މި އަހަރުގެ ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމުގެ އިންތިޒާމުތައް ކުރަމުން އަންނަކަމަށާއި ތިން ސަރަހައްދެއްގައި ބިޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މާލެއިން މާފަންނު ސްޓޭޑިއަމް ސަރަހައްދާއި، ވިލިމާލެ ބޯޅަދަނޑު އަދި ހުޅުމާލެ ފޭސް 2ގެ ކްރިކެޓް ސްޓޭޑިއަމް ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މި ސަރަހައްދުތަކުގައި ސައުންޑް ހަމަޖައްސާނެ ފަރާތެއް ވެސް ހޯދުމަށް ވެސް އެ މިނިސްޓްރީން މިހާރުވަނީ އިއުލާން ކޮށްފައެވެ.
ބޮޑު ޖަމާއަތުގެ އިތުރުން މާލެ ސަރަހައްދުގެ ބައެއް މިސްކިތްތަކުގައި ވެސް އީދު ނަމާދު ކުރާނެ ކަމަށާއި އެ މިސްކިތްތަކުގެ ތަފްސީލު ފަހުން ހާމަކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އީދު ނަމާދަށް ދާ ހުރިހާ ފަރާތްތަކުން ވެސް ގެއިން ވުޟޫކޮށްގެން ދިއުމަށާއި، އަމިއްލަ މުސައްލައަކާއި ފެންފުޅިއެއް ގެންގުޅުމަށާއި، ފައިވާން ނުވަތަ ބޫޓު ލާނެ ކުޑަ ޕްލާސްޓިކް ނޫން ދަބަހެއް ނުވަތަ ކޮތަޅެއް ގެންދިއުމަށް އެ މިނިސްޓްރީން އިލްތިމާސް ކޮށްފައި ވެއެވެ.
މާލެ ސިޓީގެ އިތުރުން އަތޮޅު ތެރޭގެ ގިނަ ރަށްތަކެއްގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!