އިންޓަނޭޝަނަލް ބްރޭކަށް ފަހު ޕްރިމިއާ ލީގުގެ ކުޅުން މިއަދު ފަށާފައިވާއިރު، އާސެނަލުން ބްރޭކަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި މިރޭ ލީޑްސް ޔުނައިޓެޑް ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލީޑު ފުޅާކޮށްފިއެވެ.

މިރޭ އަމިއްލަ ދަނޑުގައި ލީޑްސްއާއި ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވެފައި ވަނީ 4-1 ގެ ނަތީޖާއިންނެވެ.

Ad
rt

މި މެޗުގައި އާސެނަލުގެ ފުރަތަމަ ލަނޑު 35 ވަނަ މިނެޓުގައި ޖަހައިދީފައި ވަނީ ޖީސަސްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ޕެނަލްޓީއަކުންނެވެ. މިއީ ލީޑްސްގެ ޑިފެންޑަރ ޕަސްކަލް އެ ޓީމްގެ އޭރިއާތެރެއިން ޖީސަސްއަށް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ.

އާސެނަލްގެ ދެވަނަ ލަނޑު 47 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ބެން ވައިޓެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ މާޓިނެއްލީ ލީޑްސްގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅައަކުންނެވެ.

ދެވަނަ ލަނޑު ޖެހިތާ އަށް މިނެޓް ފަހުން ޖީސަސް ވަނީ އާސެނަލް އަށް ތިންވަނަ ލަނޑު ޖަހައިދީފައެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ޓްރޮސާޑް ލީޑްސްގެ އޭރިއާ ތެރެއިން ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.

މެޗުގައި ލީޑްސް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ކްރިސްޓެންސެންއެވެ. އާސެނަލްގެ ހަތަރުވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި އޮޑެގާޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ޒާކާއެވެ.

މި މެޗުން މޮޅުވުމާއިއެކު އާސެނަލްއަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އަށް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އާސެނަލް އަށް ކުޅުނު 29 މެޗުން 72 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ސިޓީއަށް 28 މެޗުން ލިބިފައި ވަނީ 64 ޕޮއިންޓެވެ. އާސެނަލް އަތުން ބަލިވި ލީޑްސް މިވަގުތު އޮތީ ތާވަލުގެ 16 ވަނާގައެވެ. އެ ޓީމަށް 28 މެޗުން ލިބިފައި ވަނީ 26 ޕޮއިންޓެވެ.