ހއ. ދިއްދޫގެ ފަރަށް ޓަގު ބޯޓު އަރައިގެން ލިބުނު ގެއްލުން ދެނެގަތުމަށް އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޓީމެއް މި ހަފުތާގައި ދާން ނިންމާފައިވާ ކަމަށް ބުނެފިއެވެ.

'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ ޑިރެކްޓަރ ޔޫސުފް ރިޟުވާން ވިދާޅުވީ ނުދެވި ލަސްވަނީ މޫސުން ގޯސްވުމުގެ ސަބަބުންނާއި ހަމަޖައްސަންޖެހޭ ބައެއް ކަންކަން ހުރުމުން ކަމަށެވެ.

Ad
rt

އެހެންނަމަވެސް މިފަދަ ކަމެެއް ދިމާވުމުން އަމަލުކުރަމުންދާ އުސޫލާއި އެއްގޮތަށް ހުރިހައި މަރުހަލާއެއް ވެސް ފުރިހަމަކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަހަލަ ކަމެއް ދިމާވީމަ އެންމެފުރަތަމަ ކުރާކަމަކީ ބޯޓުގެ ވެރިފަރާތަށް ސިޓީއެއް ފޮނުވަނީ އިންސިޑެންޓް ރިޕޯޓު ހޯދުމަށް. ދެން އަޅުގަނޑުމެންގެ ޓީމެއް އެ ސަރަހައްދަށް ފިޒިކަލީ ދަނީ އެކަންކަން ބަލަން. އެކަމަކުު މިދުވަސްވަރު މޫސުން ގޮސްވުމާ އެކަހަލަ ކަންކަމުގެ ނިންމަންޖެހޭ ބައެއް ކަންކަން ހުރުމުން ލަސްވަނީ،" ރިޟުވާން ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މަސައްކަތްކުރަމުން މިދަނީ މި ހަފުތާގެ ބުރާސްފަތި ދުވަހު އީޕީއޭ ގެ ޓީމެއް އެ ސަރަހައްދަށް ފޮނުވައި، ކަންހިނގާފައިވާގޮތް ބެލުމަށްފަހު، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ދިއްދޫ ފަރުމައްޗަށް ޓަގު ބޯޓަކާއި ބާޖެއް އަރާފައިވަނީ މެއި 2 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެއީ އެރަށު ބަނދަރު މަޝްރޫޢަށް ހިލަ ހިފައިގެންއައި އިންޑިއާގެ އިންޑިއާގެ އެމްއެމް އެކްސްޕޯޓުގެ ޓަގު ބޯޓަކާއި ބާޖެކެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ''ތިލަދުން'' އަށް ކުރިން ވިދާޅުވެފައިވަނީ އެރަށު ފަރުމައްޗަށް އެރި ބާޖު އަންގާރަ ދުވަހު ފުންކޮށްފައިވާ ކަމަށެވެ. އަދި ޓަގު ބޯޓު ރޭ 10:00 ހާއިރު ފުންކޮށްފައިވާ ކަމަށެވެ. އެ ޓަގު ބޯޓު އެރީ އެރަށުގެ އިރުމަތީ ފަރާތު ފަރުމައްޗަށެވެ.