ސްކޫލްތަކުގެ ހިނގުން ހަރުދަނާ ކުރުމުގެ ގޮތުން ޤާބިލް ޕްރިންސިޕަލުން އުފެއްދުމަށްޓަކައި، ޕްރިންސިޕަލުން ތަމްރީން ކުރުމަށް ބޭނުންވާ ޙާއްސަ ސްކޮލަރޝިޕް ޕްރޮގްރާމްތައް ސްޕޮންސަ ކުރުމަށް އެމްޑަބްލިޔުއެސްސީ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައު ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.

Ad
rt

މިފަހުމުނާމާގެ ދަށުން، ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ގާބިލް ޕްރިންސިޕަލުން އުފައްދާ ތަމްރީން ކުރުމަށްޓަކައި މާސްޓާސް ޑިގްރީ ލެވެލް ކޯހުގެ 10 ސްކޮޕަލަޝިޕާއި ކުރު މުއްދަތުގެ 110 ކޯސް ސްޕޮންސަ ކުރުމަށް ވަނީ ހަމަޖެހިފައެވެ. ދެ އަހަރު ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ މިޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އެމްޑަބްލިޔުއެސްސީގެ އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ރާއްޖޭގައި ސްކޫލްތައް ހިނގުމަށް ހާއްސަވެގެން ތަމްރީން ލިބިފައިވާ ބޭފުޅުން މަދުކާމާއެކު ސްކޫލްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ހިނގުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމާއި ސްކޫލްތަކުގައި ކިޔަވައިދިނުން ރަނގަޅު ކުރުމަށްޓަކައި ފެންވަރު ރަނގަޅު ޕްރިންސިޕަލުން ތިބުމަކީ ކޮންމެހެން މުހިންމުކަމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި އިލްމީ ޤާބިލް ރަނގަޅު ޕްރިންސިޕަލުން ސްކޫލްތަކުގައި މަސައްކަތްކުރުމަކީ ދަރިވަރުން ރަނގަޅު ނަތީޖަ ހޯދުމަށް މެދުވެރިވާ ސަބަބެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މުޖުތަމަޢަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ރޮނގަކުން ދިވެހިން އުނގެނުމާއި ބިނާކުރުމަށް މިފަދަ ފުރުސަތެއް، އެމްޑަބްލިޔުއެސްސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ފަހިކޮށް ދެވުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލާކާއި ޝަރަފެއް ކަމަަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި މިއީ މުޖްތަމަޢަށް އޭގެ މަންފާއާއި ލާބަ ނުހަނު ބޮޑަށް ލިބިގެންދާނެ ކަމެއްކަމުގައިވެސް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިއުއެސްސީއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ މުޖްތަމައުގެ ކުރިއެރުމާއި، ލާބައާއި އަދި މަންފާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.