ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ވާދަކުރައްވަން ނިންމަވާފައިވާ އެ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމްގެ ކެމްޕޭން މެނޭޖަރުން ހަމަޖައްސައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޤާސިމް މިއަދު ވަނީ ޖޭޕީގެ ކައުންސިލްގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖަކުން އޭނާގެ ކެމްޕޭން މެނޭޖަރުން ހަމަޖެއްސިކަން އެ ޕާޓީގެ ކައުންސިލް މެންބަރުންނަށް އަންގާފައެވެ.

Ad
rt

މި ގޮތުން ޤާސިމް ކެމްޕޭން މެނޭޖަރުން ހަމަޖެއްސީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް އާއި ލީޑަރުގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދެވެ.

އަމީން ހަމަޖެއްސެވީ ރާއްޖޭގެ އުތުރުގެ ކެމްޕޭން މެނޭޖަރުގެ ގޮތުގައެވެ. ކެމްޕޭން މެނޭޖަރުގެ ގޮތުގައި އަމީން އާއި ހަވާލު ކުރެއްވި އަތޮޅުތަކަކީ ހއ. އަތޮޅާއި، ހދ. އަތޮޅާއި، ށ. އަތޮޅާއި، ނ. އަތޮޅާއި، ރ. އަތޮޅާއި، ބ. އަތޮޅާއި، ޅ. އަތޮޅާއި، ކ. އަތޮޅާއި، އއ. އަތޮޅާއި، އދ. އަތޮޅު އަދި މާލޭގެ ދެ ބައިކުޅަ އެއްބައެވެ.

ދެކުނުގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖެއްސި އިލްހާމް އާއި ހަވާލުކުރެއްވި އަތޮޅުތަކަކީ ވ. އަތޮޅާއި، މ. އަތޮޅާއި، ފ. އަތޮޅާއި، ދ. އަތޮޅާއި، ތ. އަތޮޅާއި، ލ. އަތޮޅާއި، ގއ. އަތޮޅާއި، ގދ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީއެވެ. އަދި މާލޭގެ ދެބައިކުޅަ އެއްބައި އިލްހާމް އާ ވެސް ވަނީ ހަވާލު ކުރައްވާފައެވެ.

ގާސިމް ވަނީ ޕާޓީގެ ކެންޑިޑޭޓަށް ރިޔާސީ ޓިކެޓު ހަވާލު ކުރުމާއި ކެމްޕެއިން ލޯންޗިން އިވެންޓާ ގުޅޭ ހުރިހާ ކަމެއް ޕާޓީގެ ސެކްރެޓޭރިއަޓް ގުޅިގެން ކުރިއަށް ގެންދަން ވެސް މި ދެ ބޭފުޅުންނާއި ހަވާލުކުރައްވާފައެވެ.

މީގެ އިތުރުން ގާސިމް ވަނީ މިކަމުގައި އެ ޕާޓީގެ ލީޑާޝިޕާއި، ކައުންސިލް މެންބަރުންނާއި އަދި ކައުންސިލްގައި ހިމެނޭ ކޮމެޓީތަކުގެ މެންބަރުން އެއްބާރުލުން ދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމާއި ކެމްޕެއިން ލޯންޗިން އިވެންޓް އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުގެ ރޭ ބާއްވަން އަންނަނީ މަޝްވަރާކުރަމުންނެވެ.