ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކުރިމަތިވެދާނެ އިތުރުކަމަކަށް ވަރަށްބޮޑަށް ވިސްނަންޖެހޭ ކަމަށާއި އެކަމަށް ތައްޔާރަށް ތިބެންޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު މިފަދައިން ވިދާޅުވީ ރައީސް ސާލިހުގެ މޮޓޯކޭޑު ހުއްޓުވި މައްސަލައަށް ރިޔާއަތް ކުރައްވައެވެ.

Ad
rt

ޖާބިރު ވިދާޅުވީ ރައީސްގެ މޮޓޯކޭޑު ހުއްޓުވައި، ހުރަސް އެޅުމަކީ ވަރަށް ވެސް ދެރަ އަމަލެއް ކަމަށާއި މިހެންވެ، ކުރިއަށް އޮތްތަނުގައި އަތުވެދާނެ އިތުރު ކަމަކަށް ވަރަށް ވިސްނައި، ފާރަލާން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެން އެދިޔައީ ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅިތަން. އެއީ އެއްގޮތަކަށް ވެސް ވެގެންވާނެ ގޮތެއް އަދި ކުރެވިގެންވާނެ ކަމެއް ނޫން. އެހެންވީމަ ދެން އަތުވެދާނެ އިތުރު ކަމަކަށް އަޅުގަނޑުމެން ޖެހޭނެ ވިސްނަން. ހާއްސަކޮށް މި މަޖިލީހުން ވަރަށްބޮޑަށް ޖެހޭނެ އެކަންކަމަށް ވިސްނައިގެން ތިބެން." ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިހުގެ ވެރިކަމުގައި ރާއްޖެދަނީ ބާރަަށް ކުރިއަށް ކަމަށާއި މަޖިލިސް ވެސް ދަނީ ބާރަށް ކުރިއަށް ކަމަށް ވެސް ވިދާޅުވިއެވެ. އަދި އިތުރު ދައުރަކަށް ރައީސްގެ މަގާމަށް ސާލިހު ހޮވުމަށް ވަނީ އެދިވަޑައިގެންފައެވެ.

މިއަދުގެ މަޖިލިސް ތަޅުމުގައި ޖާބިރު ވަނީ އޭނާ ހައްދަވާ ޕާޓީ "ގްރީން ޕާޓީ އޮފް ދަ މޯލްޑިވްސް" އަށް ވީހާވެސް ގިނަ މީހުން ގުޅުމަށް އެދިފައެވެ. ހާއްސަކޮށް ގިނަ ޒުވާނުން އެ ޕާޓީއަށް ގުޅުމަކީ ވަރަށްބޮޑަށް އެދޭ ކަމެއް ކަމުގައި ވިދާޅުވިއެވެ.