މިއަހަރުގެ ތިލައުތުރު އެވޯޑު 6 ދާއިރާއަކުން 12 ފަރާތަކަށް ދީފިއެވެ.
މއީ ހއ. އަތޮޅު ދުވަސް ފާހަގަކުރުމުގެ ގޮތުން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ދެމުން އަންނަ އެވޯޑެކެވެ. މިއަހަރު މި އެވޯޑު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
މި ތަފާތު ދާއިރާތަކުން ދިގު މުއްދަތަކަށް ފާހަގަކުރެވޭފަދަ ޝަރަފްވެރި ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި އެނޫނަސް ތަފާތުއެކި ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަައް ފާހަގަކޮށް އެފަރާތްތަކުގެ އަގު ވަޒަން ކުރުމަށް ދޭ އެވޯޑެކެވެ.
މީގެ އިތުރުން އެ އަތޮޅުގެ ސްކޫލު، މަދުރަސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި އަތޮޅުގެ އެންމެހިންގުންތެރި ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ކުލަބު ޖަމިއްޔާތައް ފާހަގަކޮށް އެފަރާތްތަކަށް ވެސް މި އެވޯޑު އަންނަނީ ދެމުންނެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ތެރެއިން 2022 ވަނަ އަހަރު ދެވަނައަށް އެންމެހަރަކާތްތެރި ކޮމެޓީއަކަށް ހޯރަފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ހޮވުނުއިރު، އެންމެހަރަކާތްތެރި ކޮމެޓީއަކަށް ހޮވުނީ ދިއްދޫ ޑަބްލިއުޑީސީ އެވެ. 2022 ވަނަ އަހަރުގެ އެމްޕްލޯއީ އޮފް ދަ ޔިއާ އަށް ހޮވިފައިވަނީ ކައުންސިލު އެސިސްޓެންޓް ލަތީފާ އަބްދުﷲ އެވެ. އޭނާއަށް ވަނީ އުމްރާ ދަތުރެއް ލިބިފައެވެ.
ތިލައުތުރު މަތީ ދަރަޖަ އެވޯޑު ހާސިލުކޮށްފައިވަނީ ހއ. މާރަންދޫ، ސަމާ / އާއިމިނަތު ރިޝްމީ މުހައްމަދު އެވެ. ހއ. އަތޮޅުގެ ރަށު ކައުންސިލުތަކުގެ ތެރެއިން 2022 ވަނަ އަހަރު 3 ވަނައަށް އެންމެހިންގުންތެރި ރަށު ކައުންސިލަކަށް ހޮވުނީ ބާރަށު ކައުންސިލެވެ. އަދި ދެވަނައަށް ހޯރަފުށި ކައުންސިލު ހޮވުނުއިރު، އެއްވަނައަށް ހޮވިފައިވަނީ ތުރާކުނު ކައުންސިލެވެ.
މީގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ހއ. މުރައިދޫ މިނިވަންއުފާ، ހުސައިން ފަޒީލް ހާރޫން (ފްލޭޝް) ހޯދާފައިވާ ކާމިޔާބީތަކަށާއި ބޭސްވެރިކަމުގެ ދާއިރާއިން ހއ. މުރައިދޫ ޝަބްނަމްގެ، މުހައްމަދު އިބްރާހިމް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކޮށް ވަނީ އެވޯޑު ދީފައެވެ. އަދި ސިއްހީ ދާއިރާއަށް ޚިދުމަތްކުރުމުގެ އަގު ވަޒަންކޮށް ހއ. އުތީމު ނޫރާނީގޭ ސޯބިރާ އާދަމް އަށް ވެސް ވަނީ ތިލައުތުރު އެވޯޑު ދީފައެވެ.
މި ރަސްމިއްޔާތުގައި ޤުރްއާން ކިޔެވުމުގެ 34 ވަނަ ގައުމީ މުބާރާތާއި 35 ވަނަ މުބާރާތުގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލު ތްމަސީލުކުރި ދަރިވަރުންގެ ތެރެއިން އަތޮޅަށް ރަންވަނަ ހޯދައިދިން ދަރިވަރުންނަށް ވަނީ އެވޯޑު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!