ކުރީގެ ޢަދަދާއިގުޅޭ،

" ހޫމް.. ދެން ނުގުޅާނަން އެކަމަކު.. އޭނަ އަންނަން ބޭނުން ވަންޏާ އަންނާނެއެއްނު.. ގަދަކަމުން ކަންކަން ކުރުވާކަށް ނުކެރޭނެ މިދުވަސްވަރަކު.. ޒައިން އެ ހުންނަނީ ޒަޔާ ދިޔައީމަ ހިތް ހަލާކުވެފަ ހަމަ.. ނޫޙު ހުއްޓަސް އެކުއްޖާގެ ހިތުގައިވެސް ޒައިންއާމެދު ބައްޕަގެ ކުލުނެއް ނުހުންނާނެއެއްނު.. އެއީ ހަމަ ނެތްކުއްޖެއްދޯ"

Ad
rt

ސިޑިން ފައިބައިގެންއައި އުޝާގެ ކަންފަތުގައި ޖެހުނު އެ ޖުމްލައިން އޭނާގެ ހިތަށް ވަރަށް އަސަރުކު ކުރިއެވެ. އެފަދަ އެއްޗެއް މަންމަ ބުނެފާނެ ކަމަކަށް ފަހަރެއްގައިވެސް އޭނާ ހިއެއް ނުކުރެއެވެ. އަމީރާގެ އެ ވާހަކަތަކުން އުޝާއަށް ތަފާތު އިޙްސާސްތަކެއް ކުރެވެމުންދިޔައެވެ. ލަސްތަކެއްނުވެ، އެކި ޚިޔާލްތަކުން ސިކުނޑި ބަރާކޮށްލައިފިއެވެ.

" ކޮންމެ ގޮތެއްވިޔަސް ޒައިންއަށް ނޫޙުއަށްވުރެ ޒަޔާ މުޙިއްމުވާނެ..."

ޖުމްލަ ނުނިމެނީސް އަމީރާއަށް ދުރުގައި ހުރި އުޝާ ފެނުނެވެ. ފެންކަޅިވެފައިހުރި އުޝާ ފެނުމާއެކު އޭނާ ދެންމެ ދެއްކި ހުރިހާ ވާހަކައެއްވެސް އުޝާއަށް އަޑުއިވުނުކަން އަމީރާއަށް ޔަޤީންވިއެވެ.އެހިނދު އަމީރާއަށް ބަލާލެވުނީ ފަހުމީގެ މޫނަށެވެ. ފަހުމީގެ މޫނުމަތިންވެސް ކަންބޮޑުވުމުގެ އަސަރު ކޮންމެވެސް ވަރަކަށް ފެންނަން ހުއްޓެވެ.

" މިއަދާ ހަމައަށްވެސް ނޫޙުގެ ބައްޕައަކީ ޒައިންކަން އަހަރެން ސިއްރުކުރީ ސަބަބެއް ނެތިއެއްނޫން މަންމާ! މަންމަގެ ދަރިފުޅުގެ ދިރިއުޅުން ހަލާކު ނުކުރަން ވެގެން.. ބައްޕަގެ ލޯތްބާއި، ކުލުނާ، އަޅާލުމާ، އެހީތެރިކަން ނޫޙުއަށް ބީވެގެން އެދަނީ އެއްފުރާޅެއްގެ ދަށުގައި ލޯކުރިމަތީގައި ބައްޕަ ހުރެމެ.. ޒަޔާއާ އެއްފަދައިން ނޫޙަކީވެސް ޒައިންގެ ދަރިއެއްކަން މަންމަމެންނަށްވެސް އެނގެއެއްނު! ނޫޙަކީ ޒައިންއަށް ނެތްފަދަ ކުއްޖަކަށްވީ ކީއްވެކަން އެންމެ ރަނގަޅަށް އެނގޭނީވެސް ހަމަ މަންމައާ ބައްޕައަށް! އެކަން ސިއްރުކޮށްދިނުމަށް މަންމަމެންވެސް އަހަރެންގާތު އެދުނު! މިހުރިހާ އެއްޗެއް މިކިޔަނީ އެއްވެސް ޙާލެއްގައި މަންމައާބައްޕަދެކެ ރުޅިއަކުންނެއްނޫން.. މިއަދު މަންމަގެ ދުލުން ނޫޙުއާ ބެހޭގޮތުން އެފަދަ ވާހަކައެއް ދެއްކުނީތީ އަހަރެން ވަރަށް ދެރަވެއްޖެ! އަހަރެން، އެދަރިފުޅު ގޮވައިގެން މިގޭގަ މިއުޅެނީ ހާދަހާ ކެތްތެރިވެގެންނޭ! ހާދަ ހިތްވަރެއް ކޮށްގެންނޭ މަންމާ! "

