ރައީސް އިބްރާހިމް މުހައްމަދު ސާލިހް ފިޔަވައި ސިޔާސީ ފަރާތްތަކާއެކު ވީވަޢުދު ފުއްދުނު ވެރިއެއް ނެތް ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ފ. ދަރަނބޫދޫ ބަނދަރު ރަސްމީކޮށް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ސާލިޙުގެ ސަރުކާރުގައި ނޫނީ ވެރިކަމަށް އައުމަށް އެކުލަވާލި ކޯލިޝަން ދެމެހެއްޓުނު ދައުރެއް ރާއްޖެއަށް ޑިމޮކްރަސީ ގެނެވުނު ފަހުން ވެސް ނާންނަ ކަމަށެވެ.
އެގޮތުން 2008 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައި އިރު އޮތް ކޯލިޝަނާއި، 2013 ވަނަ އަހަރު ޕީޕީއެމްއިން ވެރިކަމަށް އައި ކޯލިޝަން ވެސް އަހަރެއްގެ ތެރޭގައި ރޫޅިގެންދިޔަކަން ފާހަގަކުރައްވައި އަސްލަމް ވަނީ ސާލިހަށް ތައުރީފު ކުރައްވާފައެވެ.
އަސްލަމް ވިދާޅުވީ ސިޔާސީ ފަރާތްތަކާއެކު ވީވަޢުދު ފުއްދުނު ވެރިއެއް މި ނޫނީ ނެތް ކަމަށާއިި ސިޔާސީގޮތުން ވެވަޑައިގެންނެވި ވަޢުދު ރަނގަޅަށް ދާނަމަ ދެން ހުރިކަންކަން އަމާންކަމާއެކު ކުރިއަށްދާނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިހެންވާއިރު، ރައީސް ސާލިހަށް އިތުރު ދައުރެއް ނުދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަަށާއި ގައުމަށް އަމާންކަމާއި ހަމަޖެހުން ލިބޭނީ އޭރުން ކަމަށެވެ. އަދި ކޮވިޑުގެ ދަތި ހާލުގައި ވެސް ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު ގައުމު ނަގައި، ދަމަހައްޓައިދެއްވީ ރައީސް ސާލިހު ކަމަށާއި އެހެންވެ، ގައުމުގެ ހުންގާނު އަދިވެސް ދޭން ފެންނަނީ އެމަނިކުފާނަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ވެރިކަން އެހެން ބަޔަކަށް ލިބިއްޖެނަމަ، މި ގައުމުގެ ހަމަޖެހުން ނަގައިލާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!