ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތަށް ގެނައި "ރުމެއިލާ" ފޮނުވާލިޔަސް، ބުރިޖުގެ މަސައްކަތް ނުހުއްޓޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ "ރުމެއިލާ" ފޮނުވާލީ މިވަގުތު އޭގެ އެހީގައި ކުރަން ހުރި ބްރިޖު މަސައްކަތްތައް ނިމުމުން ކަމަށެވެ.

Ad
rt

ބްރިޖް މަސައްކަތްތައް ތާވަލާއި އެއްގޮތަށް ކުރިއަށްދާ ކަމަށާއި ބްރިޖުގެ އެކި ހިސާބުގައި ތަނބުތައް ޖެހުމުގެ މަސައްކަތް ކުރިއަށްދާކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. ތަނބުތައް ޖަހާއިރު ބޭނުން ކުރަމުންދަނީ އެކި ޕްލެޓްފޯމްތައް ކަމަށާއި އެކަންކަމަށް ހުއްޓުމެއް ނާންނަކަމަށް ވިދާޅުވިއެވެ.

"މީގެ މަހެއްހާ ދުވަސްކުރިން އަޅުގަނޑުވެސް ބުރިޖު މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ދިޔައިން. އެތަނުގައި އެއްވެސް ހުއްޓުމެއްނެތި މަސައްކަތް ދަނީ ކުރިއަށް." މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ތާވަލާއި އެއްގޮތަށްމަސައްކަތްދާއިރު ވިލިމާލެއާއި، މާލެއާއި ދެމެދު ބްރިޖް މިއަހަރު ގުޅާލެވޭނެ ކަމަށެވެ. އަދި ބްރިޖުގެ މަސައްކަތުގެ ތަނބުތަކުގެ މަސައްކަތް ކުރަމުންދަނީ ކަނޑު އަޑީގައި ކަމަށްވުމުން ފެންނަ މަންޒަރު ކުޑަވިނަމަވެސް މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

އެފްކޮންސްގެ އަމާޒަކީ 2024 ވަނަ އަހަރު ބްރިޖުގެ ހުރިހާ މަސައްކަތެއް ނިންމުމެވެ. އަންނަ ޑިސެމްބަރު މަހު ބްރިޖު މާލެއިން ގުޅިފަޅަށް ނިންމާލުމަކީ އެފްކޮންސްގެ އަމާޒެކެވެ.

ބްރިޖު މަޝްރޫއާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ގޮތުން 6.7 ކިލޯ މީޓަރުގެ ދިގު މި ބްރިޖު/ކޯޒްވޭ ލިންކްގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ ތިން ނެވިގޭޝަން ބްރިޖުތަކުގައި 140 މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއަޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ވެސް ހިމެނޭނެއެވެ.

ޓްރެފިކް ލައިޓާއެކު މި ބްރިޖު ފުރިހަމަ ކުރާ އިރު، ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނާނެއެވެ. އަދި ސޯލާރ ޕެނަލްސް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެއެވެ.

މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫއު ވެސް ހިމެނޭ ގޮތަށް ބްރިޖު އެޅުން ކުރިއަށްދާ އިރު، މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.