ކުރަކިވެ ބެދިފައިވާ އަޑަކުން އުޝާ ވާހަކަ ދެއްކީ ނުހަނު މަޑުންނެވެ. އަމީރާގެ އިތުރުން ފަހުމީއަށްވެސް ހުރެވުނީ ދިފާޢުގައި ދައްކާނެ ވާހަކައެއް ނޭނގިގެންނެވެ. ހަމަ އެވަގުތެވެ. ބެލްޖަހާލި އަޑު އިވުނެވެ.

" ޖާބިރުމެން އެއައީ! "

ފަހުމީ އެހެން ބުނެ ހިނގައިގަތީ ދޮރާއިދިމާލަށެވެ. އުޝާ އަވަސް އަވަހަށް ދެއަތުން މޫނު ފުހެލުމަށްފަހު ބަދިގެއާ ދިމާލަށް ހިނގައިގަތީ އަމީރާގެ ފަހަތުންނެވެ. އޭނާއަށް އެހީތެރިވެދޭށެވެ. އޭރުވެސް އަމީރާހުރީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އަމީރާ ހަމައަކަށް އަޅުވަން އިތުރަށް އެއްވެސް ވާހަކައެއް ދައްކާކަށް އުޝާ ބޭނުމެއްނުވިއެވެ. އެއަށްވުރެ ބޮޑަށް މިއަދު އުޝާ ދެެރަވެއްޖެއެވެ.

" ހާދަ ވަރުގަދަ ކެއުމެއް ތައްޔާރުކޮށްލައިގެން... ހަމަ އަހަރެމެންނަށްތަ؟ "

ޖާބިރު ބުނެލީ ވަރުގަދަ ހިނިގަނޑެއް ޖަހާލަމުންނެވެ. އޭރު ޖާބިރާ ދާދި ގާތުގައި ނަވީންވެސް ހުއްޓެވެ.

" މިގެއަށް އައި ފުރަތަމަ ދުވަހެއްނު! ނުކައެއް ނުދެވޭނެ! އަވަހަށް އިށީނދޭ.. ނަވީން! އިށީނދެ އިށީނދޭ! "

އަތުން ގޮނޑިއަށް އިޝާރާތްކޮށްލަމުން ފަހުމީވެސް ވާހަކަ ދެއްކީ ހެމުންނެވެ. އެއާއެކު ޖާބިރާއި ނަވީން އިށީންދެއްޖެއެވެ. އޭރު އަމީރާވެސް އައިސް މޭޒުގެ އެއްކޮޅުގައި ހުއްޓިއްޖެއެވެ. އެމީހުން ދައްކާ ވާހަކަ އަޑުއަހަން އުޝާ ހުރީ ބަދިގެތެރޭގައެވެ. ނަވީން އެކިދިމަދިމާލަށް ބަލަމުންދާކަން ޖާބިރަށް ފާހަގަ ކުރެވުނެވެ. އޭނާ އެ ހޯދަނީ އުޝާކަންވެސް ޖާބިރަށް އެނގުނެވެ. އެހެންކަމުން ވަގުތު ބޭކާރު ކުރާކަށް އޭނާ ބޭނުމެއްނުވިއެވެ.

" އަހަރެމެން އަސްލު މިއައީ ވަރަށް ބޮޑު ބޭނުމަކު..."

