިރުގައި ވެސް މަސްވެރިންނާ ދޭތެރޭގައި އެކަން ތަރައްޤީ ކުރުމަށްޓަކައި މާބޮޑު މަސައްކަތެއް ކުރެވިފައި އޮތްތަން ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ، ހަމައެކަނި މިފްކޯގެ އުޅަނދުތަކުގައި ހުރި މަސް ރައްކާކުރެވޭ ކެޕޭސިޓީއަށް އެކަނި ބަލައިލިނަމަވެސް، މިކަން ފާހަގަވި ކަމަށެވެ.

''އަޅުގަނޑުމެންނާ ހަވާލުވިއިރުގައި، އެ ކެޕޭސިޓީއަކީ 1727 މެޓްރިކް ޓަން. މުޅި ރާއްޖޭގައި ހުރި މިފްކޯގެ އުޅަނދުފަހަރަށް ކިރޭވަރު. އެހެން ނަމަވެސް، މިހާރު އެ ޢަދަދު އަޅުގަނޑުމެންނަށް ވަނީ 5027 މެޓްރިކް ޓަނަށް ބަދަލުކުރެވިފައި.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސް ފިނިކޮށް ގަނޑުކުރުމުގެ ކެޕޭސިޓީ ހުރީ އުޅަނދުފަހަރުގައި އެންމެ 80 މެޓްރިކް ޓަނުގެ ކެޕޭސިޓީ ކަމަޑެވެ. އަދި މި ސަރުކާރުން ގެނައި މަސްކިރާ އުޅަނދު، ޖަޒީރާ 103، "ވަން ޒީރޯ ތްރީ" މަސްކިރުވުމުގެ މަސައްކަތަށް ނެރުމާ އެކީގައި މި ކެޕޭސިޓީ 500 މެޓްރިކް ޓަނަށް ބަދަލުކުރެވިއްޖެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ތިން މަސްކިރާ ބޯޓު ގެނައުމަށް ނިންމާފައިވާ ކަމަށާއި، އެއާއެކު މަސްކިރުވުމުގެ މި ކެޕޭސިޓީ ވެސް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

''މަސްވެރިންގެ އަތުން މަސްގަނެ، ދައުލަތުގެ ބަޖެޓުން ހޭދަކުރެވުނު އަދަދަށް ބަލާއިރުގައި، މިއިން ދުވަހަކު ނުކުރެވޭވަރަށް އަޅުގަނޑުމެންނަށް އެކަން ކުރެވިއްޖެ. 3.58 ބިލިއަން ރުފިޔާގެ މަސް، އަޅުގަނޑުމެން ރައްޔިތުންގެ އަތުން ގަނެފިން.'' ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި މަސްވެރި އިންޑަސްޓްރީއަށް، ޞިނާޢަތަށް މި ގެނެވޭ ބަދަލުތައް ދުވަހުން ދުވަހަށް މި ސަރުކާރުން ކުރިއަށް ގެންދަވާނެއެވެ.

''މީގެ ނަތީޖާ މި އަހަރު ނިމޭއިރުގައި، ތަފާތު ބޮޑުކޮށް މަސްވެރިންނަށް ފެނިގެންދާނެ. މަހުގެ އަގަށްވެސް އިރާދަކުރެއްވިއްޔާ ރަނގަޅު ހެޔޮ ބަދަލެއް ލަސްތަކެއްނުވެ ގެނެވޭނެ.'' ރައީސް ވިދާޅުވެފަވެއެވެ.