ތިލަދުންމަތީ އުތުރުބުރީ ބާރަށުން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރަން ނިންމައި އެކަމާއި ގުޅޭ އުސޫލް އާންމުކޮށްފިއެވެ.
ސިޔާސީ ޕާޓީތަކަށް ބާރަށުން ބިން ދޫކުރުމުގެ އުޞޫލުގެ ދަށުން ދޫކުރުމަށް ނިންމާފައި ވަނީ 1000 އަކަފޫޓަށް ވުރެ ކުޑަނޫން އަދި 2000 އަކަފޫޓަށްވުރެ ބޮޑު ނޫން ބިމެވެ. ބިން ދޫކުރާނީ ގިނަވެގެން 15 އަހަރުގެ މުއްދަތަށެވެ.
އުސޫލުގައި ބުނެފައިވާގޮތުން ބާރަށުން ސިޔާސީ ޕާޓީއަކަށް ބިން ލިބޭނީ އެ ޕާޓީއެއްގައި 25000 (ފަންސަވީސް ހާސް) މެމްބަރުން ހަމަވާނަމައެވެ. މީގެ އިތުރުން ބާރަށުގައި އެ ޕާޓީއެއްގެ ރަޖިސްޓަރީގައި 300 މީހުން ތިބެންޖެހެއެވެ.
ސިޔާސީ ޕާޓީތަކަށް ދޫކުރާ ބިންތަކުގައި އެ ޕާޓީތަކުގެ އޮފީހާއި ޖަގަހަ ހަދައި ސިޔާސީ ހަރަކާތް ހިންގޭނެއެވެ. ނަމަވެސް ސިޔާސީ ޕާޓީގެ މަންފާއާއި ނުގުޅޭ ކަންކަން އެ ބިންތަކުގައި ކުރުމަކީ މަނާކަމެކެވެ. ބިން ބޭނުންކުރުމުގެ އުސޫލާއި ޚިލާފަށް އެ ބިންތައް ބޭނުންކުރާނަމަ އެތަންތަން އަތުލުމުގެ ބާރު ބާރަށު ކައުންސިލަށް ލިބިގެންވެއެވެ.
ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމަށް ރާއްޖޭގެ ބައެއް ކައުންސިލުތަކުން މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންނެނެވެ. ނަމަވެސް އުސޫލް އެކުލަވާލައި އެ އުސޫލް ގެޒްޓްކޮށް ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމަށް ނިންމި ފުރަތަމަ ރަށަކީ ބާރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!