ޖާބިރު އެހެން ބުނުމާއެކު ނަވީން ދިޔައީ ސިހިގެންނެވެ. ބައްޕަ އެވާހަކަ ދައްކާނީ ކިހިނެއްކަމެއް ނޭނގިގެން އޭނާގެ ހިތް ނުހަނު ބާރަށް ތެޅެމުންދެއެވެ. އަމީރާއާ ފަހުމީވެސް އެކަކު އަނެކަކަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

" މާ ދުރުދުރުން ގެންދާކަށް ބޭނުމެއްނޫން. އަހަރެން ބޭނުންވަނީ ހަމަ ސީދާ ޕޮއިންޓަށްދާން! " އަނެއްކާވެސް ވާހަަކަ ދެއްކީ ޖާބިރެވެ.

" މިހާރުވެސް ސީދާ ޕޮއިންޓާ މާ ދުރުން ތި ގެންދަނީ! އަވަހަށް ބުނެބަލަ!" ހިނިގަނޑެއް ޖަހާލަމުން ފަހުމީ ބުނެލީ ޖޫސްފޮދެއް ބޯލަމުންނެވެ. އޭރުވެސް ނަވީން އިނީ ކަޅި ޖަހާނުލާ ޖާބިރުގެ މޫނަށް ބަލާށެވެ.

" އަހަރެންގެ ދަރިފުޅަށް ފަހުމީގެ އަންހެން ދަރިފުޅު ވަރަށް ކަމު ގޮއްސި! އެހެންވެ އޭނާގެ ބަހެއް ހޯދާލަން ބޭނުންވާތީ މިއައީ!"

ޖާބިރުގެ ޖުމްލައިން ފަހުމީއާ އަމީރާގެ އިތުރުން، ބަދިގެތެރޭގައި ހުރި އުޝާއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. އުނދުން ކައިރީގައި ލެނގިލައިގެން ހުރި އުޝާއަށް ތެޅިގަނެވުނެވެ. އެއާއެކު ފާޑަކަށް އޭނާގެ ހިތް އަވަސްވާން ފެށިއެވެ.

" އުޝާ؟ "

ސުވާލުގެ ރާގުގައި އަމީރާއަށް ބުނެލެވުނެވެ.

" އަހަރެން ނެތް ހަނދާނެއް ނަމެއްވެސް.. ނަވީންއަށް އެނގޭނީ"

މަޖާ ރާގަކަށް ޖާބިރު އެހެން ބުނެލުމާއެކު ނަވީން ބޯޖަހާލަމުން އިސްޖަހާލިއެވެ. އެއާއެކު އަމީރާއަށް އަނެއްކާވެސް ބަލާލެވުނީ ފަހުމީގެ މޫނަށެވެ.

" ކީކޭ ބުނަނީ މިކަމާ؟ "

ޖާބިރު " ސީރިއަސް " ރާގަކަށް އަހާލުމާއެކު ފަހުމީ ގަދަކަމުން ހީލިއެވެ.

" ތިކަމާ ކީކޭ ދެން އަހަރެމެން ބުނާނީ؟ އުޝާގާތު އަހާލާފަ އޭނަ ޤަބޫލުވިއްޔާތާ ތިކަން ވާނީވެސް..އޭނަ ރުހޭނެހެންނެއް ހިއެއްނުވޭ ހަމަ! " ފަހުމީ ވާހަކަ ދައްކަމުން ދިޔައިރު ނަވީނަށް އިނދެވުނީ ފަހުމީއަށް ބަލަހައްޓައިގެންނެވެ. ފަހުމީގެ ވާހަކަ ދެެއްކުން ހުރި ގޮތުން އޭނާ އެކަމާ ގަޔާނުވާކަން ނަވީނަށް އެނގުނެވެ. ހިތްމަރުވާގޮތްވެފައި އިން ނަވީނަށް އަމީރާއާ ދިމާލަށް ބަލާލެވުނީ އޭނާ ވާހަކަ ދައްކަން ފެށުމުންނެވެ. އޭރު ޖާބިރުވެސް އިނީ ކޮންމެވެސް ވަރަކަށް މާޔޫސްވެފައެވެ.

