ޗާގޯސް މައްސަލާގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އިތުބާރުގެ މައްސަލައެއް މަޖިލީހަށް ވައްދަން ތާއީދުކޮށް، އެ މައްސަލަ ހުށަހެޅުމަށް ސޮއި ދެއްވާފައިވާކަމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން، އެކަމުގައި ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އެމްއެންޕީ ހިމެނޭހެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނީ އިއްތިހާދެއް އުފައްދާފައެވެ. މި އިއްތިހާދުން ދަނީ އެ މައްސަލާގައި ރައީސް ޞާލިޙްގެ އިތުބާރުނެތް މައްސަލައެއް މަޖިލީހަށް ހުށަހަޅަން މައްސައްކަތް ކުރަމުންނެވެ.

Ad
rt

އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ "ނާޒިމް ބުނަނީ ކީކޭ؟" ކްލަބް ހައުސް އިވެންޓުތަކުގެ ތެރެއިން ރޭގެ އިވެންޓުގައި ނާޒިމް ވަނީ އެ މައްސަލާގައި އޭނާ ސޮއިކުރައްވާފައި ކަމަށް ވިދާޅުވެފައެވެ.

އެ މައްސަލައަށް އިޝާރާތް ކުރައްވައި ނާޒިމް ވިދާޅުވީ، ޗާގޯސް މައްސަލާގައި ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ރައީސްއަށް ލިބިފައި ނުވާ ބާރެއްކަމަށެވެ. އަދި އެފަދަ ކަންކަން ނިންމުމުގެ ބާރު އޮތީ މަޖިލީހުގައިކަމަށްވެސް ވިދާޅުވެފައިވެއެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން ރައީސް ޞާލިޙް އަޒުލުކުރުމަށް ސޮއިކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޗާގޯސް މައްސަލާގައި ސަރުކާރުގެ ސްޑޭންޑާ ދެކޮޅަށް އުފައްދާފައިވާ އިއްތިހާދަށް އެއްބާރުލުން ދެއްވާނެކަމަށް ނާޒިމް ވަނީ ރޭ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްއެންޕީން ވާދަކުރަން ނިންމާފައިވާއިރު، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ނާޒިމެވެ.