" ނޫޙު ކުޑަވީމަ، މީހަކާ އިންނަން ބޭނުން ނުވާ ވާހަކަ އަބަދުވެސް ބުނާނެ! ދޮންދަރިންދެކެ ލޯތްބެއްނުވާނެއެއްނޫންހޭ ބުނާނެ! އެހެންވީމަ އަދި ކައިވެންޏަކާމެދު އުޝާ ވިސްނާހެންނެއް ހިއެއްނުވެ!"

" ތި ކައިވެންޏަށް އަހަރެން ރުހެން! އަހަރެން އެއްބަސް!" އެންމެންނަށް އެއްފަހަރާ ބަލާލެވުނީ ބަދިގެއިން ނިކުމެގެން އައި އުޝާއަށެވެ. އުޝާގެ ޖުމްލައިން ނަވީންއާ ޖާބިރަށް ހިނިތުންވެވުނު ނަމަވެސް އަމީރާއާ ފަހުމީގެ މޫނުމަތިން ފެންނަމުންދިޔައީ ކަންބޮޑު ވުމުގެ އަސަރުތަކެވެ.

" އެކަމަކު އޭގެ ކުރިން އަހަރެން ނަވީންގާތު ދައްކަން ބޭނުންވާ ބައިވަރު ވާހަކަ އެބަހުރި! އަހަރެންގެ ވާހަކަތައް އަޑުއަހާފައި ފަހަރެއްގައި ނަވީންގެ ޚިޔާލު ބަދަލުވުންވެސް އެކަށީގެންވޭ! އެއްވެސް ކަމެއް ސިއްރުކުރާކަށް ބޭނުމެއްނޫން.."

މަޑުމަޑުން ހިނގާފައި އައިސް އުޝާ ހުއްޓުނީ އަމީރާއާ ދާދި ގާތުގައެވެ. އަމީރާއާ ފަހުމީ ހިތްހަމަ ނުޖެހޭނެކަން އެނގިހުރެވެސް އުޝާ އޭނާގެ ނިންމުން ހާމަކުރިއެވެ.

" އަލްޙަމްދުލިﷲ! މިއަދު އަހަރެން ވަރަށް އުފާވެއްޖެ! ނަވީން ދާންވީނު އުޝާ ގޮވައިގެން ކާރުގަ ބުރެއް ޖަހާލަން.. އުޝާއަށް ވާހަކަދައްކަން އަވަހަށް ފުރުޞަތުދީ! އެއްވެސް ކަމެއް ލަސްކުރާނެކަމެއްނެތް! މިހާރުން މިހާރަށްވެސް ތިކަން ނިންމަން ބައްޕަ ބޭނުންވަނީ... "

ނަވީންގެ ބުރަކަށީގައި ޖަހާލަމުން އުފާވެރި ރާގެއްގައި ޖާބިރު ބުނެލިއެވެ. އެއާއެކު ނަވީން ތެދުވީވެސް އެހާމެ އަވަހަށެވެ. އިސްޖަހައިގެން ހުރެ، އުޝާވެސް ނަވީންގެ ފަހަތުން ހިނގައިގަތެވެ. އެމަންޒަރު ބަލަން އަމީރާއަށް ހުރެވުނީ ކަންބޮޑުވެފައެވެ.

ނަވީންއާއެކު ކާރުގެ ކުރީ ސީޓަށް އުޝާ އެރިއެވެ. އޭރުވެސް އުޝާ އިނީ އިސްޖަހާލައިގެންނެވެ. ނަމަވެސް ކަޅިޖަހާނުލާ ނަވީނަށް އުޝާއާ ދިމާލަށް ބެލެނީއެވެ. އެހާ ގާތުން އުޝާ ފެންނާތީ ނަވީންގެ ހިތަށް ހަމަޖެހުން ލިބެމުންދިޔައެވެ.

" ބުނެބަލަ! ކޮންވާހަކައެއްތަ ބުނަން ބޭނުންވަނީ؟ "

ކާރު ދުއްވާލަމުން ނަވީން އަހާލީ ނުހަނު ލޯބިންނެވެ. އެއަޑުގައިވާ އަސަރުތަކުން އުޝާއަށް ކޮންމެވެސް ވަރަކަށް އުނދަގޫވިއެވެ.

" އަހަރެން ބުނަން މިއުޅޭ ވާހަކަތައް އަޑުއަހަން ނަވީންއަކަށް ފަސޭހައެއްނުވާނެ!"

ދުރަށް ބަލާލަމުން އުޝާ ބުނެލިއެވެ. އުޝާ އެހެން ބުނުމުން ނަވީންގެ ތުންފަތްމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

" އުޝާގެ މާޒީގައި ކޮންމެ ފަދަ ހާދިސާއެއް ހިނގާފައި އޮތް ނަމަވެސް އަހަރެންގެ އެއްވެސް މައްސަލައެއްނެތް! އަހަންނަކީ މާޒީއާމެދު އެހާ ޝައުޤުވެރިވާ މީހެއްނޫން! ވީކަމެއް ނުވާ ކަމަކަށްވެސް ނުވާނެ! އަހަންނަކީ އަބަދުވެސް ކުރިއަށް ވިސްނާ މީހެއް! އަދި ވަރަށް ޕޮޒިޓިވްކޮށް ވިސްނާ މީހެއް!"

ނަވީންގެ އަޑަކީ އަހާލަން ފަސޭހަ މަޑުމައިތިރި އަޑެކެވެ. އޭނާ ވާހަކަ ދައްކަނީވެސް އަޑުއަހާމީހެއްގެ ހިތަށްވެސް ހަމަޖެހުން ލިބޭފަދަ ގޮތަކަށެވެ.

" އަހަރެން މިއިނީ އުޝާ ދައްކާ ކޮންމެ ވާހަކައެއްވެސް އަޑުއަހާހިތުން އަޑުއަހަން ތައްޔާރަށް! ފުރަތަމަ ނަޒަރުން ވެވޭ ލޯތްބަކީ ވަރަށް ވަރުގަދަ އެއްޗެއް! އެހެން ނަމަ އުޝާ ފެނުނު ފުރަތަމަ ދުވަހުއްސުރެ އަހަރެންގެ ނިދި އަހަންނާ ދުރަކަށް ނުދިޔައީސް.. "

ހިނިތުންވެލަމުން ނަވީން ބުނެލިއެވެ.

" އަހަރެން އަދި މީހަކާ ނީންނަން! ނޫޙު ލިބުނީ ކައިވެނިން ބޭރުގައި.."

އުޝާ އެހެން ބުނެލުމާއެކު ނަވީންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ހައިރާންވެ އިނދެ އޭނާ އުޝާއަށް ބަލަމުން ދިޔައެވެ.

" އަހަރެން ބުނީމެއްނު ނަވީންގެ ވިސްނުން ބަދަލުވާނޭ! " ޔަޤީންކަމާއެކު އުޝާ ބުނެލީ ސީދާ ނަވީންގެ މޫނަށް ބަލަން އިނދެއެވެ. އެއާއެކު ނަވީން ބޯޖަހާލިއެވެ.

" އިރާދަކުރެއްވިއްޔާ އުޝާގެ ތަޢުބާ، މާތްﷲ ޤަބޫލު ކުރައްވާނެ! އަަހަރެން ބިރުގަތީ އެހެންވެ! ކޮންމެ އިންސާނަކަށްވެސް ކުށެއް ކުރެވިދާނެކަން އަހަރެން ޤަބޫލުކުރަން.."

ނަވީންއަކީ ތަފާތު މީހެއްކަން އުޝާއަށް ފާހަގަ ކުރެވުނެވެ.

" ނޫޙުގެ ބައްޕައަކީ ޒައިން..! " މިފަހަރު އުޝާއަށް ބުނެވުނު ޖުމްލައިން ނަވީންއަށް ލިބުނީ ކުއްލި ސިހުމެކެވެ.

" ޒައިންއޭ؟ ފަހުމީބޭގެ ދަރިފުޅު؟ ދެން ކީއްވެ މެރީ ނުކުރީ؟ "

" އަހަންނަށް އެނގޭ ނަވީންގެ ހިތުގައި ވަރަށް ގިނަ ސުވާލުތައް އުފެދޭނެކަން.. އެހެންވެގެން އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭން ބޭނުންވީވެސް.."

އެހެން ބުނުމަށްފަހު އުޝާ ނަވީންއަށް އޭނާގެ ޙަޔާތަށް ޒައިން އައިގޮތުގެ ވާހަކަ ކިޔައިދޭންފެށިއެވެ. ޝައުޤުވެރިކަމާއެކު ނަވީން އަޑުއަހަން އިނެވެ.

" އަހަރެން ކުރިންވެސް ބުނިންދޯ މާޒީއަކީ އަހަރެން ދިރާސާކުރަން ބޭނުންވާ ކަންކަމެއްނޫނޭ! ތީ އަހަންނާ ދިމާވުމުގެ މާކުރިން ވެ ނިމިފައި އޮތް ކަމެއް! ފަހުމީބޭގެ ދެމަފިރިންނަކަށް އެގޮތަށް އުޝާއެއް ނުހިފެހެއްޓޭނެއެއްނު! "

މިއަދު ވީ ކަންތަކުގެ ސަބަބުން އުޝާއަށް ހުރެވުނީ އަދިވެސް ވަރަށް ދެރަވެފައެވެ. އެހެންކަމުން އެވާހަކަތައްވެސް އޭނާއަށް ނަވީންގާތު ކިޔައިދެވުނެވެ.

" އެމީހުންނާ ދިމާލަށް ބަދު ބަހެއް ބުނާކަށް ބޭނުމެއްނޫން.." ދެރަވެލާފައި އުޝާ ބުނެލިއެވެ. އެއާއެކު ނަވީން ހީލިއެވެ.

" އަހަރެންމީ އެއްވެސް މީހަކަށް ބަދު ބަހެއް ބުނާނެ މީހެއް ނޫން! އަހަރެން މި ބުނީ އެމީހުންނަށްޓަކައި އުޝާގެ ޙަޔާތް ބޭކާރުކޮށް ނުލާށޭ! އަހަރެން އެއްޗެއް ނުބުންޏެއްކަމަކު މިހާރު ވަރަށް ރަނގަޅަށް އަހަންނަށް ވިސްނިއްޖެ! އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނިކުރަން! އެންމެ ރަނގަޅުތަ؟ "

ނަވީން އެހެން ބުނެލުމާއެކު އުޝާއަށް ފުން ނަޒަރަކުން ނަވީނަށް ބަލާލެވުނެވެ. އުޝާގެ އެބަލާލުމުގައި ކޮންމެވެސް އިތުރުކަމެއް ފޮރުވިފައިވާހެން ނަވީނަށް ހީވިއެވެ. އަދިވެސް އުޝާގެ މޫނުމަތިން ފެންނަނީ ހިތާމަޔާ ހިތްދަތިކަމެވެ.

" އަދިވެސް ބުނަން ބޭނުންވާ ވާހަކައެއް އޮތީމަ..." ޖުމްލަ ރަނގަޅަށް ނުނިމެނީސް އުޝާއަށް އިސްޖަހާލެވުނެވެ.

" އުޝާ ބޭނުންވާ ކޮންމެ ވާހަކައެއްވެސް އަހަރެންގާތު ދެއްކޭނެ! އަހަރެން މިހުރީ އަޑުއަހަން.."

ކާރުގެ ދުވެލި މަޑުކޮށްލަމުން ނަވީން ބުނެލިއެވެ. އެއާއެކު ފުންނޭވާއެއް ދޫކޮށްލަމުން އުޝާ ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެން... އަހަންނަށް ޒައިންގެ ލޯބި ހަނދާންނައްތައެއް ނުލެވުނު.. އެހެން މީހަކާ އިނދެގެން އުޅުނެއްކަމަކު ފަހުން ފަހުން އައިސް ޒައިން ހުންނަނީ އަހަންނާމެދު ހަމްދަރުދީވެފަ! އަހަރެންދެކެ ލޯބިވާކަމަށް ބުނަންފެށި! "

" އެކަމަކު އޭނައަށް ފާޅުގައި ޙަޤީޤަތް ހާމަކުރާކަށް ނުކެރުނު! އުޝާއާ ކައިވެނި ކުރާކަށް ނުކެރުނު! އޭނަގެ ދަރިފުޅަށް ބައްޕައެއްގެ ފުރިހަމަ ލޯބިދޭކަށް ނުކެރުނު! އޭގެ ބަދަލުގަ އޭނައަށް މުޙިއްމުވީވެސް، އޭނައަށް އިސްކުރެވުނީވެސް އަނބިމީހާއާ، އެބަނޑަށް ލިބުނު ދަރިފުޅު! އުޝާ ރޮއްވާފައި ބެހެއްޓުން ފިޔަވާ ކުރެވުނީ ކޮންކަމެއް؟ އޭނަ ބިރުގަތީ ކައިވެނި ރޫޅިދާނެތީ! ފަހުމީބޭމެން ބިރުގަތީ ޒައިންގެ އަންހެން ދަރިފުޅު ގެއްލިދާނެތީ! ތިގޭތެރޭގައި އުޝާއާ ނޫޙުއަށް ވިސްނީ ކޮންބައެއް؟ ލޯތްބަކީ ދުލުން ބުނެލުމުން ފުދޭ އެއްޗެއް ނޫނޭ! ލޯތްބަކީ އިޙްސާސެއް! ހުރިހާ ރަހަތަކެއް ފުރިހަމަވެގެން ކުރެވޭ ފޮނި އިޙްސާސެއް! އުޝާ އޭނަ ދެކެ ވަމުންދާ ލޯބީގައި އެހުރިހާ ރަހައެއް ހިމެނޭތަ؟ އުފަލާ. ހިތްހަމަޖެހުމާ. އަރާމާ، އިތުބާރާ، ކުލުނާ، އެހީތެރިކަމާ، ދިފާޢު ކުރުން ތި ލޯބީގައިވޭތަ؟ "

ވަކީލަކު ފަދައިން ނަވީން ވާހަކަ ދެއްކިއެވެ. ދޭނެ ޖަވާބެއް ނޭނގިފައި އުޝާއަށް ހަމަ އިނދެވުނީއެވެ.

" ބުނެބަލަ! " އަނެއްކާވެސް ނަވީން އެހިއެވެ.

" ނޫން.. " އުޝާދިނީ ކުރު ޖަވާބެކެވެ. އެއާއެކު ނަވީންގެ މިސްރާބު ބަދަލުކޮށްލީ ފަހުމީގެ ގެއާ ދިމާލަށެވެ.

" އަހަރެން އަދިވެސް މިހުރީ އުޝާއާ އިންނަން ބޭނުންވެފަ! "

ނަވީން އެހެން ބުނުމުންވެސް އުޝާ އޭނާއަކަށް ނުބެލިއެވެ. ދެފަހަރަކު ނަވީން އުޝާއަށް ބަލާލި އިރުގައިވެސް އޭނާ އިނީ ހަމަ އިސްޖަހާލައިގެންނެވެ.

" އުޝާގެ ނިންމުން ބަދަލެއް ނުވާނެތަ؟ " ނަވީން އަހާލިއެވެ.

" އާނ! އަހަންނަށް ނަވީންގެ ގޮތް ނޭނގޭ ހިނދުވެސް އިންނަން އެއްބަސްވީ އެގެއިން ދާން ބޭނުން ވެގެން.." އުޝާ ތެދުތެދަށް ބުންޏެވެ.

" އަހަރެންދެކެ ގަދަކަމުން ލޯބިވާށެކޭ ނުބުނާނަން! އެކަމަކު އަހަރެންދެކެ އުޝާއަށް ލޯބި ވެވޭއިރުގައިވެސް އުޝާއަކަށް ނޭނގޭނެ...!" ނަވީންގެ އަޑުން އުޝާއަށް ދެލޯމަރާލެވުނެވެ. އިތުރު މީހަކުދެކެ ލޯބިވާނެ ހިތްވަރު އޭނާގެ ކިބައިގައި ނެތްކަން އޭނާއަށް އެނގެއެވެ. އުޝާގެ ހިތަކީ ދިރިއުޅުމުގައި ހަނގުރާމަކޮށްކޮށް ބަލިވެފައި އޮތް ހިތެކެވެ. އުޝާ ޤަބޫލުކުރާގޮތުގައި އެހިތަށް ފަރުވާ ދެވޭނެ އެއްވެސް މީހަކު ނެތެވެ.

***

" އުޝާ އެ ކައިވެންޏަށް ރުހުނީމަ އަހަރެން ހަމަ ހައިރާންވެއްޖެ! ހުރިހާ ޙަޤީޤަތެއް އެނގިހުރެ ނަވީންވެސް އެއްބަސްވީމަ އަދި މާ ހައިރާންވެއްޖެ! "

ނިދަންލާ ދިގުމެޑީ ގަޔަށް މަހާލަމުން އަމީރާ ވާހަކަ ދެއްކީ އެނދުމަތީގައި އޮތް ފަހުމީއާއެވެ. އޭރު ފަހުމީވެސް އޮތީ ފުން ވިސްނުމެއްގައިކަން އޭނާއަށް އެނގުނެވެ.

" ޒައިންގާތު އެވާހަކަ ބުނެފިންތަ؟ "

އަމީރާ އައިސް ފަހުމީގާތު އޮށޯވެލުމާއެކު ފަހުމީ އަހާލިއެވެ.

" ބުނެވޭނީ ގެއަށް އައިސްގެންނެއްނު! އަހަރެން ގުޅާގުޅާ ފޯނެއް ނުނަގާ! އަދިވެސް އެހުރީ ނަދާގެ ކަންތަކުގަ ބޯ ގޮވާފަ ކަންނޭނގެ! ދެން ރަނގަޅުވާނީ އޭނަ އަމިއްލައަށް ހަމަޖެހެން ދޫކޮއްލިއްޔާ ކަންނޭނގެ! "

އަމީރާ ބުނެލިއެވެ.

" އުޝާގެ ކައިވެނީގެ ވާހަކަ ދެއްކީމަ އެފަކީރަށް ވާނެ ގޮތްވެސް ނޭނގެދޯ! އެކަމަކު ކީއްކުރާނީ؟"

" ފޯނު ނެގިއްޔާ މަ ބުނާނަން އަންނާށޭ އެކަން ހުއްޓުވަން! އަޅެ މާނިޙްއަށް ގުޅާބަލަ!" ކުއްލިއަކަށް އަމީރާ ހަނދާންވީ މާނިޙް މަތިންނެވެ. ޒައިންވީތަނެއް މާނިޙްއަށް އެނގޭނެތީ ފަހުމީވެސް އަވަސްވެގަތީ މާނިޙްއަށް ގުޅާށެވެ.

" އައްޑުއަތޮޅު ކޭބަލް އަޅަން ގޮސްވީ! ހަފްތާއެއްވަރު ފަހުން މާލެ އަންނާނެ! ބިޒީވީމަ ކަންނޭނގެ ފޯނު ނުނަގާ އުޅެނީ މަ ގުޅީމަވެސް.."

މާނިޙް އެހެން ބުނުމުން ފަހުމީއަށް ހަމަޖެހުން ލިބުނެވެ. އޭނާ ހީލަމުން ފޯނު ކަނޑާލުމާއެކު އަމީރާ ފަހުމީގެ ގައިގައި ޖަހާލިއެވެ.

" އަޅޭ! މާނިހް ގާތު ބުނި ނަމައެއްނު އުޝާ މެރީ ކުރާވާހަކަ ޒައިންގާތު ބުނަން.." އަމީރާގެ ކެތްތެރިކަމެއް ނެތުމުން ފަހުމީ ކޮންމެވެސް ވަރަކަށް ރުޅިއައެވެ.

" އެއީ މާނިޙޭ! އުޝާގެ ވާހަކަ ދައްކާކަށް ބޭނުމެއްނޫން! އެހެން ނޫނަސް ޒައިންއަކަށްވެސް އެ ކައިވެންޏެއް ނުހުއްޓުވޭނެދޯ! އަހަރެން މި ބަލާލީ މަގޭ ދަރިފުޅު ހެޔޮޙާލުގައި ހުރިތޯއޭ! "

ފަހުމީ ތަންކޮޅެއް ބާރަށް އެހެން ބުނުމުން އަމީރާ ވަގުތުން މައިތިރިވެއްޖެއެވެ.

( ނުނިމޭ )

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (32)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (32)

(ނިމުނީ)